ޚަބަރު

ދެވަނަ މެޗުން ޓީމަށް ވަރަށް ބޮޑަށް އިތުބާރު ލިބިއްޖެ: ޝާލިޔާ


މިހާރު ތައިލޭންޑްގައި ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ އަންހެން ޤައުމީ ފުޓްސަލް ޓީމު ކުޅުނު ދެވަނަ މެޗުގައި ޓީމަށް ރަނގަޅު ކުުޅުމެއް ދެއްކުނު ކަމަށާއި އެއާއެކު ކުރިއަށް ހުރިމެޗުތަކަށް މުޅި ޓީމަށްވެސް ކޮންފިޑެންސް ލިބިއްޖެ ކަމަށް ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން ފާތުމަތު ޝާލިޔާ ބުނެފިއެވެ.

މުބާރާތުގައި ނޭޕާލް އާއި ބައްދަލުކުރި މެޗަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން އިންޓަރވިއުއެއްގައި ޝާލިޔާ ބުނީ ނޭޕާލް މެޗުން ވަރަށް ބޮޑު ޔަގީންކަމެއް މުޅި ޓީމަށްވެސް ލިބިފައިވާ ކަމަށާއި މިއީ ދިވެހި ކުޅުންތެރިންނަށްވެސް ވާނެކަމެއްކަން އިނގިގެންދިޔަ ކަމަށެވެ. އަދި މިއުޅެނީ އިންޑޯ ދަނޑަށް ހޭނުމުގައި ދިމާވާ ގޮންޖެހުންތަކެއް ކަމަށެވެ.

މުބާރާތުގައި ދިވެހި އަންހެން ޓީމު ކުޅުނު ދެވަނަ މެޗުގައި ދިވެހި ޓީމު ވަނީ 5-0 އަކުން ބަލިވެފައެވެ. އެހެންނަމަވެސް މިމެޗުގައި ފުރަތަމަ ހާފްގައި ނޭޕާލްއިން 4 ލަނޑު ޖެހި އިރު ދެވަނަ ހާފްގައި ދިވެހި ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާ ނޭޕާލް ޕްރެޝަރަށް ލާފައެވެ. އަދި ގޯލް ޖަހާނެ ރަނގަޅު ފުރުސަތުތަކެއްވެސް ދިވެހި ކުޅުންތެރިން މިމެޗުގައި އުފެއްދިއެވެ.

މެޗަށްފަހު ޝާލިޔާ ބުނީ މެޗުން ވަރަށް ބޮޑަށް ކަންކަން ދަސްވެގެންދިޔަ ކަމަށެވެ. އަދި މިއުޅެނީ ދަނޑަށް ހޭނުމުގައި ދަތިތަކެއް ކަމަށާއި އެކަން މަޑުމަޑުން އެބަ ހައްލުވަމުންދާ ކަމަށެވެ.

މެޗުން މޮޅުވި ނޭޕާލް މިވަގުތު އޮތީ ދެ މެޗުން ހަތަރު ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތް އިންޑިއާއަށް ދެ މެޗުން ތިން ޕޮއިންޓު ލިބިފައިވާއިރު ތިންވަނައިގައި އެއް މެޗު މަދުން ކުޅުނު ތިން ޕޮއިންޓާއެކު އޮތީ ބަންގްލަދޭޝްއެވެ.

މިމުބާރާތުގައި ރާއްޖެ ކުޅޭ ތިން ވަނަ މެޗުގައި މާދަމާ އިރުއޮއްސި 6 ޖަހާއިރު ބައްދަކުލުކުރާނީ ޕާކިސްތާނާއެވެ.