ވިޔަފާރި

ގދ. އަތޮޅުން 50 ރަށް ވަރުވާއަށް ދެއްވުމަށް ނިންމަވައިފި


ގދ. އަތޮޅުން ވަރުވާއަށް ދޫކުރެއްވުމަށް ކަނޑައަޅުއްވާފައިވާ ފަޅުރަށްރަށުގެ ތެރެއިން 50 ރަށް ވަރުވާއަށް ދެއްވުމަށް ނިންމަވައި ވަރުވާއަށް ރަށްރަށް ހިފަންއެދޭ ފަރާތްތަކަށް އެ ފުރުޞަތު ހުޅުއްވާލައްވައިފިއެވެ.

މިނިސްޓްރީ އޮފް ފިޝަރިޒް އެންޑް އެގްރިކަލްޗަރުން ވިދާޅުވީ މިކަމަށް އެދޭ ފަރާތްތަކަށް ބިޑްފޯމް ވިއްކުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 19 ވާ ހޯމަ ދުވަހުން ފެށިގެން އަންނަ މަހުގެ 6 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށެވެ.

ސަރުކާރުން ވަނީ ފަޅުރަށްތައް ކުއްޔަށް ދޫކުރެއްވުމުގެ އުޞޫލަށް ބަދަލުތަކެއް ގެންނަވާފައެވެ. މިގޮތުން ދިގު މުއްދަތަށް ދަނޑުވެރިކަމަށް ދޫކުރައްވަ ފަޅުރަށްރަށުގެ އެގްރިމަންޓްތަކަށް، ދަނޑުވެރިން ހައްދާ ފެންވަރު ރަނގަޅު ތަކެތި ގަތުމަށް، އިންވެންސްޓަރުންނަށް ޝަރުތުކުރެވިފައިވުމާއި، ދިގު މުއްދަތަށް ދަނޑުވެރިކަން ކުރުމަށް ދޫކުރާ ފަޅުރަށްރަށް ނަގާ ފަރާތްތަކުން ދަނޑުވެރިކަމުގެ ސިނާއަތުގައި އިންވެސްޓްކުރުމަށް ޝައުޤުވެރިކުރުވުމުގެ ގޮތުން ބޮޑެތި މަޝްރޫޢުތަކަށް އެތެރެކުރާ މުދަލުގެ ޑިޔުޓީ އެއްކޮށް މަޢާފުކޮށްދިނުމަށް ސަރުކާރުން ނިންމެވުން ހިމެނެއެވެ. ފަޅުރަށްރަށް ވަރުވާއަށް ދޭ އެންމެ ދިގު މުއްދަތަކީ 10 އަހަރެވެ.