ޚަބަރު

ޖަނަވަރީމަހު ރާއްޖެއަށް ރެކޯޑު އަދަދަކަށް ފަތުރުވެރިން


  • ޖަނަވަރީމަހު 224,788 ފަތުރުވެރިން ޒިޔާރަތްކޮށްފައިވޭ

  • މީގެކުރިން އެންމެ ގިނައިން ފަތުރުވެރިން އައީ މިދިޔަ ޑިސެންބަރުމަހު

  • މިދިޔަ ޑިސެންބަރުމަހުގެ އަދަދުތައް ހުރީ 224،455ގައި

މިނިމުނު ޖަނަވަރީމަހު ރާއްޖެއަށް ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ޖަނަވަރީމަހު ރާއްޖެއަށް ވަނީ 224,788 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ ޖަނަވަރީމަހު ރާއްޖެއަށް އައިސްފައިވަނީ 214,863 ފަތުރުވެރިންނެވެ. އެހެންކަމުން ފަތުރުވެރިންގެ އަދަދަށް މިވަނީ %4.6 ކުރިއެރުމެއް ލިބިފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މިނިމުނު ޖަނަވަރީމަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދަކީ ރެކޯޑު އަދަދެކެވެ. މީގެ ކުރިން އެއްމަސްދުވަސްތެރޭ އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ މިދިޔަ ޑިސެންބަރުމަހުއެވެ. އެމަހު ރާއްޖެއަށް އައިސްފައިވަނީ 224،455 ފަތުރުވެރިންނެވެ.

މިކަމާ ގުޅޭގޮތުން ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ ފަތުރުވެރިންގެ އަދަދަށް މި ލިބުނު ކުރިއެރުމާއެކު މިއަހަރު ފެށިގެން މިދިޔައީ ވަރަށް އުއްމީދީ އަހަރެއްގެގޮތުގައި ކަމަށެވެ. އަދި މިއީ ފަތުރުވެރިކަމުގެ މުޅި ސިނާއަތުގެ އެންމެން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ޠާރިޤު ވިދާޅުވީ ފަތުރުވެރިންގެ އަދަދުތަކަށް ލިބެމުން މިދާ ކުރިއެރުންތަކުން ދައްކުވައިދެނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި ސިނާއަތް ކުރިއަރުވައި، މި ސިނާއަތުން ލިބޭ މަންފާ ހުރިހައި ރައްޔިތުންނަށް ލިބޭނެ މަގު ތަނަވަސްކޮށްދެއްވުމަށް ކުރައްވާ މަސައްކަތްތައް ހާސިލްވަމުންދާ މަންޒަރުކަމަށެވެ.

ޖަނަވަރީމަހު އެއްދުވަހެއްގެތެރޭގައި އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ، މިމަހުގެ 11 ވަނަ ދުވަހުއެވެ. އެ ދުވަހު 9،596 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 7,251 ފަތުރުވެރިން ރާއްޖެއެވެ.

މިދިޔަ އަހަރު ނިމުނު އިރު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިން ކަމުގައިވީ ނަމަވެސް، މިއަހަރުގެ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ. އެހެންނަމަވެސް ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ދަނީ ވަރަށް ބާރު ދުވެއްޔެއްގައި އިތުރުވަމުންނެވެ.

އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ 3 ޤައުމު:

ރަޝިއާ: 29,370 ފަތުރުވެރިން
އިޓަލީވިލާތް: 23,171 ފަތުރުވެރިން
ޗައިނާ: 22,676 ފަތުރުވެރިން

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ފިޔަވައި ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ މާފަރު އިންޓަރނޭޝަނަލް އެއާޕޯޓު އަދި ގަން އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ. އެގޮތުން އަހަރުގެ މިހާތަނަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ރާއްޖެއަށް ވަނީ 221,994 ފަތުރުވެރިން އެތެރެވެފައިވެއެވެ. އަދި މާފަރު އެއާޕޯޓުން ރާއްޖެއަށް އައިސްފައިވަނީ 786 ފަތުރުވެރިންނެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، މިދިޔަ އަހަރު ރާއްޖެއަށް ވަނީ ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެގޮތުން މިދިޔަ އަހަރުތެރޭ ރާއްޖެއަށް 2.2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.