ކުޅިވަރު

ނިއުކާސަލް އަދިވެސް އުޅެނީ އިސާކްގެ ހުސްކަން ފޫނުބެއްދިގެން: ކޯޗު


ނިއުކާސަލް އަށް މި ސީޒަނުގައި ދިމާވެގެން އުޅޭ އެއް މައްސަލަ އަކީ އެންމެ ފަހު ވަގުތު ޓީމު ދޫކޮށްދިޔަ ފޯވަޑް އެލެގެޒެންޑާ އިސާކް ހުސްކުރި ޖާގަ ފޫނުބެއްދުން ކަމަށް ކޯޗު އެޑީ ހޮވޭ ބުނެފި އެވެ.

އޭނާ މިހެން ބުނީ އިނގިރޭސި ރެކޯޑް ފީއެއް ކަމަށްވާ 130 މިލިއަން ޕައުންޑަށް އިސާކް ގަތް ލިވަޕޫލް އަތުން ރޭ 4-1އިން ބަލިވި މެޗަށް ފަހު އެވެ. އިސާކް ލިވަޕޫލަށް ބަދަލުވީ ޕްރެމިއާ ލީގުގެ ސީޒަން ފެށި ފަހުންނެވެ. ކޯޗު ބުނީ އެ ފައިސާއިން ނިއުކާސަލް އެހެން ކުޅުންތެރިން ގަތް ނަމަވެސް އިސާކް އަކީ ތަފާތު ކުޅުންތެރިއެއް ކަމަށެވެ.

"ލިވަޕޫލުން އެ ހަރަދު ކުރީ ކީއްވެ؟ ސަބަބަކީ އޭނާ އަކީ މޮޅު ކުޅުންތެރިއަކަށްވާތީވެ. ތަފާތު މޮޅު ކުޅުންތެރިއެއް ވީމާ އެ މީހުން ވެސް އެވަރަކުން އެ ހުނަރު ގަތީ. އޭނާ ފަހު ވަގުތު ޓީމު ދޫކޮށްލުމުން އަހަރުމެން އަދިވެސް މިއުޅެނީ އެ ހުސްކަން ފޫނުބެއްދިގެން،" ކޯޗު ބުންޏެވެ.

ނަމަވެސް އަނިޔާގެ ސަބަބުން ރޭގެ މެޗުގައި އިސާކް ނުކުޅެ އެވެ. ލިވަޕޫލަށް ކުޅެނިކޮށް ލިބުނު އަނިޔާގެ ސަބަބުން އޭނާ އަށް ދެން ކުޅެވޭނީ މި ސީޒަނުގެ ފަހުކޮޅު އެވެ.

އަލަށް ޓީމަށް ގެނައި ކުޅުންތެރިންނަށް ސީޒަން ދެބައިވިއިރު ވެސް ޓީމަށް ނުހޭނޭކަން ކޯޗު ފާހަގަ ކުރި އެވެ.

"އެ ކުޅުންތެރިން ވަރަށް ރަނގަޅަށް މަސައްކަތް ކުރޭ. އެކަމަކު ރަނގަޅު ޕްރީ ސީޒަނެއް ޓީމާއެކު ނެތި ކޮންމެ ތިން ދުވަހަކުން ނުވަތަ ހަތަރު ދުވަހަކުން މެޗުތައް އޮންނައިރު އެ މީހުންނަށް ވާހަކަ ދެކެވޭ ކަންކަން ރަނގަޅު ކުރަން. ވީޑިއޯ ދައްކައި ޓެކްޓިކްސް އަށް މަސައްކަތް ކުރެވޭ. އެކަމަކު ދަނޑުމަތީގައި ފަރިތަކުރަން ލިބޭ ވަގުތު ވަރަށް މަދު. މިއީ އެންމެ ބޮޑު މައްސަލައަކީ،" ކޯޗު ފާހަގަ ކުރި އެވެ.

އޭނާ އަދި ބުނީ މި ސީޒަނުގައި ނިއުކާސަލް ނެރެމުންދާ ނަތީޖާތައް ގޯސް ނޫން ކަމަށެވެ. އަދި ލިވަޕޫލް އަތުން ތަފާތު ބޮޑުކޮށް ބަލީވީ ދެ ޓީމުގެ ހުނަރުގެ ތަފާތުގެ ސަބަބުން ކަމަށެވެ.

"އެ މީހުންގެ ޓީމަކީ އެންމެ ހުނަރުވެރި އެއް ޓީމު. ކޮންމެ މަގާމަކަށް ވެސް ކުޅެން ތިބީ މޮޅު ކުޅުންތެރިން. އެ މީހުން ވަނީ ސީޒަނަށް ވަރަށް ބޮޑު ހޭދައެއްކޮށްފައި. އޭގެ ނަތީޖާ ފެނިގެން މިދިޔައީ،" ކޯޗު ބުންޏެވެ.

މި މޮޅާއެކު ލިވަޕޫލް ވަނީ 24 މެޗުން 39 ޕޮއިންޓާއެކު ތާވަލުގެ ފަސް ވަނާގަ އެވެ. ނަމަވެސް މިރޭ މެންޗެސްޓާ ޔުނައިޓެޑް މޮޅުވެއްޖެނަމަ މި ލިވަޕޫލް ހަޔަކަށް ވެއްޓޭނެ އެވެ. ނިއުކާސަލް އޮތީ 33 ޕޮއިންޓާއެކު 10 ވަނާގަ އެވެ.