ވިޔަފާރި

ޕާޓާއާއެކު މަޓާޓޯއިން އެއްބަސްވުމެއްގައި ސޮއިކޮށްފި


ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމާ ގުޅޭގޮތުން ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން، ޕާޓާއާއެކު މަޓާޓޯއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިންޑޮނޭޝިއާގެ ޖަކާޓާގައި މިހާރު ކުރިއަށްދާ، ޕާޓާ ފެއަރގެ ތެރެއިން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް، މަޓާޓޯއިން ޕާޓާއާއެކު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ސަބަބުން، ޕާޓާއިން އެ އެސޯސިއޭޝަންގެ މެންބަރުންނަށް ހޯދައިދޭ ފުރުސަތުތައް، މަޓާޓޯގެ މެންބަރުންނަށްވެސް ލިބިގެންދިޔުމުގެ މަގު ތަނަވަސްވެގެންދާނެއެވެ. އަދި ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާއިން ޓްރެއިނިންގް ޕްރޮގްރާމްތައް ހިންގުމުގެ އިތުރަށް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގައި ޕާޓާއިން މަޓާޓޯއަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް މަޓާޓޯއިން ހާމަކުރެއެވެ.

މީގެ އިތުރުން ޕާޓާއިން ރާއްޖޭގައި ޤާއިމްކޮށްފައި ކުރިން ހުރި އެ އެސޯސިއޭޝަންގެ އޮފީސް އަނބުރާ ވުޖޫދަށް ގެނެސް ޕާޓާގެ ބައެއް އިވެންޓްތައް ރާއްޖޭގައި ބޭއްވުމަށް ވަނީ އެއްބަސްވެފައެވެ. މި އެއްބަސްވުމުގައި މަޓާޓޯގެ ފަރާތުން ސޮއިކުރެއްވި އެ އެސޯސިއޭޝަންގެ ރައީސް، އަބްދުﷲ ޤިޔާސް، އަދި ޕާޓާގެ ފަރާތުން ސޮއިކުރެއްވީ ޕާޓާގެ ސީއީއޯ، މާރިއޯ ހާޑީއެވެ.

ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން، ޕާޓާއަކީ އޭޝިއާ ޕެސިފިކްގެ ޤައުމުތަކުގައި ފަތުރުވެރިކަން ކުރިއަރުވުމަށް މަސައްކަތް ކުރާ އެސޯސިއޭޝަނެކެވެ. އެ އެސޯސިއޭޝަންގެ އޮފީސްތައް ދުނިޔޭގެ 43 ޤައުމެއްގައި ހުރެއެވެ.