ދީން

ދީން މަތިވެރިކުރަން ޒުވާނުން މަސައްކަތް ކުރަންޖެހޭ- ޙައްޖު ޚުތުބާ


އިސްލާމީ އުންމަތަށް ދިމާވެފައިވާ ބޮޑެތި ގޮންޖެހުންތަކުން އުންމަތް ސަލާމަތްކޮށް، އިސްލާމްދީން މަތިވެރިކުރުމުގައި ޒުވާނުން އިސްވެ، މަސައްކަތްކުރުމަށް ޙައްޖު ޚުޠުބާގައި މުސްލިމް އުންމަތުގެ ހުރިހާ ޒުވާނުންނަށް ގޮވާލައްވައިފިއެވެ. 

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ޢަރަފާތުގެ މަތިވެރި ބިމަށް ޖަމާވެ ތިބި އެތައް މިލިޔަން މުސްލިމް ޙައްޖާޖީންގެ ކުރިމަތީގައި މިއަހަރުގެ ޙައްޖު ޚުޠުބާ އިއްވަވަމުން ހަރަންފުޅުގެ އިމާމު ވަނީ އިސްލާމީ އުންމަތުގެ މެދުގައި އުފެދިފައިވާ ބައިބައިވުންތައް ނައްތާލައި، މުޅި އިސްލާމީ އުންމަތް ގުޅިގެން އިސްލާމް ދީން މަތިވެރިކުރެއްވުމަށް މަސައްކަތް ކުރެއްވުމަށް ގޮވާލައްވާފައެވެ.

އިސްލާމީ އުންމަތަށް އެތައް ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް ޙައްޖު ޚުޠުބާގައި ފާހަގަކުރައްވާފައިވެއެވެ. އެގޮތުން މުސްލިމުންގެ މުޤައްދަސް އެއް މިސްކިތްކަމުގައިވާ މަސްޖިދުލް އަޤްޞާގެ މައްޗަށް ޣައިރު މުސްލިމުން ވެރިވެގެންފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ސޫރިޔާ، ޔަމަން އަދި ފަލަސްޠީނުފަދަ އިސްލާމީ ޤައުމަތަކުގައި ހިނގަމުންދާ ޤަޠުލް ޢާންމުތަކުން އެޤައުމުތައް ސަލާމަތްކުރައްވައި، އިސްލާމީ އުންމަތައް ނަޞްރުދެއްވުން އެދި އެކަންކަމުން އިސްލާމީ ޢުންމަތް މިންޖުކޮށްދެއްވައި، އިސްލާމީ ޤައުމުތަކުގައި ހަމަހަމަކަމާއި އަމަންއަމާންކަން ޤާއިމުކޮށްދެއްވުން އެދި ދުޢާ ދެންނެވިއެވެ.

އެކަކު އަނެކެއްގެ މިނިވަންކަމާއި އަބުރާއި ކަރާމާތައް ޙުރުމަތްތެރިކޮށް ހިތުމަކީ އުންމަތުގެ އެއްބައިވަންތަކަމުގެ މައިގަނޑު އަސާސްކަމަށް އިމާމު ބަޔާންކުރެއްވިއެވެ.

އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތައް ޙައްލުކުރެއްވުމަށާއި، އިސްލާމީ އުންމަތް އިތުރަށް ވަރުގަދަކުރެއްވުމަށް މުސްލިމް އެންމަހައި ޒުވާނުން ގުޅިގެން މަސައްކަތް ކުރެއްވުމަށް ޙައްޖު ޚުޠުބާގައި ގޮވާލެއްވިއެވެ. އަދި އިސްލާމްދީނުގެ ރީތިނަމާއި ކަރާމާތް އަންނަން އޮތް ޖީލުތަކަށް ވާޞިލުކޮށްދިނުމުގައި ޒުވާނުން އިސްވެ މަސައްކަތް ކުރެއްވުމަށް ގޮވާލެއްވިއެވެ.

img:http://s3.psmnews.mv/images/660x400/14735261076265.jpg|ދިވެހި ޙައްޖާޖީން މިނާގައި- ފޮޓޯ: ޙައްޖު ކޯޕަރޭޝަން

އިސްލާމްދީނަކީ މެދުމިނުގެ ދީނެއްކަމަށާއި، ހަރުކަށި، ހައްދުފަހަނައަޅާފައިވާ ޚިޔާލުތަކާ ފިކުރުތަކަށް އިސްލާމީ ޢުންމަތުގައި އެއްވެސް ޖާގައެއް ނޯންނާނެކަމަށް ވިދާޅުވެ ހައްދުފަހަނައަޅާފައިވާ ޖަމާޢަތްތަކާ ގުޅިގެން ހަނގުރާމަކުރުމަކީ އިސްލާމްދީނާ ކަނޑައެޅިގެން ޚިލާފުކަމެއްކަމަށް އިމާމު ބަޔާންކުރެއްވިއެވެ. ސޫރިޔާ ފަދަ ޤައުމަތަކުގައި އިސްލާމްދީނުގެ ނަމުގައި ހިންގަމުންދާ ހަނގުރާމަތަކާއި ޤަޠުލުޢާންމުތަކަކީ އިސްލާމް ދީނާ އެއްވެސް ގުޅުމެއް ހުރި ކަމެއް ނޫންކަމަށް މިއަހަރުގެ ޙައްޖު ޚުޠުބާގައި ބަޔާންކުރެއްވިއެވެ. އަދި އެކަންކަމަކީ އިސްލާމީ އުންމަތުގެ ނަމުގައި ފަސާދަ އުފައްދެމަށް ހިނގަމުންދާ ކަންކަންކަމަށާއި، މުސްލިމު އުންމަތް އެކަންކަންމުން ސަލާމަތްވެ ތިބެންޖެހޭކަމަށް ވިދާޅުވިއެވެ.

އިސްލާމް ދީނުގެ މަޤުޞަތުތަކުގެ ތެރެއިން އެންމެ މުހިންމު އެއް މަޤްޞަދަކީ މީސްތަކުންގެ މެދުގައި ޢަދުލުއިންޞާފު ޤާއިމުކުރުންކަމުން އިސްލާމީ ދައުލަތްތަކުގެ ވެރިން އެޤައުމުތަކުގައި އަދުލު އިންޞާފު ޤާއިމުކުރެއްވުމަށް ޙައްޖު ޚުޠުބާގައި ވަޞިއްޔަތް ކުރެއްވިއެވެ.

އިސްލާމް ދީނަކީ އަދަބާ އިޙްތިރާމާއި، ހަމަހަމަކަމުގެ ދީންކަމަށާއި، މިއީ އެކުވެރިކަމާއި ގުޅުން ބަދަހިކުރުމުގެ ދީންކަމުގައި ބަޔާންކުރައްވައި ރަސޫލާ އިސްލާމީ އުންމަތައް ދެއްކެވި ރީތި ނަމޫނާގައި ހިއްޕަވައި އިސްލާމްދީނުގެ މަތިވެރި އުޞޫލުތައް ދިރުވައި އާލާކުރެއްވުމަކީ މުޅި އިސްލާމީ ޢުންމަތުގެ މައްޗަށް އޮތް މަސްއޫލިއްޔަތެއްކަމުގައި ވިދާޅުވިއެވެ. މުސްލިމް ދައުލަތްތަކުން ހެޔޮކަންކަމުގައި އެހީތެރިކަން ފޯރުކޮށްދީ، އަދާވާތްތެރިކަމާއި ދެކޮޅުވެރިކަން ނައްތާލައި ގުޅިގެން މަސައްކަތް ކުރެއްވުމަށް ޝައިޚް ގޮވާލެއްވިއެވެ.

އިސްލާމް ދީން އިތުރަށް ވަރުގަދަކުރައްވައި، ދީން ކުރިއަރުވައި އިސްލާމް ދީން މަތިވެރިކުރެއްވުމަށް މުޅި އިސްލާމީ އުންމަތް ގުޅިގެން މަސައްކަތް ކުރައްވައިފިނަމަ ކާމިޔާބު ދެއްވާނެކަމަށް އިމާމު ވިދާޅުވިއެވެ. މާތްﷲ އެކަލާނގެ ދީން ރައްކާތެރިކުރައްވާނެކަމަށާއި، އިސްލާމީ މުޅި އުންމަތަކީ އިންސާނުންގެ ތެރެއިން މަތިވެރިވެގެންވާ ބައެއްކަމުގައި ބަޔާންކުރައްވާފައިވާކަމުގެ އުފާވެރި ޚަބަރު ޤުރުއާނާއި ސުންނަތުގައި އައިސްފައިވާކަން ޝައިޚް ފާހަގަކުރައްވައި ހަނދާންކޮށްދެއްވިއެވެ.

މުޅި އެންމަހައި މުސްލިމުންގެ ފާފަފުއްސަވައި، އެންމެހައި ދަތިތަކާއި އުނދަގޫތަކުން މުސްލިމް އުންމަތް ސަލާމަތްކުރެއްވުން އެދި ޙައްޖު ޚުޠުބާގައި ވަނީ ދުޢާދަންނަވާފައެވެ.