ވިޔަފާރި

ރެސްޓޯރެންޓާއި ކެފޭ ހިންގުމަށް ހުރާއިން ބިން ކުއްޔަށް ދޫކުރަނީ


ރެސްޓޯރެންޓާއި ކެފޭ ހިންގުމުގެ ޚިދުމަތްދިނުމަށް ކ.ހުރާއިން ބިން ކުއްޔަށް ދޫކުރުމަށް އެރަށު ކައުންސިލް އިދާރާއިން ނިންމަވައިފިއެވެ.

ހުރާ ކައުންސިލް އިދާރާއިން ހާމަކުރައްވާ ގޮތުގައި ހުޅަނގުފަރާތު ގޮނޑުދޮށުން ބަނދަރުގެ ދެކުނުކޮޅު އެއްގަމުތޮށި ކައިރިން ބިން ކުއްޔަށް ދިނުމަށް އެ ކައުންސިލުން ވަނީ ނިންމާފައެވެ. މި ބިން ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ އެތަނުގައި ހުރި  ސަންސެޓް ރެސްޓޯރެންޓް ހިންގަމުންދާ ބިމާއި މިހާރު ހުރި ޢިމާރާތާވެސް އެކުގައެވެ. ކުއްޔަށް ދޫކުރައްވަން ނިންމަވާފައިވާ ބިމުގެ ޖުމްލަ ބޮޑުމިނަކީ، 4748.1 އަކަފޫޓެވެ. މިއީ  އެރަށު ސަންސެޓް ރެސްޓޯރެންޓް ޢިމާރާތް ހުރި 3598 އަކަފޫޓުގެ ބިމާއި އެ ބިމުގެ އިރުން އިންވެގެން މަޤާހަމައަށް ބިމުގެ ދިގުމިނުގައި އޮތް އެއްހާސް އެއްސަތޭކަ ފަންސާސް ޕޮއިންޓް އެކެއް އަކަފޫޓުގެ ބިން އިތުރުކުރުމުން ޖުމްލަ ބިމުގެ ބޮޑުމިންކަމަށް އެކައުންސިލުން ބުނެއެވެ.

ގިނަވެގެން 15 އަހަރުދުވަހުގެ މުއްދަތަށް ދޫކުރެއްވުމަށް ކަނޑައަޅާފައިވާ މި ބިމުގައި މިހާރު ހުރި ރެސްޓޯރެންޓް ހިންގަމުން ގެންދާ ޢިމާރާތާއެކު ބިން ކުއްޔަށް ހިފުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑް ހުށައަޅާއިރު ޕެންޝަން ސްކީމަށާއި ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާނަމަ، ޤަވާޢިދުން ފައިސާ ދައްކަމުންގެންދާ ފަރާތެއްކަން ނުވަތަ އެފަދަ ފަރާތެއް ނޫންނަމަ، ނޫންކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެ ކަމަށް އެ ކައުންސިލުން ވިދާޅުވެއެވެ.