އިލެކްޝަންސް ކޮމިޝަނުގައި ހުރި އެއްވެސް މަޢުލޫމާތެއް ހުއްދަ ނެތް ފަރާތަކަށް ބޭނުމެއް ކުރެވޭނެކަމަށް އެ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުން މިހެން ވިދާޅުވެފައި އިލެކްޝަންސްގެ މައި ޕޯޓަލްގައި ހުންނަ މަޢުލޫމާތު ބައެއް ސިޔާސީ ޕާޓީތަކަށް ލިބޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ތުހުމަތުކުރަމުންދާ ދަނޑިވަޅެއްގައެވެ.
އިލެކްޝަންސް ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، އެ ކޮމިޝަނުގައި ޤާއިމުކޮށްފައިވާ ނިޒާމުތަކުގައިވާ މަޢުލޫމާތުތަކަކީ ރައްކާތެރިކަމާއެކު، އެމަޢުލޫމާތު ބޭނުންކުރަންޖެހޭ ޙާލަތްތަކުގައި ހުއްދަލިބިފައިވާ ފަރާތްތަކަށް އެކަނި ބޭނުންކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ނިޒާމެއްކަން ރައްޔިތުންނަށް ކަށަވަރުކޮށްދޭކަމަށެވެ.
އަދި އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހާ އެކަމަށް އެދި ހުށަހަޅާ ލިޔުން އިލެކްޝަންސް ކޮމިޝަނަށް ލިބޭތާ ގިނަވެގެން 5 ދުވަހުގެ ތެރޭގައި، ހުށަހެޅުމާމެދު ނިންމިގޮތް އަންގަންވާނެ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، ކެންޑިޑޭޓަކަށް ވުމަށް އެދި ފޯމު ލިބެމުންދާ މިންވަރަކުން އެ ކޮމިޝަނުން ޖަވާބުދެމުންދާކަމަށްވެސް އެ ކޮމިޝަނުން ވިދާޅުވެއެވެ. އެހެންކަމުން ކޮމިޝަނުން ދެމުންދާ ޚިދުމަތްތަކާ ގުޅޭގޮތުން ޢާންމު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭގޮތަށް އެއްވެސް ފަރާތަކުން މަޢުލޫމާތު ނުފެތުރުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކުރައްވާފައެވެ.