ޚަބަރު

ހައިކޯޓްގެ އުތުރު ގޮފީގެ ޝަރީޢަތްތައް ފަށަނީ


ހައިކޯޓްގެ އުތުރު ގޮފީގެ ޝަރީޢަތްތައް ފެއްޓެވުމަށް ތައްޔާރުވެވަޑައިގެންފައިވާ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހާމަކުރައްވައިފިއެވެ. ހައިކޯޓްގެ އުތުރު ގޮފި ޤާއިމުކުރައްވަނީ ހދ. ކުޅުދުއްފުށީގައެވެ.

ޕީ.އެސް.އެމަށް މަޢުލޫމާތު ދެއްވަމުން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެސިސްޓެންޓް ލީގަލް އޮފިސަރ އަލްއުސްތާޛާ މަރިޔަމް ފާޠިން ވިދާޅުވީ ހައިކޯޓްގެ އުތުރު ގޮފީގެ މަސައްކަތްތައް ފެއްޓެވުމަށްޓަކައި އިދާރީގޮތުން ހަމަޖައްސަވަންޖެހޭ އެންމެހައި ކަންކަން މިހާރު ހަމަޖައްސަވައި ނިމިފައިވާކަމަށެވެ. އެގޮތުން އުތުރު ގޮފި ހުންނަ ޢިމާރާތުގެ މަސައްކަތްތައް ނިންމަވައި ޝަރީޢަތްކުރެވޭނެ އިންތިޒާމު މިހާރު ހަމަޖައްސަވާފައިވާކަމަށެވެ. އަދި އެގޮތްޕަށް ފަނޑިޔާރުން ޢައްޔަންކުރެއްވިހާ އަވަހަކަށް ޝަރީޢަތްތައް ފަށްޓަވާނެކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވެއެވެ.

ހައިކޯޓްގެ ގޮފިތަކަށް ފަނޑިޔާރުން ޢައްޔަނުކުރައްވާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންނެވެ. ހައިކޯޓްގެ ކޮންމެ ގޮތްޕަކަށް ހައިކޯޓްގައި ތިއްބަވާ 9 ފަނޑިޔާރުންގެ ތެރެއިން 3 ފަނޑިޔާރުން ކަނޑައަޅުއްވަންޖެހެއެވެ.

ހައިކޯޓްގެ ގޮފިތަކަކީ އެގޮތްޕެއް ހިމެނޭ ސަރަޙައްދުގައި ހުންނަ މެޖިސްޓްރޭޓް ކޯޓްތަކުން ނިންމަވާ މައްސަލަތައް އިސްތިޢުނާފްކުރެއްވުމަށް ޤާއިމުކުރައްވާ ގޮފިތަކެކެވެ. އެހެންކަމުން ޤާނޫނުން ހައިކޯޓަށް ލިބިދޭ ޚާއްޞަ އިޙްތިޞާސްތަކުގެ ތެރޭގައި ހިމެނޭ ދުސްތޫރީ މައްސަލަތައް ބެއްލެވުންފަދަ ބާރުތައް އެކޯޓްގެ ގޮފިތަކަށް ލިބިދީފައެއް ނުވެއެވެ.

ހައިކޯޓްގެ އުތުރު ގޮފީގެ އިދާރީ ކަންކަން ހަމަޖައްސަވައި މުވައްޒަފުން މަސައްކަތައް ނިކުންނަވަން ފަށްޓަވާފައިވާއިރު މިހާތަކަށް އެގޮތްޕަށް ވަނީ 70 މައްސަލަ ހުށައަޅާފައެވެ. އަދި އައްޑޫސިޓީގައި ޤާއިމުކުރެއްވި ހައިކޯޓްގެ ދެކުނު ގޮފި ޤާއިމުކުރައްވައި މަސައްކަތްތައް ވަނީ ފަށްޓަވާފައެވެ.