ޚަބަރު

އެސްޓަންވިލާ މޮޅުވެ ދެވަނަ ބުރަށް


ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގެ ޖާގައެއް އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް އެސްޓަން ވިލާ އިން ހޯދައިފި އެވެ.

އުނެއި އެމެރީގެ އިރުޝާދުގެ ދަށުން ކުޅެމުންދާ އެސްޓަން ވިލާ އިން ދެވަނަ ބުރުގެ ޖާގައެއް ހޯދާފައިވަނީ ތުރުކީގެ ފެނަބާޗޭ އާއި ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްގެންނެވެ.

މި މެޗުން މޮޅުވެ އެސްޓަން ވިލާ އަށް ލިބުނު ތިން ޕޮއިންޓާއެކު އެ ޓީމުން ވަނީ ފުރަތަމަ ބުރުގެ ލީގު ފޭސްގައި މިހާތަނަށް ކުޅުނު ހަތް މެޗުން ޖުމްލަ 18 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ މަގާމް ހޯދާފަ އެވެ. އެއްވަނައިގައި އޮތް އޮލިމްޕިކް ލިއޯން އަށްވެސް ލިބިފައިވަނީ 18 ޕޮއިންޓެވެ.

ފެނަބާޗޭ އިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު މި މެޗުގައި އެ ޓީމުން ވަނީ އެސްޓަން ވިލާގެ ގޯލަށް އަމާޒުކޮށް 8 ހަމަލައެއް ފޮނުވާލާފަ އެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ މެޗުގެ 25 ވަނަ މިނިޓުގައި މެންޗެސްޓަރ ޔުނައިޓެޑް އިން ލޯނު އެއްބަސްވުމެއްގެ ދަށުން އެސްޓަން ވިލާ އަށް ކުޅެމުންދާ ޖޭޑަން ސަންޗޯ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއީ އޭނާ އެސްޓަން ވިލާ އަށް ބަދަލުވި ފަހުން އެ ކްލަބަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

މެޗުގެ ދެވަނަ ހާފުގައި ފެނަބާޗޭ އިން ލަނޑެއް ޖެހި ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ ވަނީ އެ ނިންމުން ބަދަލުކޮށްފަ އެވެ.

ފުރަތަމަ ބުރުގެ ފަހު މެޗުގައި އެސްޓަން ވިލާ އިން އަމިއްލަ ދަނޑުގައި އަންނަ ބުރާސްފަތި ދުވަހު ނިކުންނާނީ ރެޑްބުލް ސަލްޒްބަރގް އާއި ދެކޮޅަށެވެ. އަދި އާދީއްތަ ދުވަހު ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑް އާއި ދެކޮޅަށް އެސްޓަން ވިލާ ކުޅޭނެ އެވެ.