ވިޔަފާރި

ރާއްޖޭގައި އުފައްދާ ސޮފްޓްޓޯއީސްތައް 2017ގެ ކުރީކޮޅު ބާޒާރަށް


ކުޑަކުދިން ކުޅެން ގެންގުޅޭ ސޮފްޓްޓޯއީސްއާއި، ބާލީހާއި ކަންނެޔޮ ފަދަ ތަކެތި ރާއްޖޭގައި އުފައްދައި، އަންނަ އަހަރުގެ ކުރީކޮޅު ބާޒާރަށް ނެރެން ފަށާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓަރުގެ ނާއިބު ޢަބްދުﷲ މުޙައްމަދު ވިދާޅުވީ ރާއްޖެއަށް ކޮންމެ އަހަރަކުވެސް 17 މިލިޔަން ރުފިޔާގެ ސޮފްޓްޓޯއީސް މިހާރު އެތެރެކުރާ ކަމަށެވެ. ނަމަވެސް، ރާއްޖޭގައި ބާލީހާއި ސޮފްޓްޓޯއީސް ފަދަ ތަކެތި އުފައްދާނަމަ، މިހާރު ބާޒާރުގައި އެތަކެތި ހުންނަ އަގަށްވުރެ 20 ޕަސަންޓާއި 30 ޕަސަންޓު އަގުހެޔޮވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަބްދުﷲ މުޙައްމަދު ވިދާޅުވީ، ހުޅުމާލެއިން އިކޮނޮމިކް މިނިސްޓްރީއަށް 3،000 އަކަފޫޓުގެ ބޮޑު ބިމެއް ލިބިވަޑައިގެންފައިވާ ކަމަށާއި، އެތަނުގައި ފަސް ބުރީގެ ކާރުޚާނާއެއް ހަދަން ނިންމަވާފައިވާކަމަށެވެ. އަދި އެ ކާރުޚާނާ ޤާއިމުކުރުމަށް އޭޑީބީއާއި އައިޑީބީ ފަދަ ފަރާތްތަކުން ފަންޑު ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މި ކާރުޚާނާގައި އެކިއެކި ފިޔަވަހިތަކަށް ބަހާލައިގެން ދިވެހި އުފެއްދުންތައް އުފެއްދުމަށް ރާވާފައިވާއިރު، ފުރަތަމަ ފަށާނީ ކުޑަކުދިން ކުޅޭ ސޮފްޓްޓޯއީސްއާއި ބާލީހާއި ކަންނެޔޮ ފަދަ ތަކެތި އުފައްދަންކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

އިކޮނޮމިކް މިނިސްޓަރުގެ ނާއިބު  ޢަބްދުﷲ މުޙައްމަދު ވިދާޅުވީ ރާއްޖޭގައި އުފައްދާ ސޮފްޓްޓޯއީސްތަކުގެ ގޮތުގައި ހަދާނީ ރާއްޖޭގައި އުޅޭ މަސްމަހާއި، ބޮއްޔާއި ދޫނި ފަދަ ތަކެތި ކަމަށާއި، އެތަކެތި ޑިޒައިންކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށެވެ.

ސޮފްޓްޓޯއީސްއާއި ބާލީހާއި ކަންނެޔޮ ފަދަ ތަކެތީގެ އިތުރުން ކުރިއަށްއޮތްތަނުގައި، މި ކާރުޚާނާގައި، ކާށިތެލާއި ނާށީގެ އުފެއްދުންތަކާއި ކްލޭއިން ކުދި ދޯނިވެސް ހެދުމަށް ސަރުކާރުން ނިންމަވާފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.