ޚަބަރު

ފޮރެސްޓް އިން އާސެނަލް ހިފަހައްޓައިފި


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް އާއި ދެކޮޅަށް ނޮޓިންހަމް ފޮރެސްޓް ކުޅުނު މެޗު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.

ނޮޓިންހަމް ފޮރެސްޓްގެ ދަ ސިޓީ ގްރައުންޑްގައި ތިރީސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗު އެއްވަރުވިއިރު ތާވަލުގެ ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އާއި ދެމެދު އޮތް ފަރަގު ބޮޑު ކުރުމަށް އާސެނަލް އަށް ލިބުނު ފުރުސަތު ވަނީ ނަގާލާފަ އެވެ.

މި މެޗު އެއްވަރުވިއިރު ލީގުގައި މިހާތަނަށް ކުޅުނު 22 މެޗުން އާސެނަލް އަށް ލިބިފައިވާ 50 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ކުރީގައި ހަތް ޕޮއިންޓުގެ ލީޑަކާއި އެކުގަ އެވެ. ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އަށް ލިބިފައިވަނީ 43 ޕޮއިންޓެވެ. ނޮޓިންހަމް ފޮރެސްޓަށް ލިބިފައިވާ 22 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 17 ވަނައިގަ އެވެ.

އާސެނަލް އަށް މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހަން ރަގަޅު ފުރުސަތެއް ލިބުނު ނަމަވެސް ގެބްރިއެލް މާޓިނޭލީ އަށް ލިބުނު ފުރުސަތު އޭނާ ވަނީ ނަގާލާފަ އެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 10 މިނިޓަށް ވެފައިވަނިކޮށް ޕެނަލްޓީ އޭރިޔާ ތެރެއިން ފޮރެސްޓްގެ އޮލާ އައިނާގެ އަތުގައި ބޯޅަ ޖެހުނުކަމަށްބުނެ އާސެނަލް އިން ވަނީ ޕެނަލްޓީއަކަށް އެޕީލްކޮށްފަ އެވެ. ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ ވަނީ އޭނާގެ އަތުގައި ބޯޅަ ޖެހުމުގެ ކުރިން ކޮނޑުގައި ބޯޅަ ޖެހިފައިވާކަމަށް ބުނެފަ އެވެ.

މި މުބާރާތުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް އާއި ދެކޮޅަށް ބަރންލީ ކުޅުނު މެޗު ވަނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް ލިވަޕޫލްގެ ފްލޯރިއަން ވާރޓްޒް ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދިން ނަމަވެސް މެޗުގެ 65 ވަނަ މިނިޓުގައި މާކަސް އެޑްވަޑްސް ވަނީ ވެސްޓްހޭމް އަށް ލަނޑެއް ޖަހައިދީ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.