ޚަބަރު

އދ. ގެ ފައިނަލަށް މަހިބަދޫއާއި އޮމަދޫ


ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ އދ. އަތޮޅުގެ ފައިނަލުގެ ޖާގަ، މަހިބަދޫ އާއި އޮމަދޫއިން ހޯދައިފިއެވެ.

މަހިބަދޫއިން އަތޮޅު ފައިނަލުގެ ޖާގައެއް ހޯދީ މަންދޫއާ ވާދަކޮށް ޕެނަލްޓީގައި 4-6 އިން ކުރިހޯދައިގެންނެވެ.

ވާދަވެރި ކުޅުމެއް ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔަ މި މެޗުގައި މަހިބަދޫގެ ލަނޑުތައް ޖަހައިދިނީ އިބްރާޙީމް ޝާތިރު، އިސްމާއީލް ނަޒީރު، އިބްރާޙީމް އުސާމާ ހަސަން މަޖީދު އަދި އަބްދުﷲ މިދުހަތު ފަހުމީއާއި ޝުއައިދު ސައީދުއެވެ. ޝާތިރު ވަނީ މެޗުގައި ދެ ލަނޑު ޖަހާފައެވެ.

މެޗުގައި މަންދޫގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހަސަން އިރުޝާދާއި އާދަމް އާޒިމްގެ އިތުރުން އިބްރާޙީމް އިމްރާނެވެ. އާޒިމް ވަނީ މެޗުގައި ދެ ލަނޑު ޖަހާފައެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މަހިބަދޫގެ ގޯލްކީޕަރު އަބްދުﷲ ޔާމީންއެވެ. ޔާމީން ވަނީ ޕެނަލްޓީ ޝޫޓްއައުޓްގައި ދެ ޕެނަލްޓީ ނަގާދީފައެވެ.

އަތޮޅު ސެމީގައި މަހިބަދޫއިން މަންދޫގެ މައްޗަށް ކުރިހޯދިއިރު ސެމީއާ ހަމައަށް އެ ޓީމު ދަތުރުކުރީ އަތޮޅު ގުރޫޕު ބީގެ ދެވަނައިގެ ގޮތުގައެވެ.

މި އަތޮޅުގެ ފައިނަލުގެ ދެވަނަ ޖާގަ އޮމަދޫއިން ހޯދީ ސެމީ ފައިނަލުގައި ދަނގެތީގެ މައްޗަށް ޕެނަލްޓީގައި 4-5 އިން ކުރިހޯދައިގެންނެވެ.

މެޗުގައި ދަނގެތީގެ ލަނޑުތައް ޖަހައިދިނީ އަހްމަދު ސުދެއިސް އަލީއާއި އިހްސާން މަންސޫރުގެ އިތުރުން މުޙައްމަދު ނާއިމްއެވެ. ސުދެއިސް ވަނީ މެޗުގައި ދެ ލަނޑު ޖަހާދީފައެވެ.

އޮމަދޫގެ ލަނޑުތައް މެޗުގައި ކާމިޔާބުކޮށްދިނީ އަބްދުﷲ ނިހާން، ޔޫސުފް ނަވާން، އަބްދުﷲ ނާޙިލްގެ އިތުރުން އަލީ ޝާޒް ހިލްމީއާއި އިސްމާޢީލް މަޚްތޫމެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޮމަދޫގެ ސިނާހުއެވެ.

މުބާރާތުގެ ސެމީ ފައިނަލާ ހަމައަށް އޮމަދޫ ދަތުރުކުރީ އދ. އަތޮޅުގެ ގުރޫޕު އޭގެ ދެވަނައިގެ ގޮތުގައެވެ.

ޖުމްލަ އަށް ޓީމު ވާދަކުރި އދ. އަތޮޅުގެ ގުރޫޕު ސްޓޭޖުގެ މެޗުތައް ކުރިއަށް ގެންގޮސްފައިވަނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ.