މުނިފޫހިފިލުވުން

ޕީ.އެސް.އެމް ޢީދު އުފާ 1437ގެ ކުޅިވަރުތައް ފޮނަދޫގައި ފަށައިފި


ޕީ.އެސް.އެމް ޢީދު އުފާ 1437ގެ ކުޅިވަރުތަކާއި، ޙަރަކާތްތައް ލ. ފޮނަދޫގައި ފަށައިފިއެވެ. ފޮނަދޫގައި ޢީދުގެ ރަސްމީ ޙަރަކާތްތައް ފަށާފައިވަނީ ޢީދު މައިދާން ސަރަޙައްދުގައި މިއަދު ބޭއްވި ޚާއްޞަ ސަޤާފީ ޙަރަކާތަކުންނެވެ.  

ފޮނަދޫގައި ކުރިއަށްގެންދާ ކުޅިވަރުތަކާއި، ޙަރަކާތްތަކުގެ ތެރެއިން ފޮނަދޫގެ ބައެއް ސަޤާފީ ނެށުންތަކާއި، ވޫޑޫ ބޭންޑް، ޖާދުﷲ ގެ ނަށާ ގްރޫޕް އަދި ފުރަތަމަ މޯލްޑިވިއަން އައިޑަލް ލައިޝާ ޖުނައިދުގެ ހިތްގައިމު ހުށަހެޅުންތަކާއެކު ބާއްވާ ސްޓޭޖް ޝޯވ މިރޭ ފޮނަދޫ ބަނދަރު ސަރަޙައްދުގައި އޮންނާނެއެވެ.

ޢީދު އުފާގެ ޙަރަކާތްތަކުގެ ތެރެއިން ފޮނަދޫގައި ސަޤާފީ ހަވީރެއް މިއަދު ބޭއްވިއެވެ. މި ސަޤާފީ ހަވީރުގައި ފޮނަދޫ ކުރިގަމު އަވަށުގެ އަންހެނުންގެ ބޮޑުބެރު ޙަރަކާތެއް ކުރިއަށްގެންދިޔައެވެ. މެދު އަވަށާއި ބަރާސިލް އަވަށުގެ ލަނގިރިޖެހުމުގެ ފޯރިގަދަ ޙަރާކަތްތައްވެސް މިހަވީރުގައި ފެނިގެންދިޔައެވެ. 

ސަޤާފީ ހަވީރުގައި އަޅުގަނޑުމެންގެ ތެރޭގައި ނެތެމުންދާ ބައެއް ސަޤާފީ ކަންތައްތަކާއި، ކުޅިވަރުތަކާއި، އަދި ޒަމާނާއެކު ބަދަލުވަމުން އަންނަ ކަންތައްތައް ދައްކުވައިދޭ ތަމްސީލެއްވެސް ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހަޅައިދިނެވެ.

މި ސަޤާފީ ހަވީރު ބައްލަވާލެއްވުމަށް ބަންޑާރަ ނާއިބު އަލްއުސްތާޛު މުޙައްމަދު އަނިލާއި އެޑިއުކޭޝަން މިނިސްޓަރ ޑރ ޢާއިޝަތު ޝިހާމާއި ފޮނަދޫ ދާއިރާގެ މެމްބަރ ޢަބްދުއްރަޙީމް ޢަބްދުﷲ އަދި ވިލިފުށީ ދާއިރާގެ މެމްބަރ ރިޔާޒު ރަޝީދު ވަޑައިގެންނެވިއެވެ.