ސިއްހަތު

ޑަބްލިޔޫއެޗްއޯގެ ސަރަޙައްދީ 69 ވަނަ ބައްދަލުވުން ނިމިއްޖެ


ސްރީލަންކާގެ ވެރިރަށް ކޮލަންބޯގައި ބޭއްވި ޑަބްލިޔޫއެޗްއޯގެ ސަރަޙައްދީ 69 ވަނަ ބައްދަލުވުން ނިމިއްޖެއެވެ.

މި މަހުގެ 5 ން 9 ގެ ނިޔަލަށް ބޭއްވި މިބައްދަލުވުން ނިމުމުގެ ރަސްމިއްޔާތުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ޑިރެކްޓަރ ޑރ.ޕޫނަމް ކެތްރަޕާލް ސިންގ ދެއްކެވި ވާހަކާގައި މި ބައްދަލުވުމުގައި މެމްބަރު ޤައުމުތަކުން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ މަސައްކަތް ހަރުދަނާ ކުރުމަށް ލަފާދީ، ސަރަޙައްދީ ފެންވަރެއްގައި ޞިއްޙަތާއިގުޅޭ މުހިންމު ނިންމުންތަކެއް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

ފަސް ދުވަހުގެ މުއްދަތަށް ކޮލޮންބޯގެ ގޯލްފޭސް ހޮޓެލްގައި ކުރިޔަށްދިޔަ މިބައްދަލްވުމުގައި މެންބަރު ޤައުމުތަކުން މަޝްވަރާކުރި ކަންތައްތަކުގެ ތެރޭގައި ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވެ، މިފަދަ ބަލިތައް ކޮންޓްރޯލު ކުރުމާއި މިކަމަށް ކުރެވޭ މަސައްކަތް ހަރުދަނާ ކުރުން ހިމެނެއެވެ. އަދި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލުކުރުމާ ބެހޭގޮތުންވެސް މުހިންމު މަޝްވަރާތަކެއް ކޮށްފައިވެއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ 2017 އިން 2018 އަށް ކަނޑައަޅާ ބަޖެޓް މެމްބަރު ޤައުމުތަކާއި ހިއްސާކުރުމުގެ އިތުރުން، ހެލިފެލިވެ އުޅުމާއި ކަސްރަތު ކުރުމުގެ މުހިންމުކަމާއިބެހޭ ގޮތުންވެސް މިބައްދަލުވުމުގައި މަޝްވަރާކުރިއެވެ. އަދި މައިންނާއި ތުއްތު ކުދިންގެ ޞިއްޙަތު ކުރިއެރުވުމަށް ގައުމުތަކުން ކުރެވިދާނެ ކަންތައްތަކާއި، ސިއްޙަތަށް ބޭނުންވާ ކާނާ ނުލިބުމުގެ ސަބަބުން އަނަރޫފަ ވިޔަނުދީ، ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ކުރެވިދާނެ ކަންތައްތަކާބެހޭ ގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ.

މިބައްދަލުވުމުގައި މަޝްވަރާކުރި އެހެން ބައެއް ކަންތައްތަކަށް ބަލާލާއިރު ސިއްޙީ ދާއިރާގެ އިންސާނީ ވަޞީލަތްތައް ތަރައްޤީ ކުރުމާއިބެހޭ ޚާއްސަ ނިންމުންތަކާއި، ކުއްލި ޙާލަތްތަކުގައި މެމްބަރު ޤައުމުތަކަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ދޭ އެހީ އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކާއިބެހޭ ގޮތުން މެމްބަރު ޤައުމުތަކުން އެއްބަސްވުންތަކެއް ވަނީ އެކުލަވާލާފައެވެ.

މިބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވި ވަފުދުންވެސް އެކި ހުށަހެޅުންތައް ޙިއްސާ ކޮށްފައިވެއެވެ. މިގޮތުން ޞިއްޙަތާއިގުޅޭ 19 ދާއިރާއަކުން ރާއްޖެއަށް އެންމެ ފައިދާހުރި ގޮތްތަކާބެހޭ ގޮތުން ދިވެހިރާއްޖޭގެ ވަފުދުން މަޝްވަރާކުރިއެވެ. މިބައްދަލުވުމުގެ ޙަވާސާގައި ސްރީލަންކާއާއި އިންޑިޔާގެ ޞިއްޙަތާއި ބެހޭ ވަޒީރުންގެ އިތުރުން ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ޑިރެކްޓަރ ޑރ.ޕޫނަމް ކެތްރަޕާލް ސިންގ އާއިއެކު ދިވެހިރާއްޖޭގެ ވަފްދުން މަޝްވަރާ ބައްދަލުވުންތައް ބާއްވާ، ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާ ތަރައްޤީ ކުރުމަށް ކުރާ މަސައްކަތްތައް ހިއްސާކޮށް، އިތުރަށް އެހީ ބޭނުންވާ ދާއިރާތަކާއިމެދު މަޝްވަރާކުރިއެވެ.

ޑަބްލިޔޫއެޗްއޯގެ 69 ވަނަ ރީޖަނަލް ކޮމިޓީގެ ބައްދަލުވުމުގެ ޙަވާސާގައި، ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމުގެ މަސައްކަތަށް ކޮމިޓީގެ ބައިވެރިން އިތުރަށް އަހުލުވެރި ކުރުމަށް ހެދުނު ކޮމިޓީގެ ބައިވެރީންނަށް ޚާއްސަ ކަސްރަތު ޕްރޮގްރާމްތަކާއި ސިއްޙަތަށް ފައިދާހުރި ކާނާ ހިމެނޭ ހެދުނުގެ ނާސްތާއެއް އިންތިޒާމު ކޮށްފައިވެއެވެ. އަދި ސްރީލަންކާގެ ޞިއްހީ ޚިދުމަތްދޭ ބައެއް މަރުކަޒުތަކަށް ޒިޔާރަތްކޮށް ޚިދުމަތް ދިނުމުގައި ހުރި ގޮންޖެހުންތަކާއި ކުރެވޭ މައިގަނޑު މަސައްކަތްތައްވެސް ބައިވެރިންނާއި ޙިއްސާކުރިއެވެ. އަދި މި ސަރަޙައްދުގެ ޤައުމުތަކުގެ ތެރެއިން އާއްމު ޞިއްޙަތު ރައްކާތެރި ކުރުމުގެ ދާއިރާއިން ފާހަގަ ކޮށްލެވޭ ޤައުމުތަކަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ހަނދާނީ ލިއުން ހަވާލުކުރިއެވެ.

މިގޮތުން، ދިވެހިރާއްޖެއިން ފައިލޭރިއާ އަދި މެލޭރިއާ ބަލި ފެތުރުން ކޮންޓްރޯލު ކުރެވިފައިވާތީއާއި، މައިންގެ ފަރާތުން ތުއްތު ކުދިންނަށް ޖެހޭ ޓެޓްނަސްއިން ރައްކާތެރި ކުރެވިފައިވާތީ، މި 3 ދާއިރާއިން ހަނދާނީ ސެޓްފިކެޓް ހަވާލުކުރިއެވެ. މިބައްދަލުވުމުގައި ގައިންގަޔަށް ނާރާބަލިތައް ކޮންޓްރޯލް ކުރުމާއިގުޅޭ ގޮތުން "ކޮލަންބޯ ޑިކްލެރޭޝަން އޮން ސްޓްރެންތަނިން ހެލްތު ސިސްޓަމްސް ޓު އެކްސެލެރޭޓް ޑެލިވަރީ އޮފް އެންސީޑީ ސާވިސަސް އެޓްދަ ޕްރައިމަރީ ހެލްތުކެއަރ ލެވެލް" އާއިބެހޭ ޤަރާރެއް ފާސްކުރެވި ޖުމްލަ 8 ދާއިރާއަކުން ރިޒޮލިއުޝަންއާއި ޑިޒިޝަން ފާސްކުރެވުނެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވި ވަފުދުގައި އިސްކޮށް ހުންނެވީ ހެލްތް މިނިސްޓަރ އަބްދު ﷲ ނާޒިމް އިބްރާހީމެވެ.

މި ބައްދަލުވުމުގައި ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ 11 މެމްބަރު ޤައުމުގެ ޞިއްޙަތާއިގުޅޭ ވަޒީރުންނާއި ޞިއްޙީ ދާއިރާގެ އިސް ފަރާތްތަކާއި އ.ދގެ ޖަމިއްޔާތަކާއި ޞިއްޙަތާއިގުޅޭ ތަފާތު ދާއިރާތަކުގެ މާހިރުންނާއި ޞިއްޙަތާއި ގުޅޭ ޖަމްޢިއްޔާ ޖަމާއަތްތަކުގެ މަންދޫބުން ބައިވެރިވިއެވެ. ރީޖަނަލް ކޮމިޓީގެ ބައްދަލުވުމަކީ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ މީހުންގެ ޞިއްޙަތާއިގުޅޭ މުހިންމު ނިންމުންތައް ސަރަޙައްދީ ފެންވަރުގައި ނިންމާ އެންމެމަތީ ގުނަވަނެވެ.