ގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގެ އެންމެ ވާދަވެރި ޒޯނުގެ ގޮތުގައި ފާހަގަކުރެވޭ ޒޯން 7 ގެ ފައިނަލުގެ ޖާގަތައް ގއ. ދެއްވަދޫ އާއި ސ. ހިތަދޫއިން ހޯދައިފިއެވެ.
ޒޯން ފައިނަލުގެ ޖާގަ ދެއްވަދޫއިން ހޯދީ، ރާއްޖޭގެ ފުޓްސަލްގެ ބޮޑެތި ނަންތައް އެ ޓީމަކަށް ނިސްބަތްވާ ގދ. ވާދޫގެ މައްޗަށް ސެމީ ފައިނަލުގައި 1-3 އިން ކުރިހޯދައިގެންނެވެ.
ދެއްވަދޫ ޓީމަށް ބަލާލާއިރު އެ ޓީމުގައި، ޤައުމީ ފުޓްސަލް ޓީމަށް ނިސްބަތްވާ ހަތަރު ކުޅުންތެރިއަކު އެބަ ތިއްބެވެ. އެއީ ޤައުމީ ކެޕްޓަން މުޙައްމަދު އިމްރާން (އިންމި) އާއި ހުޒެއިފަތު ރަޝީދު (ހުޒޭ) ގެ އިތުރުން އަޙްމަދު ރާހިލް ރަޝީދު (ރާއްކޮ) އަދި އަލީ ހައިސަމް (ޗުމްޕު) އެވެ.
މި މެޗުގައި ވާދޫއިން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އިބްރާޙީމް ޝައުފް މުޙައްމަދުއެވެ. ދެއްވަދޫގެ ލަނޑުތައް ޖަހައިދިނީ ހުޒެއިފަތުއާއި ރާހިލްގެ އިތުރުން އަހްނަފް ރަޝީދެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރާހިލްއެވެ.
ޒޯން ފައިނަލުގައި ދެއްވަދޫ ނުކުންނާނީ ސ. މަރަދޫގެ މައްޗަށް ކުރިހޯދި ހިތަދޫއާ ދެކޮޅަށެވެ.
ޒޯން ސެމީގައި ހިތަދޫއިން ވަނީ މަރަދޫގެ މައްޗަށް 0-2 އިން ކުުރިހޯދާފައެވެ.
މެޗުގައި ހިތަދޫގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މުޙައްމަދު އިންޝަލްއާއި މުޙައްމަދު ދާނިޝް އިބްރާޙީމެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހާޒިމް ފައުޒީއެވެ.