މިހާރު ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން)ގެ ތިންވަނަ މަގާމް ނައިޖީރިއާ އިން ހޯދައިފި އެވެ.
ނައިޖީރިޔާ އިން މި މުބާރާތުގެ ތިންވަނަ މަގާމް ހޯދާފައިވަނީ މިސްރާއި ދެކޮޅަށް ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވާތީ ޕެނަލްޓީ ޖަހައިގެން 4-2 ގެ ނަތީޖާއަކުންނެވެ.
މުބާރާތުގެ ސެމީ ފައިނަލުގައި ނައިޖީރިޔާ ވަނީ ޕެނަލްޓީ ޖަހައިގެން މުބާރާތް ބާއްވާ މޮރޮކޯ އަތުން ބަލިވެފަ އެވެ. އަދި މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕްގެ ކޮލިފައިންގައި ކޮންގޯ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވެ ނައިޖީރިޔާއަށް ވަނީ ވޯލްޑްކަޕްގެ ފުރުސަތު ގެއްލިފަ އެވެ.
މިސްރުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މި މެޗުގެ 90 މިނިޓުގެ ތެރޭގައި ނައިޖީރިޔާއިން ދެ ލަނޑެއް ވަނީ ޖަހާފަ އެވެ. އެގޮތުން ފުރަތަމަ ހާފުގެ ކުޅުން ނިމެން ނުވަ މިނިޓަށް ވެފައިވަނިކޮށް ނައިޖީރިޔާއިން ލަނޑު ޖެހުމުގެ ކުރިން އެ ޓީމުގެ ކުޅުންތެރިއަކު ފައުލް ކޮށްފައިވާކަމަށް ބުނެ ވީޑިއޯ އެސިސްޓެންޓް ރެފްރީ ވަނީ އެ ނިންމުން ބަދަލުކޮށްފަ އެވެ.
އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ލުކްމަން ބޮލުންޖަހާ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލި ނަމަވެސް އޭނާ އޮފްސައިޑް ވެފައިވާކަމަށް ބުނެ އެ ނިންމުންވެސް ވަނީ ބަދަލުކޮށްފަ އެވެ.
މިސްރުން މި މެޗުގައި ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން މުހައްމަދު ސަލާހު އާއި އުމަރު މަރްމޫޝް ޖެހި ޕެނަލްޓީ ނައިޖީރިޔާގެ ގޯލުކީޕަރު ސްޓޭންލީ އެންވަބާލީ ވަނީ މަތަކޮށްފަ އެވެ.
މި މުބާރާތުގެ ފައިނަލުގައި މުބާރާތް ބާއްވާ މޮރޮކޯ އާއި ދެކޮޅަށް ސެނެގާލް މިއަދު ކުޅޭނެ އެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް ފައިސާގެ އިނާމުގެ ގޮތުގައި 10 މިލިއަން އެމެރިކާ ޑޮލަރު ލިބޭނެ އެވެ.