މުނިފޫހިފިލުވުން

ޕީއެސްއެމްއިން ޢީދުގައި ފޮނަދޫގައި ބާއްވަނީ ކޮން ހަރަކާތްތަކެއް؟


ޕީ.އެސް.އެމް ޢީދު އުފާ 1437 ލ. ފޮނަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިފަހަރުގެ އަޟްހާ ޢީދުގައިވެސް ފޯރިގަދަ ތަފާތު ހަރަކާތްތަކެއް ފެނިގެންދާނެއެވެ. ޢީދުގެ ރަސްމީ ހަރަކާތްތައް ފެށިގެންދާނީ ފޮނަދޫ ޢީދު މައިދާނުގައި ބާއްވާ ޚާއްސަ ސަޤާފީ ހަރަކާތަކުންނެވެ. މި ހަރަކާތްތަކުގެ ތެރޭގައި ބޮޑުބެ ރޯކުރުން، އަދި ޢީދު ގެންގުރުން ފެނިގެންދާއިރު، ޢީދަށް ދަޢުވަތު އެރުވިގެން ރަށަށް ވަޑައިގަންނަވާ ޙާއްސަ މެހެމާނުންގެ ތެރެއިން، އެންމެ އިސްކޮށް ހުންނަވާ ފަރާތް ހަތްކޮޅުގައި ވަޑައިގެން، ޢީދުގެ ހަރަކާތްތައް ފެށުމުގެ ހުއްދަ ދެއްވާނެއެވެ. މިއީ ފޮނަދޫގައި ޒަމާނުއްސުރެއް ޢީދުގެ ހަރަކާތްތައް ފެށުމުގެ ގޮތުން ކޮށްއުޅޭކަމެކެވެ. 

އެއަށްފަހު ޢީދު ދުވަހު ފޮނަދޫ ބަނދަރު ސަރަޙައްދުގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުން އޮންނާނެއެވެ. ޢީދު ނަމާދު އިމާމުވެ، ކޮށްދެއްވާނީ އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދި ލ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ޢީދު ސަލާންކުރުމާއި، ހުރިހާ ރައްޔިތުންނާއި، މެހެމާނުން އެއް ޖަމާޢަތެއްގައި ހެނދުނުގެ ސައި ބުއިން އޮންނާނެއެވެ. ޕީ.އެސް.އެމް ޢީދު އުފާ 1437ގެ ރަސްމީ ހަރަކާތްތައް މިމަހުގެ 14 ވާ ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

img:http://s4.psmnews.mv/images/660x400/14735840222943.jpg|ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލް ފޮނަދޫގައި- ފޮޓޯ: ޕީއެސްއެމް

މިފަހަރުގެ ޢީދުގައި ފޮނަދޫއިން ފެނިގެންދާ މުހިއްމު ހަރަކާތްތަކުގެ ތެރޭގައި އިހުގެ ކުޅިވަރުތައް ދައްކާލުމާއި، ފޮނަދޫގެ 3 އަވަށުގެ ސަޤާފީ ކުޅިވަރުތަކާއި ނެށުންތައް ދައްކާލުން ހިމެނެއެވެ. އަދި ކުޑަކުދިންގެ ޚާއްސަ ހަވީރަކާއި، އާއްމުންނަށް ބައިވެރިވެވޭގޮތަށް ބާއްވާ ރޭސްތަކާއި ކުޅިވަރުތަކުގެ އިތުރުން، ރެސްޕެކްޓް ކެމްޕެއިންގެ ހަރަކާތްތައްވެސް ފެނިގެންދާނެއެވެ.

މީގެ އިތުރުން "ފައިން އަނބުރާ އަނބުރާ 17 ކިލޯ މީޓަރު" މި ނަމުގައި ޚާއްސަ ބައިސްކަލު ބުރެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ހަރަކާތަކީ ފޮނަދޫ ކައުންސިލާއި، ޕީ.އެސް.އެމް އަދި ބައިކް މޯލްޑިވްސް ގުޅިގެން ބާއްވާ ހަރަކާތެކެވެ. އަދި ފޯރިގަދަ ހުށަހެޅުންތަކަކާއެކު ބާއްވާ މިއުޒިކް ޝޯވ މިމަހުގެ 12، 13، 14 މި ތިންދުވަހުގެ ރޭ އޮންނާނެއެވެ. 

މިއުޒިކް ޝޯވގައި ޖާދުﷲ ގްރޫޕް، ވޫޑޫ ބޭންޑް، ހަރުބީ ބޮޑުބެރު ގްރޫޕް، އަދި ފޮނަދޫ ބޮޑުބެރު ގްރޫޕްގެ ފޯރިގަދަ ހުށައެޅުންތަކެއް ފެނިގެންދާނެއެވެ. އަދި މޯލްޑިވިއަން އައިޑަލްގެ ޓައިޓްލް އެންމެ ފުރަތަމަ ހޯދި ލައިޝާ ޖުނައިދުގެ އިތުރުން، އައިޑަލް އިން ވިދާލި ބައެއް ފަންނާނުން ކަމުގައިވާ އިޝާން އަދި ސޯދިޤްގެ ހިތްގައިމު ހުށައެޅުންތަކެއްވެސް ފެނިގެންދާނެއެވެ. މީގެ އިތުރުން އެންމެ ފުރަތަމަ އިންޑިއަން އައިޑަލްގެ ޓައިޓްލް ހޯދި އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަބީޖީތު ސާވަންތުގެ ޚާއްސަ ހުށައެޅުންތަކެއްވެސް ފެނިގެންދާނެއެވެ.