ބިންވެރިޔާ ސްކީމްގެ ދަށުން، ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް ވެރިފަރާތްތަކާ ޙަވާލުކުރުމުގެ މަސައްކަތުގެ ތެރެއިން އިތުރު 41 ފަރާތަކަށް ބިން ހަވާލުކޮށްފައިވާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން، ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް ވެރިފަރާތްތަކާ ޙަވާލުކުރުމުގެ މަސައްކަތް ފެށީ މިދިޔަ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި، އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވުޒާރާއިން ވިދާޅުވީ، ބިންވެރިޔާ ސްކީމްގެ ދަށުން، ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް ވެރިފަރާތްތަކާ ޙަވާލުކުރުމުގެ މަސައްކަތުގެ ތެރެއިން މިއަދު 41 ފަރާތަކަށް ބިން ހަވާލުކުރެވިފައިވާކަމަށެވެ. ގެދޮރުވެރިކަމާ ބެހޭ ވުޒަރާގެ އަމާޒަކީ ގޯތި ލިބުނު ފަރާތްތަކަށް ވީހާވެސް އަވަހަށް ބިން ދޫކޮށް ނިންމާލުމެވެ.
ބިންވެރިޔާ ސްކީމްގެދަށުން ގުޅީފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް އޭގެ ވެރިފަރާތްތަކާ ހަވާލުކުރުމުގެ މަސައްކަތުގެ ތެރެއިން 41 ފަރާތަކާ މިއަދު ވަނީ ގޯތި ހަވާލުކުރެވިފައި. pic.twitter.com/YusdtOTyIE
— Ministry of Construction, Housing & Infrastructure (@MoCImv) January 22, 2026
ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލާއެކު ގުޅިފަޅުގައި ސޯޝަލް ހައުސިންގއަށްވެސް ބޮޑު ސަރަޙައްދެއްވަނީ ކަނޑައަޅާފައެވެ. އަދި އެސަރަޙައްދަށް ދިރިއުޅުން ބަދަލުކުރާ ފަރާތްތަކަށް ބޭނުންވާނެ އަސާސީ ޚިދުމަތްތައް ޤާއިމުކުރުމަށްޓަކައި ބޭނުންވާނެ ބިންތައްވެސްވަނީ ކަނޑައަޅާފައެވެ. އެގޮތުން ސްކޫލްތަކާއި ސިއްޙީ ޚިދުމަތާއި އިންޑަސްޓްރިއަލް މަސައްކަތްކުރުމަށާއި، ސިޓީހޮޓާ ތަރައްޤީކުރުމަށްވެސް އެކި ސަރަޙައްދުތައްވަނީ ކަނޑައަޅާފައެވެ.
ހަމައެއާއެކު އެސަރަޙައްދަށް ދިރިއުޅުން ބަދަލުކުރާ ފަރާތްތަކަށް ހިތްގައިމު މާޙައުލެއް ޤާއިމުކުރުމަށްތަކައި އާންމު އިޖުތިމާޢީ އެކި ސަރަޙައްދުތަކާއި ހިތްފަސޭހަ މައިޒާންތަކާއި ޕާކުތައް ތަރައްޤީކުރުމަށްވެސްވަނީ ހަމަޖެހިފައެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް ބިން ޙަވާލުކުރުމަށްޓަކައި، އެސަރަޙައްދު ސާފުކޮށް އިންވަކިކުރުމުގެ މަސައްކަތްވެސް އެ ވުޒާރާއިންވަނީ ކުރައްވާފައެވެ.