ޚަބަރު

އެކަޑަމީ އެވޯޑަށް އެދި 18 ފަރާތަކުން ކުރިމަތިލައިފި


ދިވެހި ބަހުގެ އެކެޑަމީން ދެއްވުމަށް ހަމަޖެހިފައިވާ އެކަޑަމީ އެވޯޑަށް އެދި 18 ފަރާތަކުން ކުރިމަތިލައިފިއެވެ.

އެެކެޑަމީ އިނާމު ދިނުމުގެ މަޤްޞަދަކީ ދިވެހިބަހާ އަދަބިއްޔާތާއި ތާރީޚަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ އަދި ކުރަމުންގެންދާ ފަރާތްތަކަށް ހިތްވަރުދީ އެފަރާތްތަކުގެ އަގު ވަޒަންކޮށް، މުޖުތަމަޢުގައި ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚަށް ދޭ އަހުމިއްޔަތު އިތުރުކޮށް ދިވެހިބަހާ ތާރީޚާމެދު ލޯތްބާއި ޝައުޤުވެރިކަން އުފެއްދުމެވެ.

ދިވެހިބަހުގެ އެކެޑަމީން ވިދާޅުވީ، މިއަހަރުގެ މެއި މަހުގެ 23 ވަނަ ދުވަހު އެވޯޑަށް ކުރިމަތިލާން ހުޅުވާލި ފުރުޞަތު ހަމަވިއިރު،  18 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށެވެ.

ދިވެހި ބަހުގެ އެކެޑަމީގެ ޑިރެކްޓަރ އާމިނަތު އައްބާސާ ވިދާޅުވީ، އެވޯޑަށް ކުރިމަތިލާފައިވާ ބޭފުޅުންގެ ނަން އިނާމާބެހޭ ކޮމިޓީން ދިރާސާކުރައްވަމުން ގެންދަވާ ކަމަށެވެ.

''އެވޯޑަށް ކުރިމަތިލި ބޭފުޅުންގެ ނަންތައް ދިރާސާކުރަމުންދަނީ. ދެ ބޭފުޅުން ފިޔަވައި ހުރިހާ ބޭފުޅުންވެސް ކުރިމަތިލާފައިވަނީ އެއް ދާއިރާއާކުން. އިނާމު ކޮމިޓީން ދަނީ ނަންތައް ދިރާސާކުރަމުން. އޭގެ ތެރޭގައި ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންވެސް އެބަތިބި'' އާމިނަތު އައްބާސާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް އެކެޑަމީ އެވޯޑު ދެއްވުމަށް ބަހުގެ އެކަޑަމީން ނިންމަވާފައިވާ ކަމަށެވެ. އެކަޑަމީ އިނާމުގެ ގޮތުގައި ކަނޑައަޅާ ދާއިރާތަކުން ކޮންމެ ދާއިރާއަކުން ގިިނަވެގެން 20 އިނާމު ދިނުމަށް ހަމަޖެހިފައިވެއެވެ.

އެކަޑަމީ އިނާމު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި، ދިވެހިބަހުގެ ދާއިރާ، ދިވެހި އަދަބިއްޔާތުގެ ދާއިރާ، ޅެންވެރިކަމުގެ ރޮނގު، ލިޔުންތެރިކަމުގެ ރޮނގު އަދި ދިވެހި ތާރީޚުގެ ދާއިރާ ހިމެނެއެވެ.

ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚުގެ ދާއިރާއިން އިނާމު ދިނުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި، ދާއިރާގައި ދެމިހުރި މިންވަރާއި، ދާއިރާގައި ޚިދުމަތްކޮށްފައިވާ މުއްދަތާއި، ދާއިރާއިން ރާއްޖެއިން ހޯދާފައިވާ ކަމިޔާބީއާއި، ދާއިރާގައި ކޮށްފައިވާ މަސައްކަތްތަކާއި، ދާއިރާއިން މުޖުތަމައަށް ފައިދާހުރި ގޮތެއްގައި ކޮށްފައިވާ މަސައްކަތްތަކާއި، ދާއިރާ ތަރައްޤީކުރުމަށް ކޮށްފައިވާ މަސައްކަތްތަށް ހިމެނެއެވެ.

އެކެޑަމީ އިިނާމު ދެއްވާ ތާރީޚް އަދި މުޅިން ފައިނަލް ނުކުރައްވާ ކަމަށާއި އެހެންނަމަވެސް އެކޮޓޯބަރު މަހުގެ ފަހުކޮޅު އެވޯޑު ދެއްވުމަށް ހަމަޖެހިފައިވާ ކަމަށް ދިވެހި ބަހުގެ އެކެޑަމީން ވިދާޅުވެއެވެ.