ކުޅިވަރު

ޕްރެޝަރު ބޮޑުވެ، ކުޅުން ހަލާކުވެދާނެތީވެ ބިރުގަނޭ: މޮރޮކޯ ކޯޗު


އެފްރިކާ ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް މިރޭ ސެނަގާލްއާ ދެކޮޅަށް ނުކުންނައިރު ކަންބޮޑުވަނީ ޕްރެޝަރު ބޮޑުވެ، ޓީމުގެ ކުޅުން ހަލާކުވެދާނެތީވެ ކަމަށް މޮރޮކޯގެ ކޯޗު ވަލީދު ރެގްރާގީ ބުނެފި އެވެ.

މެޗުގެ ކުރިން ވާހަކަ ދައްކަމުން ކޯޗު ބުނީ މޮރޮކޯ އަށް ދެ ޕްރެޝަރެއް އެބައޮތް ކަމަށެވެ. ފުރަތަމަ ކަމަކީ އެ ގައުމަށް މި މުބާރާތް ކާމިޔާބު ނުކުރެވޭތާ 50އަހަރަށްވުރެ ގިނަ ދުވަސްވެފައިވުން ކަމަށެވެ. ދެ ވަނަ ކަމަކީ އަމިއްލަ ގައުމުގައި މި ފަހަރުގެ މުބާރާތް ކުޅޭތީވެ ތަށި ހޯދަން މުޅި ގައުމު އެދިގެން ތިބުމެވެ.

"އަހަރެން ކަންތައް ބޮޑުވަނީ އެންމެ ކަމަކާހެދި. ހުރިހާ ޕްރެޝަރެއް އޮތީ އަހަރުމެންނަށް. ހާއްސަކޮށް ހޯމް ޕްރެޝަރު. މިކަމާހެދި ރަނގަޅަށް ނުކުޅެވި މެޗު ހަލާރު ވެދާނެތީވެ އަހަރެން ވަރަށް ކަންތައް ބޮޑުވޭ. އެންމެވެސް ބޭނުންވަނީ މި ތަށި. މިއީ ވަރަށް ބޮޑު ޕްރެޝަރެއް،" ކޯޗު ބުންޏެވެ.

މޮރޮކޯ އެންމެ ފަހުން މި ތަށި ކާމިޔާބު ކުރީ 1976ގަ އެވެ. އޭގެ ފަހުން ތަށީ ލިބިފައިނުވާއިރު މޮރޮކޯ ސަޕޯޓަރުންގެ އުއްމީދުތައް އުފުލިގެން ދިޔައީ އެންމެ ފަހުގެ ވޯލްޑް ކަޕުގެ ސެމީ ފައިނަލަށް އެ ގައުމު ދަތުރު ކުރުމުންނެވެ. އޭރު ވެސް ކޯޗު ހުރި ރެގްރާގީ ބުނީ އެފްރިކާ ކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި މޮރޮކޯގައި ބަހައްޓަން މުޅި ގައުމު އެތިބީ ނިދިނަގާލައިގެން ކަމަށެވެ.

"މިހެންވީމާ އަހަރުމެންނަށް ޕްރެޝަރާއެކު އެންމެ ބޮޑުވެފައިވާ ކަމަކީ މި ޖަރުބާތުތައް ކޮންޓްރޯލް ކުރުން. މީގެ ސަބަބުން ކަންކަން ގޯސްކޮށް ވިސްނަން ފަށައިފިނަމަ އަހަރުމެން އަތުން ތަށި ބީވެދާނެ ވަރަށް ފަސޭހައިން. މުބާރާތް ބާއްވާ ގައުމުގެ ގޮތުގައި ކުޅުމަކީ ވަރަށް އުނދަގޫ ކަމެއް. ސަބަބަކީ ވަށައިގެން ސަޕޯޓަރުން ކުރިމަތީގައި ބަލަން ތިބޭނެތީވެ. އެކަމަކު މެޗު ކުޅޭނީ 11 ކުޅުންތެރިންނާއި 11 ކުޅުންތެރިން،" ކޯޗު ބުންޏެވެ.

އޭނާ ބުނީ އިދިކޮޅަށް ނުކުންނަ ސެނަގާލް ޓީމަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށެވެ. މެޗަށް ނުކުންނާނީ އެ މީހުންނަށް ވަރަށް ބޮޑަށް އިހްތިރާމް ކޮށްގެން ކަމަށެވެ.

"އެމީހުންގެ ސަޕޯޓަރުން މިތަނުގައި ނެތަސް އެ މީހުންނަކީ ވަރަށް ވަރުގަދަ ޓީމެއް. މުބާރާތުގެ ފައިނަލަށް އަންނާނީ އަބަދުވެސް އެންމެ މޮޅު ޓީމު. އަދި ސަޕޯޓަރުން ހާޒިރުވެ ނެތަސް ތަފާތު މޮޅު ޓީމުތައް ވަރުގަދަ އަށް ކުޅޭނެ. ސެނަގާލް އަކީ އެ ފަދަ ޓީމެއް،" ކޯޗު ބުންޏެވެ.

މިރޭގެ ފައިނަލް މެޗަކީ މި ދެ ގައުމު އެފްރިކާ ކަޕުގައި ކުޅޭ ފުރަތަމަ މެޗެވެ. އަދި މިއީ މޮރޮކޯ 2004ގެ ފަހުން ފައިނަލްގައި ކުޅޭ ފުރަތަމަ ފަހަރެވެ.