ޚަބަރު

ޒުވާނުންނަށް އަމާޒުކޮށް ޔޫތް ލީޑަރޝިޕް ޕްރޮގްރާމެއް ހިންގަނީ


ޞުލްޙައާއި ރައްކާތެރިކަމުގައި ޒުވާނުންގެ ދައުރު އިތުރުކުރުމަށް އދ.ގެ ސެކިއުރިޓީ ކައުންސިލް އެކުލަވާލާފައިވާ ޤަރާރު ތަންފީޒް ކުރެއްވުމަށް ދިވެހި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން، އެ ޤަރާރުގައިވާ ކަންކަމަށް ޒުވާނުން އަހުލު ވެރިކުރުވުމަށްޓަކައި، ޔޫތު މިނިސްޓްރީއާއި އެމް.އެން.ޑީއެފް ގުޅިވަޑައިގެން، ޒުވާނުންނަށް ޔޫތު ލީޑަރޝިޕް ޕްރޮގްރާމެއް ބާއްވަވަން ނިންމަވައިފިއެވެ.

ޞުލްޙައާއި ރައްކާތެރިކަމުގައި ޒުވާނުންގެ ދައުރު އިތުރުކުރުމަށް އދ.ގެ ސެކއިރުޓީ ކައުންސިލުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފާސްކުރި ޤަރާރު ،"ޔޫތް،ޕީސް އެންޑް ސެކިއުރިޓީ" ރެޒޮލިއުޝަނަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ޞުލްޙައަށް ކުރެވޭ މަސައްކަތުގައި ޒުވާނުންގެ ދައުރު އިތުރުކުރުމަށް ބާރުއަޅާ ޤަރާރެކެވެ.

ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ނިންމާ ޞުލްޙައާގުޅޭ ނިންމުންތަކުގައި ޒުވާނުންގެ ދައުރު އިތުރުކުރުމަށް ގޮވާލާ މިޤަރާރުގެ ދަށުން، ޤައުމުތަކުގައި އުފެދޭ ހަމަނުޖެހުމާއި، ޓެރަރިޒަމާއި، ހައްދުފަހަނައަޅައިދިއުމުގެ މައްސަލަތަކާއި، ހަރުކަށި ފިކުރުތައް ހުއްޓުވުމަށް ކުރެވޭ މަސައްކަތުގައި ޒުވާނުންގެ ބައިވެރިވުން މިހާރަށްވުރެ އިތުރުކުރުމަށް ބާރު އަޅައެވެ. ރާއްޖެއިން ވަނީ، މިދިޔަ އޯގަސްޓްމަހުގެ 30 ވަނަދުވަހު، މިޤަރާރު ތަޞްދީޤްކުރައްވާފައެވެ.

img:http://s1.psmnews.mv/images/660x400/14725623738660.jpg|އދގެ ޤަރާރު ތަންފީޒުކުރަން ފެށުން ފާހަގަކުރުމަށް ބަނޑޮހުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޔޫތް މިނިސްޓްރީ

މިޤަރާރު ތަންފީޒް ކުރެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތައް ޕީ.އެސް.އެމް ނިއުސްއާ ހިއްސާކުރައްވަމުން، މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް ވިދާޅުވީ، ރާއްޖެއަކީ އޭޝިޔާ ޕެސިފިކް ޤައުމުތަކުގެ ތެރެއިން މި ޤަރާރު ތަޞްދީޤްކުރި ފުރަތަމަ ޤައުމުކަމަށާއި، މީގެންވެސް ދައްކުވައިދެނީ މިހާރުގެ ސަރުކާރުން ޒުވާނުންގެ ކުރިމަގު އުޖާލާ ކުރުމަށާއި، ޒުވާނުންނަށް ޞުލްޙަވެރި، ރައްކާތެރި މުސްތަޤްބަލެއް ޤާއިމްކޮށްދެއްވުމަށް އަމާޒު ހިފާފައިވާ މިންވަރު ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ދިވެހި ޒުވާނުންވެސް ހައްދު ފަހަނައަޅާ ދިއުމާއި، ހަރުކަށި ފިކުރުތަކުގެ ޢަމަލުތަކަށް ހުށަހެޅިފައިވާކަމަށާއި، ޒުވާނުން މިކަމުގެ ތެރޭގައި ގެއްލިދިޔަ ނުދިނުމަށް، ހަރުދަނާ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން މިކަމުގައި ހުރި ނުރައްކާތެރިކަން ބުނެދީ، މި ފަދަ ކަންކަންމުން ޒުވާނުން ދުރުހެލިކުރުވާ، ޒިންމާދާރު ޒުވާނުންތަކަކަށް ވުމަށް ނިޒާމްގެތެރެއިން ފުރުޞަތުތައް ފަހިކޮށްދެއްވަމުން ގެންދަވާކަމަށެވެ.

"ސަރުކާރުން ވަޞީލަތްތައް ހޯދައިދޭނަން. ޒުވާނުން މިކަން ކަމާއި ދުރުކުރުވުމަށް. އެޚިޔާލުތަކާއި ގުޅިވަޑައިގެން، މުޖުތަމަޢުގައި ،އެއްގޮތަކަށްވެސް އުދުވާނީ ޢަމަލެއް ނުހިންގާ،ނުވަތަ އެހެން ޙަރަކާތެއް،ނުވަތަ މީހުންނަށް ޙަސަދަވެރިކަމަށް ގޮވާލުން، ނުވަތަ މުޖުތަމަޢުގެ ހަމަޖެހުން ނައްތާލާ، އެފަދަ ޙަރަކާތްތަކަށް އެއްވެސް ގޮތަކަށް ފުރުޞަތު ނުދީ، ޞުލްޙަވެރި އަދި ކުޅިވަރާއި، ޤައުމީ ރޫޙް ޕްރޮމޯޓް ކުރެވޭނީ ކިހިނެއްތޯ...ކޮންކަހަލަ ގޮތަކަށްތޯ...މިފަދަ ފުރުޞަތުތަކެއް ޒުވާނުންނަށް އަޅުގަނޑުމެން މި ހުޝަހަޅަނީ. ޒުވާނުންނަށް ތަފާތު އެކި ފުރުޞަތު ހުޅުވާލާފައި އޮންނައިރު، ޒިންމާދާރު ގޮތެއްގައި ފިޔަވަޅު އެޅުމަކީވެސް މުހިންމުކަމެއް." ޔޫތު މިނިސްޓަރ އިރުތިޝާމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ޞުލްޙަވެރި، އަމާން މުޖުތަމަޢެއް ޤާއިމް ކުރުމުގައި ޒުވާނުންގެ ބައިވެރިވުން ވަރަށް މުހިންމު ކަމަށާއި، ސަރުކާރުން ރާވާ ހިންގާ ކަންކަމުގައި ޒުވާނުންގެ ޚިޔާލާއި ފިކުރު މިހާރުވެސް ހޯދަމުންދާކަމަށެވެ. އަދި މުސްތަޤްބަލުގައި ސިޔާސަތުތައް ކަނޑައެޅުމުގައިވެސް ޒުވާނުންނަށް އިސްދައުރެއް އަދާކުރެވޭނޭ އިންތިޒާމް އެމިނިސްޓްރީން ހަމަޖައްސަވާނެކަމަށެވެ. އަދި މިހާރު ވިސްނުން ހުރީ ކަންކަމުގައި ޝާމިލްވެ އުޅޭނޭ ޒުވާން ލީޑަރުން ބިނާ ކުރުމާއި، ފަންނުވެރި ޒުވާނުންނަށް ފުރުޞަތު ހޯދައިދީ އަމަލީ މައިދާނުގައި އެމީހުންނަކީ ބޭނުންތެރި ބަޔަކަށް ހެދުންކަމުގައެވެ. އަދި ސަރުކާރުން ބައިވެރިވެފައިވާ އދ ގެ ޤަރާރުގައިވާ ގޮތުގެ މަތިން، ޒުވާނުން ބިނާ ކުރުމަށްޓަކައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއާއި ގުޅިގެން "ޔޫތު ލީޑަރޝިޕް" ޕްރޮގްރާމެއް ރާއްވަވާފައިވާކަމަށެވެ. މީގެ ތެރެއިން ފަންނުވެރި ޒުވާނުންގެ ނެޓްވަރކެއް ޤާއިމްކުރެވި، އަމަލީ ގޮތުން ކުރިޔަށް ދިއުމުގެ ފުރުޞަތު ފަހިވެގެންދާނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ތަފާތު އެކި ޤައުމުތަކުގައި ޒުވާނުންގެ ޕްރޮގްރާމްތައް ޑެލިވަރކުރާއިރު، ޒުވާނުންގެ ޑިސިޕްލިންއެއް ހުރުން. އަދި ޒުވާނުންނަށް ތަފާތު އެކި ތަޖުރިބާ، އެކި އެކި މަސައްކަތްތަކުގައި، އަދި މުޖުތަމަޢުގައި ޞުލްޙަވެރިކަމާއެކު ޙަރަކާތްތެރިވާން، ޞުލްޙަ މަސަލަސްކަން ރާއްޖޭގައި ޤާއިމް ކުރާއިރު،މަސައްކަތްކުރެވޭތޯ، އަދި ބައިވެރިވެވޭނީ ކިހިނެއްތޯ. މިހާރުވެސް ޒުވާނުންގެ ވަރަށް ހީވާގި ލިޑާސް އެބަތިބި. އެހެންނަމަވެސް އެކި ދާއިރާތަކުން ޒުވާނުން ހޯދާލައިގެން، ފަސްދޮޅަހަކަށް ޒުވާނުން ގެނެސް، 48 ގަޑިއިރަށް މި ޕްރޮގްރާމް ކުރިޔަށްގެންދާނީ.މީގައި ބައިވެރިވާ ޒުވާނުންގެ ތެރޭގައި ވަރަށް ހުނަރުވެރި ،އެކި ދާއިރާތަކަށް ނިޞްބަތްވާ ޒުވާނުން އެބަތިބި. މި ޕްރޮގްރާމްގެ ތެރެއިން ފަންނުވެރި ޒުވާނުންގެ ނެޓްވޯކެއްވެސް ޤާއިމް ކުރެވިގެންދާނެ. އަމަލީގޮތުން މި ނެޓްވޯކް ޙަރަކާތްތެރިވާނެ. މީގެއިން ވަރަށް ބޮޑު އިމްޕެކްޓެއް ކުރާނެ. މި ފަށާފައި ދޫކޮށްލާނީކީ ނޫން. ދެމެހެއްޓެނިވި ގޮތެއްގައި މި ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް ރާވާފައި އޮތީ." ޔޫތު މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވިއެވެ.

އެމް.އެން.ޑީއެފާއި ޔޫތު މިނިސްޓްރީ ގުޅިގެން މިމަހުގެ 29 އިން 30 އަށް ގިރިފުށީގައި ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ "ޔޫތް ލީޑަރޝިޕް ޕްރޮގްރާމް"ގައި، ބައިވެރިވާ 60 ޒުވާނުން ހޮވާފައިވަނީ، ސަރުކާރުގެ ވުޒާރާތަކާއި، މުއައްސަސާތަކާއި، އަމިއްލަ ކުންފުނިތަކާއި އަދި އެކި ދާއިރާތަކުން ތަޢުލީމް ޙާޞިލް ކުރަމުންދާ ޒުވާނުން ހިމެނޭ ގޮތަށެވެ. މިފަހަރުގެ ޕްރޮގްރާމްގައި މާލެއިން ބައިވެރިން ހޮވި ނަމަވެސް، ކުރިޔަށް އޮތްތަނުގައި މި ޕްރޮގްރާމް އަތޮޅު ތޭރޭގައި  ބޭއްވުމަށް އެމް.އެން.ޑިއެފާއި މަޝްވަރާ ކުރަމުންގެންދާކަމަށްވެސް ޔޫތު މިނިސްޓްރީން ވިދާޅުވެއެވެ.