ޚަބަރު

ލެވަންޓޭ އަތުން ރެއާލަށް މޮޅެއް، ތަފާތަކަށްވީ ގުލާ


ސްޕެނިޝް ލަލީގާގައި، ފަހަކަށް އައިސް ނަތީޖާ ނެރުމުގައި ގޮންޖެހުންތަކަކާ ކުރިމަތިވެފައިވާ ރެއާލް މެޑްރިޑުން، ލެވަންޓޭގެ މައްޗަށް ކުރިހޯދައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅެ މި މެޗުން ރެއާލް މޮޅުވީ 0-2 ގެ ނަތީޖާއަކުންނެވެ.

ލެވަންޓޭއާ ދެކޮޅަށް ރެއާލުން ކުޅުނު މެޗުގައި، މެޗުގެ ހުރިހާ ލަނޑެއް ވެސް ފެނިގެންދިޔައީ ދެވަނަ ހާފުގައެވެ.

ފުރަތަމަ ހާފުގައި މާ ތަފާތު ކުޅުމެއް ނުފެނުނު ނަމަވެސް، ރެއާލުން ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ދެވަނަ ހާފު ފަށައިގެން 13 ވަނަ މިނެޓުގައި ރެއާލް އިން ލީޑުނެގީ ލިބުނު ޕެނަލްޓީއެއްގައެވެ. މިއީ އޭރިއާ ތެރެއިން ކިލިއަން އެމްބާޕޭއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް އެމްބާޕޭ ރެއާލްއަށް ލީޑުނަގައިދިން އިރު މިއީ އޭނާ މި ސީޒަނުގެ ލަލީގާގައި ޖެހި 19 ވަނަ ލަނޑެވެ.

ރެއާލް އިން ލީޑުނެގިތާ ހަތް މިނެޓުފަހުން ރައުލް އެސެންސިއޯ ވަނީ އިތުރު ލަނޑެއް ޖަހައިދީ ރެއާލްގެ ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގައި ތަފާތަކަށްވީ ދެވަނަ ހާފުގައި ކުޅެން އެރި ޒުވާން މިޑްފީލްޑަރު އާޑާ ގުލާއެވެ. އޭނާ ކުޅެން އެރުމާއެކު ރެއާލްގެ މެދުތެރެއާއި ކުރިއަށް ކުޅޭ ކުޅުންތެރިންގެ މެދުގައި އޮތް ގުޅުން ރަނގަޅުވެ، ރަނގަޅު ބޯޅަތަކެއް ސަޕްލައިކޮށްދެވެން ފެށި، ލެވަންޓޭގެ ގޯލަށް ނުރައްކާކުރަން ރެއާލުން ފެށިއެވެ.

ލެވަންޓޭއާ ދެކޮޅަށް ކުޅެ ރެއާލް މޮޅުވިއިރު، މިއީ އައު ކޯޗު، އާބެލޯއާގެ އިރުޝާދުގެ ދަށުން ރެއާލުން ކުޅުނު ދެވަނަ މެޗެވެ. މޮޅުވި ފުރަތަމަ މެޗެވެ. އާބެލޯއާ ކޯޗުކަން ކޮށްދިން ފުރަތަމަ މެޗުގައި ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ޓީމެއް އަތުން ބަލިވެ، ރެއާލް ވަނީ ކޮޕާ ޑެލްރޭއިން ކަޓާފައެވެ.

މި މޮޅާއެކު 20 މެޗުން ރެއާލަށް 48 ޕޮއިންޓު ލިބިފައިވެއެވެ. އެއްވަނައިގައި އޮތް ބާސެލޯނާއަށް އެއް މެޗު މަދުން ކުޅެ 49 ޕޮއިންޓު ވަނީ ލިބިފައެވެ.