ރެއާލް މެޑްރިޑުގެ ކުރީގެ ކޯޗު ޒަބީ އަލޮންސޯއާ ގުޅުވައިގެން ލިވަޕޫލްގެ ކޯޗު އާނޭ ސްލޮޓާ ނޫސްވެރިން ކުރި ސުވާލަކީ ވަރަށް ބޮޑު ބޭއިހްތިރާމެއް ކަމަށް އެ ކުލަބުގެ ކެޕްޓަން ވާޖިލް ވެންޑައިކް ބުނެފި އެވެ.
ޗެމްޕިއަންސް ލީގުގައި ފްރާންސްގެ މާސޭ އަތުން ލިވަޕޫލް ބުދަ ދުވަހުގެ ރޭ މޮޅުވި މެޗުގެ ކުރިން ނޫސްވެރިއަކު ސްލޮޓް ކުރެން އެހީ މި ސީޒަން ނިމުމުން އޭނާގެ ވަޒީފާއާ ހަވާލުވާނީ އަލޮންސޯ ކަމަށާއި އެކަމާމެދު ބުނާނީ ކީކޭތޯ އެވެ. މި ސުވާލުގެ ޖަވާބުގައި ސަމާސާ ކޮށްލަމުން ސްލޮޓް ބުނީ އަލޮންސޯ އޭނާ އަށް ގުޅާފައި ހަ މަސް ފަހުން ނުވަތަ އެއަށްވުރެ އަވަހަށް ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވާނެ ވާނެ ވާހަކަ ބުނި ކަމަށެވެ.
ނަމަވެސް އޭގެ ފަހުން އޭނާ ބުނީ ލިވަޕޫލްގައި އޭނާ ހޭދަކުރި 18 މަސް ދުވަހުގައި މެނޭޖްމަންޓާއެކު އޮތ ރަނގަޅު ގުޅުމެއް ކަމަށާއި ފުރަތަމަ ދުވަހާއި މިއަދު ވެސް ވަކި ތަފާތެއް ނުފެންނަ ކަމަށެވެ.
"މިދިޔަ ސީޒަނުގައި އަހަރުމެން ޕްރެމިއާ ލީގު ކާމިޔާބު ކުރިން އޭގެ ފަހުން މި ސީޒަނުގައި ކުޑަކޮށް އުނދަގޫކޮށް މިދަނީ. އެކަމަކު ޕާފޯމަންސާ މެދު އަހަރެން ޖުމުލަކޮށް ހިތްހަމަ ޖެހޭ. އަބަދުވެސް ކަންކަން ރަނގަޅު ކުރަން ޖެހޭނެ،" ސްލޮޓް ބުންޏެވެ.
މިކަމާ ގުޅިގެން ވެންޑައިކް ބުނީ އެއީ ސްލޮޓަށް ބޭއިހްތިރާމް ކުރުން ކަމަށެވެ. އަދި އެއީ ކުރެވިގެންވާނެ ސުވާލެއް ނޫން ކަމަށެވެ.
"އޭނާގެ މަސައްކަތް ވަރަށް ރަނގަޅު. އޭނާ އެ ދަނީ ވަރަށް ރަނގަޅަށް ޕާފޯމް ކުރަމުން. ނަތީޖާތައް ވެސް ރަނގަޅު. އެހެންވީމާ އެއީ ކުރެވިގެންވާނެ ސުވާލެއްނޫން. މިއީ އޭނާ އަށް އިހްތިރާމް ނުކުރުން،" ވެންޑައިކް ބުންޏެވެ.
އަލޮންސޯ އަކީ 2005 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތް ލިވަޕޫލަށް ކާމިޔާބުކޮށްދިން އެ ކުލަބުގެ ލެޖެންޑެކެވެ. ކުޅުން ހުއްޓާލުމަށްފަހު އޭނާ ފެނިގެންދަނީ ކާމިޔާބު ކޯޗެއްގެ ގޮތުގަ އެވެ. މި ސީޒަން ފެށުމުގެ ކުރިން އަލޮންސޯ އަށް ރެއާލްގެ ކޯޗުކަން ދިނީ ޖަރުމަނުގެ ބަޔާ ލެވަކޫސެންގައި ދެ ސީޒަނެއްގައި އޭނާ ހޯދި ރަނގަޅު ނަތީޖާތަކުގެ ސަބަބުންނެވެ. ނަމަވެސް އެންމެ ހަ މަހަށް ފަހު ރެއާލްގެ ކޯޗުކަން ދޫކޮށްލަން އަލޮންސޯ އަށް ޖެހުނީ ކުޅުންތެރިންނާ މައްސަލަ ޖެހި، މެނޭޖްމަންޓުން އޭނާ އަށް ތާއީދު ނުކުރުމުންނެވެ. ސްލޮޓަށް ވުރެ ކުރިން އަލޮންސޯ ގެނައުމަށް ލިވަޕޫލުން ކޮންޓެކްޓް ކުރި އެވެ. ނަމަވެސް އޭރު އޭނާ ނިންމީ ބަޔާ ލެވަކޫސެންގައި މަޑުކުރުމަށެވެ.