ޚަބަރު

ގަދަފަދަ ބަޔާންއަށް ހެމްބާގް އަތުން މޮޅު ނުވެވުނު


ޖަރުމަނު ފުޓުބޯޅައިގެ ގަދަބާރު ބަޔާން މިއުނިކުން ހެމްބާގް އެސްވީއާ ދެކޮޅަށް ކުޅެ އެއްވަރުވެއްޖެއެވެ. ހެމްބާގްގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ބަޔާން އިން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، ލިބުނު ކޮންމެ ފުރުސަތެއްގައި ހެމްބާގުން ވަނީ ބަޔާންގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން މެޗުގައި ބަޔާން އިން 14 ހަމަލާއެއް އުފައްދާފައިވާއިރު ހެމްބާގް އިން ވެސް ހަމަ އެ އަދަދަށް ހަމަލާ އުފައްދާފައިވެއެވެ.

ވާދަވެރި، ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ ވެސް ހެމްބާގުންނެވެ. ހާފުގެ 34 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ 34 ވަނަ މިނެޓުގައި ފަބިއޯ ވިއެއިރާއެވެ. މިއީ ލިބުނު ޕެނަލްޓީއަކުން އޭނާ ޖަހައިދިން ލަނޑެކެވެ.

ބަޔާން އިންވަނީ ހާފު ނިމުމުގެ ކުރިން ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. 42 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ އިނގިރޭސި ފޯވާޑް، ހެރީ ކޭންއެވެ. ހަމަހަމަ ނަތީޖާއެއްގައި އޮވެ ދެ ޓީމުން ދެވަނަ ހާފު ފެށިއިރު، މި ހާފުގެ ފުރަތަމަ މިނެޓުގެ ތެރޭގައި ބަޔާން އިން ވަނީ ލަނޑެއްޖަހައި ފުރަތަމަ ފަހަރަށް މެޗުގައި ލީޑުނަގާފައެވެ. މިއީ ލުއިސް ޑިއާޒް ކާމިޔާބުކޮށްދިން ލަނޑެކެވެ.

މެޗުގައި ހެމްބާގަށް ނަތީޖާ ހަމަހަމަކޮށްދިނީ 53 ވަނަ މިނެޓުގައި ލޫކާ ވުސްކޮވިޗް އެވެ. މިއީ ލީގުގައި މިހާތަނަށް ބަޔާން ކުޅުނު 20 މެޗުގެ ތެރެއިން މޮޅެއް ނުހޯދުނު ހަތަރުވަނަ މެޗެވެ. 16 މެޗުން ބަޔާން މޮޅުވެފައިވާއިރު ތިން މެޗުން ވަނީ އެއްވަރުވެފައެވެ. އަދި އެއް މެޗުން ބަލިވެފައިވެސް ވެއެވެ.

މެޗުން މޮޅެއް ނުހޯދުނު ނަމަވެސް ބަޔާން އަދިވެސް އޮތީ ތާވަލުގެ އެއްވަނަގައި 51 ޕޮއިންޓާއެކުއެވެ. ބަޔާންއާ އެންމެ ކައިރިން، ތާވަލުގެ ދެވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެ 42 ޕޮއިންޓު ހޯދާފައިވާ ބޮރޫޝިއާ ޑޯޓްމަންޑެވެ. ބަޔާނާ ދެކޮޅަށް ވަރުގަދަ ފައިޓެއްދީ މެޗުން ޕޮއިންޓެއް ހޯދި ހެމްބާގަށް 19 މެޗުން 19 ޕޮއިންޓާއެކު ލިބެނީ ތާވަލުގެ 13 ވަނައެވެ.