ޔޫއެފާ ޗެމްޕިއަންސް ލީގުގައި، މެޗުގެ ފުރިހަމަ ވަގުތުގެ އެންމެ ފަހު މިނެޓުގައި ޖެހި ލަނޑާއެކު ޕޯޗުގަލްގެ ސްޕޯޓިން ލިސްބަން އިން، މި މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަން، ފްރާންސް ޕީއެސްޖީ ބަލިކޮށްފިއެވެ.
އަމިއްލަ ދަނޑުގައި ކުޅެ މި މެޗުން ސްޕޯޓިން މޮޅުވީ 1-2 ގެ ނަތީޖާއަކުންނެވެ.
ދާދި ހަމަހަމަ ކުޅުމެއް ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފު ނިމުނީ 0-0 އިން ދެ ޓީމު އެއްވަރުވެފައި އޮވެގެންނެވެ.
އެހެންނަމަވެސް މި ހާފުގައި ޕީއެސްޖީން 29 ވަނަ މިނެޓުގައި ސްޕޯޓިންގެ ގޯލަށް ބޯޅަ ވައްދާލި ނަމަވެސް، ލަނޑު ޖެހުމަށް ފުރުސަތު ތަނަސްކުރަން އުޅުމުގެ ތެރޭގައި ކުރެވިފައިވާ ފައުލަކާ ގުޅިގެން، ވީއޭއާރުގެ އެހީ ހޯދުމަށްފަހު ރެފްރީ ނިންމީ ލަނޑު ބަލައިނުގަތުމަށެވެ.
އެފަހުން 41 ވަނަ މިނެޓުގައި، ނޫނޯ މެންޑޭޒް ވެސް ވަނީ ސްޕޯޓިން ކޮޅަށް ލަނޑެއް ޖަހައިފައެވެ. އެހެންނަމަވެސް މި ލަނޑު ޖެހުމުގެ ކުރިން ވެސް އޭނާއަށް ފައުލުކުރެވިފައިވާކަމަށް ނިންމައި، ލަނޑު ބަލައިގެންފައެއް ނުވެއެވެ.
ދެވަނަ ހާފުގައި އުސްމާން ޑެމްބެލޭ ޖެހި ލަނޑެއް ވެސް ބަލައި ނުގަތުމަށް ރެފްރީ ވަނީ ނިންމައިފައެވެ.
މެޗުގައި ލަނޑެއްގެ ގޮތުގައި ބަލައިގަތް އެންމެފުރަތަމަ ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފުގައި، މެޗުގެ 74 ވަނަ މިނެޓުގައެވެ.
މި ލަނޑު ސްޕޯޓިންއަށް ކާމިޔާބުކޮށްދީ އެ ޓީމަށް ލީޑުނަގައިދިނީ މެޗުގެ ތަރިއަކަށްވި ލުއިސް ޝުއަރޭޒެވެ.
ސްޕޯޓިން އިން ލީޑު ނެގިތާ ފަސް މިނެޓުފަހުން ޕީއެސްޖީން ވަނީ ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޚްވަރަޓް ޝްކްކޭލިއާ އެވެ.
މެޗުން ސްޕޯޓިން މޮޅުވި ލަނޑު ކާމިޔާބުކޮށްދިނީ ވެސް ޝުއަރޭޒެވެ. މިއީ 90 ވަނަ މިނެޓުގައި، އޭނާ ކާމިޔާބުކުރި ލަނޑެކެވެ.
މި ނަތީޖާއާއެކު ވެސް ޕީއެސްޖީއަށް ދެވަނަ ބުރުގެ އޮޓޮމެޓިކް ޖާގައެއް ގާތްގަނޑަކަށް ޔަގީންވެފައިވީ ނަމަވެސް 100 އިންސަތަ ކަށަވަރުވާނީ ދެން ކުޅޭ މެޗަށްފަހުއެވެ.
ޕީއެސްޖީ އޮތީ 13 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގައެވެ. ހަވައިގައި އޮތް ސްޕޯޓިން އަށް ވެސް 13 ޕޮއިންޓު ލިބިފައިވާއިރު ޕީއެސްޖީއަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. މި ބުރުގައި ކޮންމެ ޓީމަކުން ވެސް އަށް މެޗު ކުޅޭނެއެވެ. ރައުންޑް އޮފް 16 ގެ ސީދާ ޖާގަ ލިބޭނީ ބުރު ނިމޭއިރު އެންމެ މަތިން ޕޮއިންޓު ހޯދާ އަށް ޓީމަށެވެ. ޕީއެސްޖީން މިހާތަނަށް ހަތް މެޗު ކުޅެފައިވެއެވެ.
އެ ބުރުގެ ބާކީ ޖާގަތަކަށް ވާދަކުރާނީ ތާވަލުގެ 9 ވަނައިން ފެށިގެން 24 ވަނައާ ދެމެދު އޮންނަ ޓީމުތަކެވެ.