ޚަބަރު

އޯޓިޒަމް ގާލާގައި އާލް ކުރި ހިތްވަރަށް ހަމަ ސާބަސް


އޯޓިޒަމްގެ އުނދަގޫ ތަޙައްމަލް ކުރަމުންދާ ކުދިންގެ ހުނަރު ދުނިޔެ އަށް ދައްކާލައި، އެ ކުދިންނަށް ހިތްވަރު ދިނުމުގެ ގޮތުން ކުރިއަށް ގެންދާ، އޯޓިޒަމް ގާލާގައި ބައިވެރިވި ދިވެހި ކުދިންގެ ތެރެއިން އަޔާން އާލް ބިން އަޙުމަދު ނާސިރަށް، އޭނާ ވާދަކުރި ކެޓަގަރީން އެއްވަނަ ލިބިއްޖެއެވެ.

ރާއްޖޭގެ 7 ކުއްޖަކު ވާދަ ކުރި މިގާލާގެ އޮންލައިން ކެޓެގަރީން ދެވަނަ ލިބިފައިވަނީ ވެސް ރާއްޖޭގެ ކުއްޖަކަށެވެ. 



(އަޔާން އާލް ބިން އަޙުމަދު ނާސިރު)

ހޮންކޮންގްގެ އަނާނާ ޖަމްޢިއްޔާއިން ދުނިޔޭގެ އޯޓިޒަމް ކުދިންނަށް ޚާއްޞަ ކޮށްގެން ކުރިޔަށް ގެންދިޔަ "އޯޓިޒަމް ގާލާ 2016" ގައި ދުނިޔޭގެ 22 ޤައުމަކުން 105 ކުދިން ވާދަ ކޮށްފައިވެއެވެ. މިމުބާރާތުން ރާއްޖޭގެ 7 ކުއްޖަކު ބައިވެރިކޮށްފައިވަނީ، އޯޓިޒަމް ހުންނަ ކުދިންގެ ޙައްޤުގައި ޤައުމީ ފެންވަރެއްގައި މަސައްކަތް ކުރަމުންދާ، މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ ފަރާތުންނެވެ. އޯޓިޒަމް ހުންނަ ކުދިންގެ ޚާއްޞަ ހުނަރުތައް ދައްކާލުމުގެ ފުރުޞަތު ލިބިފައިވާ، މި މުބާރާތުގައި ރާއްޖޭ ކުދިން ހުށަހަޅާދީފައިވަނީ މަދަހައާއި ލަވައެވެ.



( އަޙުމަދު ނަޙްޔާން ފައިސަލް)

މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރި 7 ކުދިންނަކީ، އަޔާން އާލް ބިން އަޙުމަދު ނާސިރު، އަޙުމަދު ނަޙްޔާން ފައިސަލް، އާދަމް މާހިލް، ލުމައިހާ އާދިލް، މަރިޔަމް އީޝަލް، އީޝާ ޞަބާހް އަދި އަހުމަދު ނަބީހެވެ. މި ކުދިންނަކީ ހަތަރު އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނެވެ.

މި މުބާރާތުގައި ވަނަ ހޮވާފައިވަނީ، ކުދިންގެ ހުނަރު ދައްކާލާފައިވާ ވީޑިއޯތަކަށް އޮންލައިންކޮށް ވޯޓު ދީގެންނާއި ފަނޑިޔާރުންގެ މާކްސް އިންނެވެ. އެގޮތުން  މުބާރާތުގެ އެކި ކެޓެގަރީތަކަށް ވަނަ ދީފައިވަނީ ފަނޑިޔާރުންގެ 80 އިންސައްތަ މާކްސް އާއި ވޯޓުގެ 20 އިންސައްތަ މާކްސް  ހިމަނައިގެންނެވެ. މުޅި މުބާރާތުން އެއްވަނަ ހޯދީ އެމެރިކާ ކުއްޖެކެވެ.

އޯޓިޒަމްގެ އުދަގޫ ތަޙައްމަލް ކުރަމުންދާ ކުދިންގެ ހުނަރު ދުނިޔެ އަށް ދައްކާލައި، އެ ކުދިންނަށް ހިތްވަރު ދިނުމުގެ ގޮތުން ކުރިއަށް ގެންދާ މިމުބާރާތުގައި ބައިވެރިވި ރާއްޖޭގެ ކުދިންގެ ހުށަހެޅުންތަކަށް ބަލާއިރު، ގަދަ ދިހައެއްގައި ރާއްޖޭގެ ދެކުއްޖަކު ހިމެނުނެވެ. އޮންލައިން ވޯޓުން ދެވަނަ ލިބިފައިވަނީ ރާއްޖެއިން ބައިވެރިވި ނަޙްޔާން ފައިސަލްއަށެވެ. އަދި ވަކި ވަކި ކެޓެގަރީތަކަށް ބަލާއިރު، މިއުޒިކަށް ޚާއްޞަ ކޮށްފައިވާ ކެޓަގަރީން އެއްވަނަ ލިބުނީ، ރާއްޖޭގެ އަޔާން އާލް ބިން އަޙުމަދު ނާސިރަށެވެ. އާލް ކީ ލަވަޔަށް ލިބިފައިވަނީ 1614 ވޯޓެވެ.



( އަހުމަދު ނަބީހް)

މިމުބާރާތުގެ ނަތީޖާ އިޢުލާންކޮށްފައިވަނީ އިއްޔެއެވެ. އިނާމު ދިނުމުގެ ޙަފްލާ އަންނަ ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިޙަފްލާގައި ބައިވެރިވުމުގެ ދަޢުވަތު މުބާރާތް އިންތިޒާމް ކުރި ޖަމްޢިއްޔާއިން އާލްއަށް ދީފައިވެއެވެ. އަދި އާލްގެ ހުރިހައި ޚަރަދެއް ކުރާނީ  ހޮންކޮންގްގެ އަނާނާ ޖަމްޢިއްޔާއިން ކަމަށް މަޢުލޫމާތު ލިބެއެވެ. އާލްގެ ޢާއިލާގެ ފަރާތުން ޕީ.އެސް.އެމް ނިއުސްއާއި ވާހަކަ ދެއްކި އާލްގެ ބައްޕަ އަހްމަދު ނާސިރު ބުނީ މިއީ ޢާއިލާއަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަަމަށާއި، އުދަގޫވަނީ އާލްއަކީ ފަހުމު ވުމުގައި އުދަގޫކަމެއް ހުންނަ ކުއްޖެއްކަމުން، އާއިލާގެ މި އުފާވެރި އިހްސާސްތައް އޭނައާއި ހިއްސާކުރުމަށް ކަމަށެވެ.

" ޢީދު ދުވަސްވީމައި އާލް ގޮވައިގެން ދުއްވާލަން އުޅެނިކޮށް މިޚަބަރު ލިބުނީ. ވަރަށް...ވަރަށް އުފާވި. ހިތައް އެރީ އާލްގެ ބައްޕައާއި މަންމަ އުފާވި އުފާވުން ކިހިނެއްބާއޭ އާލްއަށް ކިޔާދޭނީ.މިއީ ދިިރިއުޅުމުގަވެސް އަހަރުމެންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން. މިއުފާވެރި އިހްސާސްތައް އާލްއާއި ހިއްސާ ކުރަން ބޭނުން.ސޯޝަލް ކާޑް ހަދައިގެން ނަމަވެސް ކިޔާދޭން ބޭނުންވޭ.އަޞްލު މީވަރަށް އުފާވެރި ވަގުތުކޮޅެއް." އާލްގެ ބައްޕަ ބުންޏެވެ.



( މަރިޔަމް އީޝަލް)

އާލް އަކީ އޯޓިޒަމް ގެ އުދަގޫ ތަޙައްމަލް ކުރަމުންދާ، އަދި މުޢާމަލާތް ކުރުމާއި، އިޖްތިމާއީ ގުޅުން ކުޑަ ކުއްޖެކެވެ. އެހެންނަމަވެސް އެހާމެ ހުނަރުވެރި ކުއްޖެކެވެ. އާލްގެ އާއިލާއިން ބުނީ ބޭނުންވަނީ އާލްގެ އެންމެ ހުށިޔާރު ހުނަރެއް ދެނެގަނެ އެދާއިރާން އޭނާއަށް ކުރިޔަށްދެވޭނޭ މަގު ތަނަވަސްކޮށްދިނުމަށް ކަމަށް ޢާލް ބައްޕަ ބުންޏެވެ.

" އާލް ލަވަކިޔާ، މިއުޒިކް އިންސްޓްރޫމެންޓް އެބަކުޅޭ، ގިޓާ އޯގަން ކުޅެން އެހާ ވަރުހުރޭ، އަދި އެހާ ރީތިކޮށް ޤުރްއާން ކިޔަވާ...އައިޕެޑުންވެސް ބޭނުން އިންސްޓްރޫމެންޓެއް ކުޅެލާ...މިއީ ހައްތާވެސް އޭނާގެ ހުރި ހުނަރުތައް. އެކަމަކު މީގެންއިންވެސް އޭނާގެ އެންމެ މޮޅު ޓެލެންޓް ދެނެގަންނަން އަހަރުން ބޭނުންވޭ. އެހުނަރެއް ތަރައްޤީކޮށް، އެދާއިރާއަކުން އާލްއަށް ކުރިޔަށްދެވޭ ގޮތް ހަދައިދޭން ބޭނުން." އާލް ގެ ބައްޕަ ބުންޏެވެ.

 އާލްގެ މިކާމިޔާބީއާއެކު ޢާއިލާއިން ބުނީ، އޯޓިޒަމް ހުންނަ ކުދިންނަށް ހޯދައިދިން މިފުރުޞަތައް އޯޓިޒަމް އެސޯސިއޭޝަނަށާއި، އެތާގެ ހީވާގި ޓީޗަަރުންނަށް ޝުކުރު އަދާކުރާކަމަށެވެ. އަަދި އުންމީދަކީ، އޯޓިޒަމް ހުންނަ ކުދިންގެ ހުނަރު ތަރައްޤީ ކުރުމަށް މިފަދަ ގިނަ ފުރުޞަތުތަކެއް ލިބިގެން ދިއުން ކަމަށެވެ.

" ދެފަރާތުގެ ޢާއިލާއާއި ރަށްޓެހިންގެ އެހީތެރިކަމާއި އެއްބާރުލުން ހުރިހައި ގޮތަކުންވެސް އަހަރުމެންނަށް ލިބޭ. ޢޯޓިޒަމް އެސޯސިއޭޝަނުން ފުރުޞަތު ހޯދައިނުދިންނަމަ އަޞްލު އާލްގެ މަންމައާއި ބައްޕައަށް އާލް މިމުބާރާތުގައި އަޞްލު ބައިވެރި ނުކުރެވުނީސް...އެހެން ބެލެނިވެރިންނަށްވެސް. އޯޓިޒަމް ކުދިންގެ ހުނަރުތައް ތަރައްޤީ ކުރުމަށް އޯޓިޒަމް އެސޯސިއޭޝަނުން ކުރާ ބުރަ މަސައްކަތް ފާހަގަ ކޮށް ޝުކުރު ދަންނަވަން. އާދައިގެ ޓީޗަރަކަށް ވުރެ އޯޓިޒަމް ކުދިންނަށް ކިޔަވައިދޭ ޓީޗަރުންގެ މަސައްކަތް ދިހަ ގުނަ ބުރަ. މިއީ އަހަރުމެންގެ ތަޖުރިބާ. ޓީޗަރުން ކުރަމުންދާ މިންނެތް މަސައަކްތަތް ބަލައިގަނެ ވަރަށް ބޮޑަށް ޝުކުރިއްޔާ! ވާހަކަ ދެއްކުމާއި އިޖްތިމާއީ ގުޅުން ކުޑަ ނަމަވެސް، އެކުދިންނަށް ލިބިފައިވާ ޚާއްޞަ ހުނަރު ބަލައިގަނެ އެކުދިންނަށް ފަހި ފުރުޞަތުތަކެއް ހޯދައިދިނުމަކީ އެހެން ފަރާތްތަކުންވެސް އަޅުގަނޑުމެން އެދޭ އެދުމެއް. ..." އާލްގެ ބައްޕަ ބުންޏެވެ



( އާދަމް މާހިލް)

މި އުފާވެރި ވަގުތާއި ދިމާކޮށް ޕީ.އެސް.އެމް ނިއުސް އިން އޯޓިޒަމް މެނޭޖްމެންޓާއިވެސް ވާހަކަ ދައްކާލީމެވެ. އޯޓިޒަމް ގާލާގައި އޯޓިޒަމް އެސޯސިއޭޝަނުން ބައިވެރިކުރުވި ކުދިންގެ ކާމިޔާބީއާއި ބެހޭ ގޮތުން އެ އެސޯސިއޭޝަންގެ ނައިބު ރައީސް، އިފްހާމް ޙުސައިން ވިދާޅުވީ، ފުރަތަމަ ފަނަރައިގެ ތެރޭގައި ދިވެހި ކުދިން ވާދަކުރަމުންދިޔަ ކަމަށާއި، ހުރިހައި ކުދިންނަށް ކާމިޔާބު ނުވި ނަމަވެސް، އެކުދިންގެ ހިތްވަރަށް ތައްރީފް ޙައްޤުކަމަށެވެ. އޭނާ ވިދާޅުވީ، ފުރަތަމަ ކޮޅު ވޯޓް ހޯދަން ވަރަށް އުދަގޫ ކަމަށެވެ. އެހެންނަމަވެސް ފަހުން ދިރާގާއި ،ވަޠަނިއްޔާ އަދި ދިވެހި މީޑިއާގެ އެހީތެރިކަމާއެކު ވޯޓްގެ ކަންކަން ޕްރޮމޯޓް ކުރެވި ދިވެހި ކުދިންނަށް ވޯޓް ދިނުމުގެ ކަންކަން ވަރަށް ރަނގަޅު ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ދިވެހި ދިހަ ކުދިން ގަދަ ދިހައެއްގައި ވޯޓް ނިމުނު އިރުވެސް ތިބިކަން އޭނާ ފާހަގަކުރެއްވިއެވެ. އިފްހާމް ވިދާޅުވީ، މިއީ ރާއްޖެއަށާއި އޯޓިޒަމް ކޮމިއުނިޓީއަށް ލިބުނު ފަޚުރެއްގެ ގޮތުގައި ދެކޭކަމަށާއި، އޯޓިޒަމް ހުންނަ ކުދިންގެ ހުނަރު ތަރައްޤީ ކުރުމަށް ކުރަމުންދާ މަސައްކަތައް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ދެކޭކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގެ ކުދިން ވަރަށް ކޮމްޕެޓެޓިވްކޮށް މިވާދަ ކުރީ އޯޓިޒަމް ގާލާގައި...މިއީ ވަރަށް ބޮޑު އެޗީވްމެންޓެއް އަޞްލު. މިއީ އަޅުގަނޑަށް ނުވަތަ އޯޓިޒަމް އެސޯސިއޭޝަނަށް ލިބުނު ކާމިޔާބެއް ނޫން. މިއީ ދިވެހި ރާއްޖެއަށާއި،އޯޓިޒަމް ކޮމިއުނިޓީ އަށް ލިބުނު ވަރަށް ބޮޑު ފަޚްރަކާއި ރީތި ނަމެއް. އަދި އޯޓިޒަމް ހުންނަ ކުދިންގެ ހައްޤުގައި މަސައްކަތް ކުރާ އަދި އެކުދިންގެ ހުނަރު ތަރައްޤީ ކުރުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. އަދި ވަކިން ޚާއްޞަކޮށް އޯޓިޒަމް ކުދިންނަށާއި އެކުދިންގެ ޢާއިލާތަކަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް. އަޞްލު ޙަޤީގަތުގައި އަޅުގަނޑު މިއަދު ވަރަށް އުފާވެއްޖެ...ހީވާކަހަލަ ހަމަ އަމިއްލަ ދަރިއަކަށް ލިބުނު ކާމިޔާބެކޭ...އެޚަބަރު ލިބުމުން އުފަލުން ރޮވުނު.އިރާދަ ކުރެއްވިއްޔާ މިކުދިންނަށް ހުރިހައި ހަރުފަތެއްގައި އާއިލާތަކާއިއެކު އަޅުގަނޑުމެން މިދަތުރުގައި ކުރިޔަށްދާނަން." އޯޓިޒަމް އެސޯސިއޭޝަންގެ ނައިބު ރައީސް ވިދާޅުވިއެވެ.



( ލުމައިހާ އާދިލް)

ރާއްޖޭގައި އޯޓިޒަމް ހުންނަ ކުދިންގެ މިންވަރު ދެނެގަތުމަށް ވަކި ދިރާސާއެއް މިހާތަނަށް ހެދިފައި ނުވި ނަމަވެސް، މި ކުދިންނަށް ޚިދްމަތްދޭ ތަންތަނުގެ ރިކޯޑު ތަކަށް ބަލާއިރު، އޯޓިޒަމް ހުންނަ ކުދިންގެ އަދަދު އެއްހާހަށް ވުރެ މައްޗަށް އަރައެވެ.

އޯޓިޒަމް ހުންނަ ކުދިންނަށް ތަޢުލީމާއި ހުނަރު ދަސްކޮށްދިނުމަށް އޯޓިޒަމް އެސޯސިއޭޝަނުގެ ދަށުން ހިންގާ "މާލޭ އޯޓިޒަމް" ސެންޓަރުގައިވެސް 90 އަށް ވުރެ ގިނަ ކުދިން ތަޢުލީމު ޙާޞިލް ކުރަމުންދެއެވެ. އަދި 500 ކުދިން އޯޓިޒަމް އެސޯސިއޭޝަނުން އެކި ބާވަތުގެ އޯޓިޒަމާއި ގުޅުން ހުރި ޚިދުމަތްތައް ހޯދާކަމަށް އެއެސޯސިއޭޝަނުންބުނެއެވެ. މީގެ އިތުުރުންވެސް ރަސްމީ ތަޢުލީމީ ނިޒާމުގެ ތެރެއިން މާލެއާއި އަތޮޅު ތެރޭގެ ސްކޫލްތަކުގައި ހިންގާ ސެން (ސްޕެޝަލް އެޑިއުކޭޝަން ނީޑްސް) ކްލާސްތަކުގައިވެސް ގިނަ އަދަދެއްގެ އޯޓިޒަމް ހުންނަ ކުދިން ދަނީ ތަޢުލީމާއި ހުނަރު ދަސްކުރަމުންނެވެ.