ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026ގައި ބަންގްލަދޭޝްއިން ކުޅުނު ފަހު މެޗުން ނޭޕާލް އަތުން ބަލިވެއްޖެއެވެ. ބެންކޮކުގެ ނޮންތަބުރީ އިންޑޯ ހޯލުގައި ކުޅުނު މި މެޗުން ބަންގްލަދޭޝްގެ މައްޗަށް ނޭޕާލުން ކުރިހޯދީ 1-4ގެ ނަތީޖާއަކުންނެވެ.
މެޗު ފަށައިގެން ފުރަތަމަ ހާފުގައި ހާއްސަގޮތެއްގައި ދެ ޓީމުގެ ފަރާތުން ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ދެ ޓީމުންކުރެ ޓީމަކަށް ގިނަ ވަގުތުތަކެއް ވަންދެން ލަނޑެއް ނުޖެހި އޮތުމަށްފަހު މި ހާފުގައި ނޭޕާނަށް ލަނޑުޖަހައިދީ ލީޑުނަގައިދިނީ ލަކްޕާ ޓަމަންގެވެ.
އެއް ލަނޑުގެ ލީޑެއްގައި އޮވެ ނޭޕާލުން ފުރަތަމަ ހާފު ނިންމާލިއިރު، ދެވަނަ ހާފުގައި ވެސް ފުރަތަމަ ލަނޑުޖެހީ ނޭޕާލުންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސަސްޕެންޝަނުގައި ހުރެފައި އެނބުރި އައި ސަރޯޖް ތަމަންގެވެ. މި ހާފުގެ 14 ވަނަ މިނެޓުގައި ބަންގަލްދޭޝްއިން ވެސް ވަނީ ލަނޑެއް ޖަހާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީ ފަރަގު ކުޑަކޮށްދިނީ ކެޕްޓަން ރަހްބާރު ވަހީދު ޚާންއެވެ.
މެޗުގައި އަނެއްކާވެސް ނޭޕާލުން ލަނޑެއްޖަހައި ލީޑުފުޅާކުރީ ހާފުގެ 15 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސަންޖޭ ސްޔަންގްތާނެވެ. މެޗުގައި ފެނިގެންދިޔަ ފަހު ލަނޑު ނޭޕާލަށް ކާމިޔާބުކޮށްދިނީ ބިޖޭ ޝްރެސްތާއެވެ. މިއީ ބިކްރާންތު ފޮނުވާލި ބާރު ހަމަލާއެއް ބިޖޭގެ ބޮލުގައި ޖެހިފައި ގޯލުގެ ތެރެއަށް ވަދެގެން ނޭޕާލުން ކާމިޔާބުކުރި ލަނޑެކެވެ.
މި މޮޅާއެކު ނޭޕާލް ވަނީ މުބާރާތުގެ ޕޮއިންޓް ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލާފައެވެ. ނޭޕާލަށް ފަސް މެޗުން ޖުމްލަ އަށް ޕޮއިންޓު ލިބިފައިވާއިރު ބަންގްލަދޭޝް އިން މުބާރާތް ނިންމާލީ ހަ މެޗުން ހަތް ޕޮއިންޓާއެކުއެވެ.
މުބާރާތުގައި ކުރިއަށް ދެން އޮތީ ރާއްޖެއާއި ބޫޓާން ބައްދަލުކުރާ މެޗެވެ. މި މެޗު ކާމިޔާބުކޮށްފިނަމަ ދިވެހިރާއްޖެ ވެގެންދާނީ ފުރަތަމަ ފަހަރަށް ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގެ ފަޚުރުވެރި ޗެމްޕިއަނުންނަށެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން 15:00 ގައެވެ.