މުނިފޫހިފިލުވުން

ފުރަތަމަ އިންޑިއަން އައިޑަލްވެސް ފޮނަދޫގައި !


އިންޑިއާގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ އަބީޖީތު ސާވަންތު، މުޅި ދުނިޔެއަށް މަޝްހޫރު ވެގެންދިޔައީ ފްރެންޗައިޒް ޝޯ އިންޑިއަން އައިޑަލްގެ ފުރަތަމަ ސީޒަން ކާމިޔާބުކޮށް އިންޑިޔާގެ ފުރަތަމަ އައިޑަލް އަށް އޭނާ ވެގެންދިއުމުންނެވެ. މި ކާމިޔާބީއާށް ފަހު އަމިއްލަ ސޯލޯ އަލްބަމްތަކުންނާއި ފިލްމުތަކަށް އޭނާ ކިޔައިދީފައިހުރި ލަވަތަކާއިއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަބީޖީތު އައީ މަޝްހޫރުކަން ހޯދަމުންނެވެ. އޮގޮތުން އޭނާގެ ގިނަ ލަވަތަކަކީ ދިވެހިންގެ ތެރޭގައިވެސް މަޤްބޫލު ލަވަތަކަކަށް ވަނީ ވެފައެވެ. ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމާއި ޓުއަރިޒަމް މިނިސްޓްރީގެ ދަޢުވަތަކަށް، ޕީއެސްއެމް ޢީދު އުފާ ޝޯގައި ލ. އަތޮޅު ފޮނަދޫގައި ހުށައެޅުންތަކެއް ހުށައަޅައިދިނުމަށް އަބީޖީތު މިވަގުތު ހުރީ ލ އަތޮޅުގައެވެ. 

img:http://s2.psmnews.mv/images/660x400/14738315816558.jpg|އަބިޖީތް ސާވަންތް އަދި އޭނާގެ ގްރޫޕް

މިއީ އޭނާ ރާއްޖެއައި ދެވަނަ ފަހަރު ނަމަވެސް ރާއްޖެ އާދެވުމުން އޭނާ ހުރީ ވަރަށް އުފަލުންކަން، ޕީއެސްއެމް ނިއުސްޓީމުން އަބީޖީތާއި ވާހަކަ ދައްކާލުމުން އެނގިގެންދިޔައެވެ. އަދި ފޮނަދޫގައި ބާއްވާ ޝޯގައި، މިހާތަނަށް އޭނާ ކިޔައިދީފައިވާ ލަވަތަކުގެ ތެރެއިން އާންމުންގެ ބޮޑު މަގްބޫލުކަމެއް ލިބުނު ލަވަތަކާއި އޭނާއަށް ކަމުދާ ތަފާތު ލަވަތަކެއް ހުށައަޅައި ދޭނެކަމަށް އަބީޖީތު ބުންޏެވެ.

ފޮނަދޫގައި ހަރަކާތްތެރިވަމުންދާ ޕީއެސްއެމްގެ ޓީމާއި، ފޮނަދޫ ކައުންސިލްގެ އިތުރުން، ފުރަތަމަ މޯލްޑިވިއަން އައިޑަލް ލައިޝާ ޖުނައިދުގެ ފަރާތުން އަބީޖީތާއި އޭނާގެ ބޭންޑަށް ވަނީ ލ. އަތޮޅުން ހޫނު މަރުހަބާއެއް ކިޔާފައެވެ.