ޚަބަރު

ސަބަލެންކާ ބަލިކޮށް ރައިބަކީނާ ޗެމްޕިއަންކަން ހޯދައިފި


އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ އަންހެން އިވެންޓުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް އެލޭނާ ރައިބަކީނާ ހޯދައިފި އެވެ.

ރަޝިޔާއަށް އުފަން ކަޒަކިސްތާނުގެ ރައިބަކީނާ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ފައިނަލުގައި ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާ ބެލަރޫސްގެ އެރީނާ ސަބަލެންކާ ބަލިކުރުމަށްފަހުގަ އެވެ.

މީގެ ތިން އަހަރު ކުރިން މެލްބަން ޕާކްގައި ކުޅުނު ފައިނަލް މެޗުން ސަބަލެންކާ އަތުން ބަލިވެފައިވާ ރައިބަކީނާ ވަނީ މި ފަހަރުގެ ފައިނަލުގައި ރަގަޅު ކުޅުމެއް ދައްކާ ބަދަލު ހިފާފަ އެވެ.

މި މެޗުގެ ފުރަތަމަ ސެޓު ހައެއް ހަތަރެއްގެ ނަތީޖާ އަކުން ރައިބަކީނާ ކާމިޔާބުކުރި ނަމަވެސް ދެވަނަ ސެޓު ހަމަ އެ ނަތީޖާއިން ސަބަލެންކާ ވަނީ ކާމިޔާބުކޮށްފަ އެވެ. ތިންވަނަ ސެޓުގައި ރައިބަކީނާ ވަނީ ފުރަތަމަ ސެޓާއި އެއްގޮތަށް މޮޅު ކުޅުމެއް ދައްކާ ހައެއް ހަތަރެއްގެ ނަތީޖާއަކުން ސެޓު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފަ އެވެ.

އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް ކާމިޔާބުކުރިއިރު މިއީ 2022 ވަނަ އަހަރުގެ ވިމްބަލްޑަން ޓެނިސް މުބާރާތަށްފަހު ރައިބަކީނާ ކާމިޔާބުކުރި ފުރަތަމަ ބޮޑު މުބާރާތެވެ.

އުމުރުން 26 އަހަރުގެ ރައިބަކީނާ އަތުން ސަބަލެންކާ ބަލިވެފައިވާއިރު މިއީ އޭނާ އެންމެ ފަހުން ކުޅުނު ބޮޑު ހަތަރު މުބާރާތުގެ ފައިނަލުގައި ބަލިވި ތިންވަނަ ފަހަރެވެ.