ޚަބަރު

ދިވެހި ދެ ޙައްޖާޖީއެއްގެ ޙާލު ދެރަވެ ހޮސްޕިޓަލުގައި ފަރުވާދެނީ


ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ދިޔަ ދެ ދިވެއްސަކަށް އަދިވެސް މައްކާގެ ކިންގް ފައިސަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ވިދާޅުވެއްޖެއެވެ.

މިކަމާބެހޭ އެންމެ ފަހުގެ މަޢްލޫމާތު ޕީ.އެސް.އެމް ނިއުސްއާއި ޙިއްސާ ކުރައްވަމުން، އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓަރ މުޙައްމަދު އަޙްސަން ވިދާޅުވީ މި ދެމީހުންގެ ޙާލު ދެރަވެ، މައްކާގެ ކިންގް ފައިސަލް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދާތާ މިހާރު ހަފްތާއެއް ވެފައިވާކަމަށެވެ. އަދި އައި.ސީ.ޔޫގައި ފަރުވާދެމުންދާއިރު، މީގެ ތެރެއިން އެކަކުގެ ޙާލު ވަރަށް ސީރިއަސް ކަމަށް އަހްސަން ވިދާޅުވިއެވެ. 

މީގެ އިތުރުން ރާއްޖެއިން ޙައްޖަށްދިޔަ ފުވައްމުލަކު މީހަކު ރޭ ވަނީ ނިޔާވެފައެވެ. އަޙްސަން ވިދާޅުވީ، ނިޔާވެފައި ވަނީ ފުވައްމުލަކު ދޫޑިގަމް، އާރާމުގެ، އުމުރުން 70 އަހަރުގެ ޢަބްދުﷲ ނާޞިރުކަމަށެވެ. އަދި ނާސިރު ނިޔާވެފައިވަނީ މޭގައި ރިއްސާތީ ވާދިލް މިނާ ހޮސްޕިޓަލުގެ އައި.ސީ.ޔޫގައި ފަރުވާ ދެމުން ދަނިކޮށް ރޭގެ ވަގުތެއްގައި ހާޓް އެޓޭކެއް ޖެހިގެން ކަމަށް އަޙްސަން ވިދާޅުވިއެވެ. އަދި މިއަދު މެންދުރު ނަމާދަށްފަހު މަސްޖިދުލް ޙަރަމްގައި މަރުހޫމް ނާސިރުގެ ކަށުނަމާދުކުރުމަށްފަހު މަޤްބަރަތުއް ޝަރާއިޢުގައި ވަޅުލާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.