ޚަބަރު

ނިޔާވި ޙައްޖާޖީގެ ކަށުނަމާދު މެންދުރު ނަމާދަށްފަހު މައްކާގައި


ސަޢޫދީ ޢަރަބިއްޔާގައި ނިޔާވި ދިވެހި ޙާއްޖާޖީންގެ މީހާގެ ކަށު ނަމާދު މިއަދު މެންދުރު ނަމާދަށްފަހު، މަސްޖިދުލް ޙަރަމްގައި ކުރާ ގޮތައް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ނިޔާވެފައިވަނީ ފުވައްމުލަކު ދޫޑިގަމް، އަރާމުގެ، އުމުރުން 70 އަހަރުގެ ޢަބްދުﷲ ނާޞިރުކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ ކޯރޑިނޭޓަރު، މުޙައްމަދު އަޙްސަން ވިދާޅުވީ، ނާސިރު ނިޔާވެފައިވަނީ، އިއްޔެގެ ވަގުތެއްގައި މޭގައި ރިއްސާތީ ކިންގް ފައިސަލް ހޮސްޕިޓަލުގެ އައި.ސީ.ޔޫގައި ފަރުވާ ދެމުން ދަނިކޮށް ރޭގެ ވަގުތެއްގައި ހާޓް އެޓޭކެއް ޖެހިގެން ކަމަށެވެ.

މީގެ އިތުރުން، ހާލު ދެރަވުމާއި ގުޅިގެން ދިވެހި ޙައްޖާޖީންގެ ތެރެއިން އަންހެނަކަށްވެސް ކިންގް ފައިސަލް ހޮސްޕިޓަލުގެ އައި.ސީ.ޔޫގައި ފަރުވާދެމުންދާކަމަށްވެސް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.