ޚަބަރު

ފައިނުގައި ބޯފެން ރައްކާކުރާ ހަން ބަހައްޓަން ފަށައިފި


އިރުވައި މޫސުމުގައި ބޯފެނަށް ޖެހުމުގެ މައްސަލައަކީ ރާއްޖޭ ބައެއް ރަށްރަށަށް ދިމާވާ މައްސަލައެކެވެ. ރަށްރަށުގައި ރައްކާކުރެވިފައި ހުންނަ ބޯފެން ހުސްވެ، ފެންފޯރުވައިދޭންޖެހޭ ޙާލަތުވެސް ބައެއް ރަށްރަށަށް ކުރިމަތިވެއެވެ. ރަށްރަށް ބައެއް ދުވަސްވަރު ފެނަށްޖެހޭ މައްސަލަ ޙައްލުކުރެއްވުމަށާއި ރައްޔިތުން ބޯން ބޭނުންކުރާ ފެނަކީ ރައްކާތެރި އަދި ސާފުބޯފެނަށް ހެއްދެވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ރ. އަތޮޅު ފައިނުގައި ދަނީ ބޯފެން ރައްކާކުރާނެ އިތުރު ކަޅުހަން ބެހެއްޓެވުމުގެ މަސައްކަތް ކުރައްވަމުންނެވެ. 

446 މީހުން ގެ އާބާދީއެއް ދިރިއުޅޭ މިރަށުގައި ބޯފެން ރައްކާކުރަން މިހާރު ބަހައްޓަވަމުން ގެންދަވާ ހަންތައް ބަހައްޓަވައި، ފެން ރައްކާކުރަން ފެށުމުން، އެރަށަށް ދިމާވަމުން ދިޔަ ފެނަށްޖެހުމުގެ މައްސަލައަށް ޙައްލެއް ލިބިގެންދާނެކަމަށް ފައިނު ކައުންސިލުން ވިދާޅުވެއެވެ. ފައިނަކީ މީގެ ކުރިން ފެންހުސްވެ، ފެނަށް ޖެހުމުގެ މައްސަލަ ދިމާވާ ރަށެއްކަން އެ ރަށު ކައުންސިލުގެ ރައީސް އިބްރާހީމް ނާޞިރު ފާހަގަކުރެއްވިއެވެ.

"މީގެ ކުރިންވެސް ބޯފެނަށް ޖެހުމުގެ މައްސަލަ ވަރަށް ބޮޑަށް ދިމާވެފައިވޭ... ހުސްވިއަހަރު ވެސް  ދެފަހަރެއްގެ މަތިން ބޯފެން ގެނެވި ބޯފެން ފޯރުކޮށްދީފައި.. ހަމަ މިއާއެކު މިއަހަރުވެސް މިހާތަނަށް ދެފަހަރެއްގެ މަތިން ވާނީ މިނިސްޓްރީގައި ދަންނަވައިގެން ބޯފެން އެހެން ރަށްރަށުން ބޯފެން ގެނެސްގެން މިކޮޅަށް ބޯފެން ފޯރުކޮށްދީފައި... ޤަބޫލު ކުރެވޭގޮތުގައި ދެން މިހާރު މިބެހެއްޓޭ ހަންތައް ބެހެއްޓުނީމަ އެހުރިހާ ކަމެއްވެސް ޙައްލު ވެގެންދާނެކަމަށް." ނަޞީރު ވިދާޅުވިއެވެ. 

މީގެ ކުރިން ފައިނުގައި ރައްކާކުރަނީ ގާތްގަނޑަކަށް ސަތާރަހާސް ލީޓަރގެ ފެނެވެ. އެހެންނަމަވެސް އެރަށުގައި މިހާރު ކުރިޔަށްގެންދާ ފެން ރައްކާކުރުމުގެ މި ޕްރޮޖެކްޓް ނިމުން، ހަތްދިހަހާސް ލިޓަރގެ ބޯފެން ރައްކާކުރެވޭނެކަމަށް ފައިނު ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

"ހަތްދިހަހާސް ލިޓަރގެ ބޯފެން މި އާބާދީއަށް އެއްއަހަރުދުވަހަށް ބަރާބަރަށް ކުރިޔަށް ގެންދެވޭނެ. އަޅުގަނޑު ޤަބޫލު ކުރާގޮތުގައި ހުޅަނގު މޫސުން ފެށި، އިރުވައި މޫސުން ނިމި، އަނެއްކޮޅުން ހުޅަނގުމޫސުމާއި ޖެހޭންދެން ރައްޔިތުންނަށް ބޭނުން ހިފޭވަރުގެ ކެޕޭސިޓީއެއް ޤާއިމްކުރެވޭނެކަމަށް. އަދި މިރަށުގެ ކޮންމެ ގޭބިސީއެއްގައި ސަރުކާރުން ދެއްވާފައިވާ ހަންތަކާއި އަދި އަމިއްލައަށް ގެންސްގެން ގެންގުޅުއްވާ ހަމެއް ނެތް ގެއެއް މަދުވާނެކަމަށް. ކޮންމެ ގޭބިސީއެއްގައިވެސް ދެހާސް ފައްސަތޭކަ ލިޓެރާއި ފަސްހާސް ލިޓަރގެ ދޭތެރޭގެ އަދަދަކަށް ފެން ސޭވްކުރެވިފައި ހުންނާނެކަމަށް. މިކަމުގެ ސަބަބުން ބޯފެނަށް ޖެހިގެން ނުދާނެކަމަށް ޤަބޫލް ކުރަނި." ނަޞީރު ވިދާޅުވިއެވެ. 

މިރަށުގައި ފެން ރައްކާކުރާ ކަޅުހަންތައް ބެހެއްޓުމުގެ މަސައްކަތް ކުރައްވަމުން ގެންދަވަނީ ރަށުގެ ރައްޔިތުންނަށް ފަސޭހައިން ފެން ނެގޭނެ ހިސާބުގައިކަމަށް ކައުންސިލިން ވިދާޅުވެއެވެ. މިހާރުވެސް މިރަށުގައި މިހާރުވެސް ފެންރައްކާކުރާން ކަޅުހަންތައް ބަހައްޓާފައިވެއެވެ. މި ފެންހަންތަކަށް ފެން ރައްކާކުރުމަށްޓަކައި ފެން އެޅުއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވަނީ ސީދާ ކައުންސިލުގެ ބެލުމުގެ ދަށުން ރައްކާތެރިކަމާ އެކުގައިކަމަށް ކައުންސިލުން ވިދާޅުވެއެވެ. ފެން ރައްކާކުރެއްވުމަށްޓަކައި ފައިނުގައި ކުރިޔަށްގެންދާ މަޝްރޫއަކީ ގާތްގަނޑަކަށް ހަތްސަތޭކަހާސް ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢަކީ ސަރުކާރުކާރުން ޚަރަދު ކުރައްވައިގެން ހިންގަވާ މަޝްރޫޢުއެކެވެ. މި މަސައްކަތް ކޮންޓްރެކްޓް އުޞޫލުން ޙަވާލުކުރައްވާފައިވަނީ އަމިއްލަ ކުންފުންޏެއްކަމަށްވާ މަނިކް ޕްރައިވެޓް ލިމިޓެޑާއެވެ.