ޚަބަރު

ތަށި ނަގަން ޓީމު މިއޮތީ ވަރަށް ފޯރީގަ: އަޙްމަދު ހަމީދު


ފުރަތަމަ ފަހަރަށް ބާއްވާ ސަރަހައްދީ ފުޓްސަލް މުބާރާތް، ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގެ ތަށި ނަގަން ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމު އޮތީ ވަރަށް "ފޯރީގަ" ކަމަށް އަޙްމަދު ހަމީދު (އައްމަޑޭ) ބުނެފިއެވެ.

މުބާރާތުގައި ރާއްޖެއިން ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ވެސް ޖެހި އަޙްމަދު ހަމީދު ބުނީ، ޓީމުން ތަމްރީނުތައް ކުރިއަށް ގެންގޮސް ތައްޔާރުވަމުން ދަނީ މެޗަކަށް ފަހު މެޗެއް ނެގުމަށް ކަމަށެވެ. އަދި ފޯކަސް ހުރީ ކޮންމެ މެޗެއްވެސް ކާމިޔާބުކޮށް، މުބާރާތުގެ ތަށި ނަގަން ކަމަށާއި، ތަށި ނެގުމަށް ޓީމު އޮތީ ވަރަށް ފޯރީ ގައި ކަމަށް އޭނާ ބުންޏެވެ.

މިއީ ޤައުމީ ޓީމުން ފުރުސަތު ލިބުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށް އޭނާ ބުނީ، ޓީމުން ފުރުސަތު ލިބުމުން ނުހަނު އުފާވާ ކަމަށާއި، ކޮންމެ މެޗެއްގައި ވެސް ދެއްކޭ ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށެވެ.

އަޙްމަދު ހަމީދު އިތުރަށް ބުނީ، ޓީމުގެ މޯޓިވޭޝަން މިހާރު އިނީ ސީދާ ތައްޓަށް އަމާޒުކޮށްފައި ކަމަށެވެ.

"ޓީމު ތެރޭ މޯޓިވޭޝަން އިނީ ހަމަ ތައްޓަށް. ދެން ފުރަތަމަ ދުވަހުން ފަށައިގެން ވެސް ހަމަ ޓާގެޓަކީ ތަށި. ދެން މިހާރު ފުރަތަމަ ދެ މެޗު ނެގުމާއެކު އިތުރު ކިކެއް ލިބިފަ މީނީ. ދެން އިން އިންޑިއާ މެޗު ވެސް ނަގަން. އެ މެޗު ނަގަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ޓީމު ރެޑީގަ އޮތީވެސް". ޓީމު ތެރޭގައި މިހާރު ރޫހު ހުރިގޮތާއި ކުރިއަށް އޮތް މެޗާ މެދު ޓީމުން ގެންގުޅޭ ވިސްނުން ހާމަކޮށް އަޙްމަދު ހަމީދު ބުންޏެވެ.

މުބާރާތުގެ ފުރަތަމަ ދެ މެޗުން ހޯދި މޮޅާއެކު މި މުބާރާތުގެ ފޭވަރިޓުންނަކީ ރާއްޖެކަމަށް އެހެން ޓީމުތަކުން ދެކުނު ނަމަވެސް، އެކަމުގެ ސަބަބުން އިތުރު ޕްރެޝަރެއް ނާންނަކަމަށް އޭނާ ބުންޏެވެ. އެހެންނަމަވެސް އެހެން ޓީމުތަކުން ރާއްޖެއާ ދެކޮޅަށް ނުކުންނައިރު ވަރަށް ބޮޑަށް ތައްޔާރުވާނެތީ އެއީ މެޗުތައް އިތުރަށް އުނދަގޫވެގެންދާނެކަމެއް ކަމަށް ގަބޫލުކުރާކަމަށް އޭނާ ބުންޏެވެ.

މުބާރާތުގައި ރާއްޖެއިން މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެފައިވާއިރު ކުރިއަށް ދެން އޮތީ އިންޑިއާއާ ދެކޮޅަށް ކުޅެން އޮތް މެޗެވެ. އަންގާރަ ދުވަހު އިންޑިއާއާ ދެކޮޅަށް ރާއްޖެއިން ނުކުންނައިރު، ރާއްޖެއިން މެޗުތަކުގައި ބޭނުންކުރާ ފުރަތަމަ ފަސް ކުޅުންތެރިންނަކީ ވެސް މި މުބާރާތުގައި މިހާރު ލަނޑު ޖަހާފައިވާ ކުޅުންތެރިންކަން ފާހަގަކޮށްލެވެއެވެ. އޭގެ ތެރޭގައި ރާއްޖޭގެ ކީޕަރު، ޒައިދާން ވެސް ލަނޑު ޖަހާފައިވާކަން ފާހަގަކޮށްލެވެއެވެ.