ހިތުގެ ފަރުވާ ރަނގަޅު ފެންވަރެއްގައި އަދި ޒަމާނީ ގޮތްތަކާއި ވަޞީލަތްތައް ބޭނުންކޮށްގެން ރާއްޖޭގެ ނޭޝަނަލް ކާޑިއެކް ސެންޓަރުން ދެއްވަމުން ގެންދަވާއިރު، ދިވެހިން މި ފަރުވާ ހޯދަން ޤައުމުން ބޭރަށް ދާންވީ އެއްވެސް ސަބަބެއް ވިސްނިވަޑައި ނުގަންނަވާކަމަށް އިޓަލީ ވިލާތުގެ، ހިތުގެބަލީގެ ޚާއްޞަ ޑރ. ޢިމާދު ވިދާޅުވެއްޖެއެވެ. ދިވެހިންނަށް މިހާރު ރަނގަޅުގޮތަކީ، އަމިއްލަ ވަޒަނުގައި ފަރުވާ ލިބިގަތުންކަމަށް އޭނާ ދިވެހިންނަށް ލަފާދެއްވައެވެ.
ހިތުގެ ފަރުވާއަކީ ނާޒުކު، އަދި ފަންނީ މަސައްކަތަކަށް ވުމާއެކު، މި ޚިދްމަތް އައި.ޖީ.އެމް.އެޗުގައި ފެއްޓެވިއިރު، އެންމެ ކަންބޮޑުވުން އޮތީ ޢާއްމުން ޚިދްމަތް ބަލައިގަންނާނެކަމާމެދުއެވެ. ޚިދްމަތް ފެއްޓެވިތާ ދެމަސްދުވަސް ވީއިރު، މިޚިދްމަތް ވަނީ ޢާއްމުންގެ އިތުބާރު ބޮޑު، އަދި ބަލައިގަންނަ ޚިދްމަތަކަށްވެފައެވެ. ޚިދްމަތް ލިބިގަންނަ މީހުންގެ އިތުރަށް ޚިދްމަތްދިނުމުގައި ބައިވެރިވާ، އަދި މަސައްކަތް ގާތުން ފެނުނު ބޭރުގެ ޑޮކްޓަރުން، އައި.ޖީ.އެމް.އެޗްގެ ކާޑިއެކް ސެންޓަރުގެ ޚިދްމަތް ސިފަކުރައްވަނީ ބައިނަލްއަޤްވާމީ އަދި ޒަމާނީ ފެންވަރުގެ ޚިދްމަތެއްގެ ގޮތުގައެވެ.
img:http://s2.psmnews.mv/images/660x400/14673704212809.jpg|އައިޖީއެމްއެޗް ހޮސްޕިޓަލްގެ ކެތް ލެބްގައި ޑޮކްޓަރުން ހަރަކާތްތެރިވަނީ - ފައިލް ފޮޓޯ: ޕީއެސްއެމް
ނޭޝަނަލް ކާޑިއެކް ސެންޓަރުގައި، ހިތުގެ ފަރުވާގެ 250 ޕްރޮސީޖަރއެއް ކުރިޔަށް ގެންދަވާފައިވާއިރު، މީގެ ތެރޭގައި 100 އެންޖިއޯޕްލާސްޓީވެސް ހިމެނެއެވެ.
އައި.ޖީ.އެމް.އެޗުން ހާމަކުރެއްވިގޮތުގައި، މީގެތެރެއިން 15 އިންސައްތަ ޕްރޮސީޖަރއަކީ ރާއްޖެއިން ބޭރަށް ފަރުވާ ހޯދުމަށް ގޮސް ބަލިމީހާގެ ޙާލަތު ސީރިއަސްކަމުން، އަނބުރާ މާލެއައިސް ފަރުވާ ހޯދާފައިވާ މީހުންނެވެ. އެހެންނަމަވެސް މި ހުރިހައި ޕްރޮސީޖަރތައްވެސް ކާމިޔާބުކަމާއެކު ކުރިޔަށް ގެންދެވިފައިވާ ކަމަށް އައި.ޖީ.އެމް.އެޗުން ވިދާޅުވެއެވެ. ހިތުގެ ފަރުވާ ފެށުނުއިރު ޢާއްމުންގެ މަޤްބޫލްކަން ކުޑަނަމަވެސް މިހާރު ޢާއްމުންގެ އިތުބާރު މިހާރު ވަނީ މި ސެންޓަރަށް ލިބިފައެވެ. އެހެންކަމުން ހިތުގެ ފަރުވާގެ ހުރިހައި ޕްރޮސީޖަރތައް ފެއްޓެވުމަށް އެއްވެސް ނުތަނަވަސްކަމެއް މިހާރު ނެތްކަމަށް އައި.ޖީ.އެމް.އެޗުން ހާމަކުރައްވައެވެ.
އައިޖިއެމްއެޗުން ދެމުންދާ ޚިދުމަތްތައް ފުޅާކޮށް، އާ އިތުރު ފަރުވާތައް ފެށްޓެވުމުގެ އިންތިޒާމް އެ ހޮސްޕިޓަލުން ގެންދަވަނީ ހަމަޖައްސަވަމުންނެވެ. އަދި ޚިދްމަތްތައް ފުޅާކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާއިރު، ބޭރުގެ ފަންނީ ތަޖުރިބާކާރުންގެ އެހީވެސް މިކަމުގައި އައިޖީއެމްއެޗުން ގެންދަވަނީ ހޯއްދަވަމުންނެވެ. މިދިޔަ ހަފްތާގައި، އައި.ޖީ.އެމް.އެޗުގައި ހިތުގެ ފަރުވާދިނުމުގެ ކަންކަމުގައި ފަންނީ ގޮތުން ޙަރަކާތްތެރިވަޑައިގެންނެވި އިޓަލީވިލާތުގެ ޑޮކްޓަރެއް ކަމަށްވާ ޑރ. ޢިމާދު ޝީބާން ވިދާޅުވީ، ކާޑިއެކް ސެންޓަރުން ދެމުން ގެންދަނީ ޒަމާނީ ފެންވަރުގެ ޚިދުމަތް ކަމަށާއި، ޚިދުމަތްދޭ ފަންނީ ޓީމަކީ އެކަމަށް ޤާބިލް ޓީމެއްކަމަށެވެ. ޑރ. ޢިމާދު ވިދާޅުވީ ޒަމާނީ، ހިތުގެ ފަރުވާ ރަނގަޅު ފެންވަރެއްގައި އަދި ޒަމާނީ ގޮތްތަކާއި ވަޞީލަތްތައް ބޭނުންކޮށްގެން ނޭޝަނަލް ކާޑިއެކް ސެންޓަރުން ދެއްވަމުން ގެންދަވާއިރު، ދިވެހިން މި ފަރުވާ ހޯދަން ޤައުމުން ބޭރަށް ދާންވީ އެއްވެސް ސަބަބެއް އޭނާއަށް ވިސްނިވަޑައި ނުގަންނަވާކަމަށެވެ. އަދި އޭގެ ރަނގަޅުގޮތަކީ، އަމިއްލަ ވަޒަނުގައި ފަރުވާ ލިބިގަތުންކަން އޭނާ ފާހަގަކުރެއްވިއެވެ.
"މިތާނގައި (ނެޝަނަލް ކާޑިއެކް ސެންޓަރ) ބިނާކޮށްފައި މިހިރީ އެންމެ އެކަށީގެންވާގޮތައް، ފަރުވާ ދިނުމަށް ބޭނުންކުރާ ފަންނީ އާލާތްތަކަކީ އެންމެ ޒަމާނީ ފެންވަރު ރަނގަޅު ތަކެތި.އަނެއްކާ މިތާނގައި ފަރުވާދޭ ޓީމަކީ އެހައި ފަންނުވެރި ކުޅާދާނަ ބޭފުޅުން. ޑޮކްޓަރުން ފެށިގެން ގޮސް ޓެކްނީޝަނާ ޖެހެންދެންވެސް އެންމެން އެތިބީ މިކަމަށް ތަމްރީންވެފައި. މިތާގައި ފަރުވާ ދޭ ބޭފުޅުންގެ ޚިދްމަތް ދެނީ ވަރަށް މަތީ ފެންވަރެއްގައި. ހަޤީގަތައް ބުނާނަމަ،މިތަނާ އަޅުގަނޑުމެން ޔޫރަޕްގެ ކެތުލެބްތަކާއި ތަފާތެއް ނެތް. ޔޫރަޕްގައި ދޭ ޚިދްމަތަކާއި މިތަނުގައިދޭ ޚިދްމަތާއި އެއްވެސް ތަފާތެއް ނެތް. ޕްރޮސީޖާތައް ހަމަ އެއްގޮތް. ޒަމާނީ ހިތުގެ ފަރުވާ އަމިއްލަ ވަޒަނުގައި ލިބެން ހުއްޓާ ދިވެހިން މި ފަރުވާ ލިބިގަތުމަށް ބޭރަށްދާންވީ ސަބަބެއް ނުވިސްނޭ. އެމީހުން ބޭރުން އެހޯދާ ފަރުވާ މިތާވެސް ލިބެން މިހިރީ. ހަމަ އެއްފަރުވާއެއް ...ހަމަ އެއްފެންވަރެއްގައި." ޑރ . އިމާދު ޝީބާން ވިދާޅުވިއެވެ.
ނޭޝަނަލް ކާޑިއެކް ސެންޓަރުގެ ޚިދްމަތް ފެއްޓެވީއްސުރެ، ހިތުގެ ފަރުވާ ދިނުމުގައި ފަންނީ އަދި އަމަލީ ގޮތުން ޙަރަކާތްތެރިވަމުން ގެންދަވާ އިންޑިއާގެ މަޝްހޫރު ކާޑިއޮލޮޖިސްޓް، ޑރ. ޕްރަތާބް ކުމާރު ވިދާޅުވީ، ކާޑިއެކް ސެންޓަރުގެ ކާމިޔާބީއަކީ އެތަނުގައި މަސައްކަތްކުރާ ޓީމުގެ ފަންނީ ޤާބިލުކަމާއި، އަދި އެމީހުން މަސައްކަތުގެ ޑިސިޕްލިން ކަމަށެވެ. އެޓީމަކީ ވަރަށް ހުނަރުވެރި، މަސައްކަތަށް ފަރުވާ ބަހައްޓާ ޓީމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. އަދި ވަކިން ޚާއްޞަކޮށް ނޭޝަނަލް ކާޑިއެކް ސެންޓަރުގައި އިސްކޮށް ޙަރަކާތްތެރިވެވަޑައިގަންނަވާ ޑރ.ޢަލީ ޝަފީޤްގެ މަސައްކަތް އޭނާ ފާހަގަކުރެއްވިއެވެ.
"ޑރ.އަލީ ޝަފީޤް އަކީ އަޅުގަނޑު ޙާޔާތުގައިވެސް ދިމާވީ އެންމެ އިޚްލާސްތެރި، ފަރުވާތެރި ހިތުގެ ޑޮކްޓަރުކަން ފާހަގަކޮށްލަން ބޭނުން. އޭނާ ދެމިއެހުންނަވަނީ ދިވެހިންނަށް ފަރުވާ ދެއްވުމަށް ،ސަރުކާރު ހޮސްޕިޓަލްގައި ޚިދްމަތްކުރެއްވުމަށް.އޭނާ ބޭނުންނަމަ އެހެން ޕްރައިވެޓް ކްލިނިކެއްގައިވެސް ހިތުގެ ފަރުވާ ދެވިދާނެ. އެކަމު އޭނާ އެހެންނެއް ނަހަދާ. އޭނާ އެހުންނަވަނީ ސައުވީސް ގަޑިއިރު ދިވެހިންނަށް ޚިދްމަތް ދިނުމަށް ހުސްވެ. އެހާމެ އިޚްލާސްތެރި.ހޮނިހިރު އާދީއްތަ ދުވަހު ޕްރޮސީޖަރތައް ނިމޭއިރު ހުންނާނީ 11:30 ނުވަތަ 12:00 ޖަހާފައި. އެކަމަކު ހަަމަ ހެދުނު 0600 ޖަހާއިރު އޭނާ ހުންނާނީ ކެތުލެބްގައި.އަހަރެން ކުރިން ހީކުރީ އަހަންނަކީ އެންމެ ފަރުވާތެރި އަދި އިޚްލާސްތެރި މީހާކަމަށް. ޑރ. އަލީ ޝަފީޤްގެ ޚިދްމަތާއި މެދު ޚުދް އަޅުގަނޑު އެބަ ޖެލަސްވޭ." އިންޑިއާގެ މެޑިޓްރީނާ ހޮސްޕިޓަލުގެ މެނޭޖިންގް ޑިރެކްޓަރ ޑރ.ޕްރަތާބް ކުމާރު ވިދާޅުވިއެވެ.
ހިތުގެ ބައްޔަށް ފަރުވާ ހޯދުމަށް ދިވެހިން ރާއްޖެއިން ބޭރަށް ފޮނުވުމަށް ދައުލަތުން ކުރައްވަމުން އަންނަ ހޭދަ ކުޑަކުރުމާއެކު، ރާއްޖޭގައި ތިބެގެން ހިތުގެ ފަރުވާ ލިބޭނޭ އިންތިޒާމް ހަމަޖެއްސެވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން އިންޑިއާގެ މެޑިޓްރީނާ ހޮސްޕިޓަލުގެ ފަންނީ އެހީތެރިކަމާއެކު، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ޒަމާނީ ކާޑިއެކް ސެންޓަރެއް ޤާއިމް ކުރައްވާފައިވަނީ، މިއަހަރުގެ ޖޫންމަހުގެ 5 ވަނަ ދުވަހުއެވެ. އަދި ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިސެންޓަރުން ގެންދަވަނީ ހިތުގެ ފަރުވާ، އެކަންކުރައްވާ ޚިދުމަތްތެރިންގެ ޤާބިލްކަމާއި ބޭނުންކުރާ ވަޞީލަތާއި މަސައްކަތުގައި ގެންގުޅޭ ހަމަތަކަށް ބަލާއިރު އެންމެ ޒަމާނީ ފެންވަރުގައި ޚިދުމަތްދެއްވަމުންނެވެ. މީގެ ތެރޭގައި، އެންޖިއޯގްރާމް، އެންޖިއޯ ޕްލާސްޓީ، ޕްރައިމަރީ އެންޖިއޯ ޕްލާސްޓީ އަދި ޕޭސް މޭކަރ ލެއްވުން ހިމެނެއެވެ. އަދި މިހާރު އެހޮސްޕިޓަލުން ގެންދަވަނީ، ސީ.އާރް.ޓީ.ޑީ ( ކޮންސަލްޓާ ކާޑިއެކް ރީސިންކްރޮނައިޒޭޝަން ތެރަޕީ ޑިފައިބްރިލޭޓަ) ލައްވަން ތައްޔާރުވެވަޑައިގަންނަވަމުންނެވެ.