އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން) ގެ ޗެމްޕިއަންކަން ސެނެގާލް އިން ހޯދައިފި އެވެ.
މުބާރާތް ބާއްވާ މޮރޮކޯ އާއި ދެކޮޅަށް ފައިނަލުގައި ސެނެގާލް ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވާތީ މި މެޗުގައިވަނީ އިތުރު ވަގުތު ކުޅެފަ އެވެ.
މެޗުގެ އިތުރު ވަގުތުގެ ކުޅުން ފެށުނުތާ ހަތަރުވަނަ މިނިޓުގައި ސެނެގާލްގެ ޕާޕޭ ގުއޭ ވަނީ ލަނޑެއް ޖަހާ ސެނެގާލް އަށް ކުރި ހޯދަދީފަ އެވެ.
މި މެޗުގެ އިތުރު ވަގުތުގެ ކުޅުން ނިމެން ހަ މިނިޓަށް ވެފައިވަނިކޮށް ސެނެގާލްގެ ޑިފެންޑަރ އެލްހާޖީ މާލިކް ދިއޫފް ކުރި ފައުލަކާއި ގުޅިގެން ކޮންގޯގެ ރެފްރީ ވަނީ މޮރޮކޯ އަށް ޕެނަލްޓީއެއް ދީފަ އެވެ.
ނަމަވެސް މި ޕެނަލްޓީ އާއިއެކު މުޅި މެޗުގެ އޮއިވަރު ވަނީ ބަދަލުވެފަ އެވެ. އެގޮތުން ސެނެގާލްގެ ކޯޗު ޕާޕޭ ބޯނާ ތިއޯ ވަނީ އެ ޓީމުގެ ކުޅުންތެރިން ދަނޑުން ބާލުވާފަ އެވެ. އަދި ސެނެގާލްގެ ސަޕޯޓަރުން ވަނީ ރެފްރީގެ އެ ނިންމުމާއި ދެކޮޅަށް ދަނޑަށް އަރަން މަސައްކަތްކޮށްފަ އެވެ.
މެޗުގައި ހިނގާދިޔަ ހަމަނުޖެހުންތަކާއިއެކު ވީޑިއޯ އެސިސްޓެންޓް ރެފްރީން އެއީ ޕެނަލްޓީ އެއް ކަމަށް ނިންމި ނަމަވެސް މޮރޮކޯ އަށް ލިބުނު ޕެނަލްޓީ އޭގެ 14 މިނިޓު ފަހުން ބްރާހިމް ޑިއާޒް ޖެހިއިރު ސެނެގާލްގެ ގޯލުކީޕަރު އެޑުއާޑޮ މެންޑީ ވަނީ ޕެނަލްޓީ މަތަކޮށްފަ އެވެ.
ފަންސާސް އަހަރަށްފަހު ފުރަތަމަ ފަހަރަށް ބޮޑު މުބާރާތެއް ކާމިޔާބު ކުރުމަށް މޮރޮކޯ އިން ކުރި މަސައްކަތް ނާކާމިޔާބުވިއިރު މިއީ ފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ސެނެގާލް އިން މި މުބާރާތް ކާމިޔާބުކުރި ދެވަނަ ފަހަރެވެ.