ކޮޕާ ޑެލްރޭގެ ކުއާޓަރ ފައިނަލުގެ ޖާގައެއް އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އިން ހޯދައިފި އެވެ.
ބާސެލޯނާ އިން މި މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ދެވަނަ ޑިވިޝަނުގެ ކްލަބެއް ކަމުގައިވާ ރޭސިން ސަންޓަރންޑަރ އާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
ރަށުން ބޭރުގައި ބާސެލޯނާ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ބާސެލޯނާ އިން ވަނީ ލަނޑު ޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ.
މި މެޗުގައި ބާސެލޯނާ އިން ސަންޓަންޑަރ ގެ ގޯލު ހުޅުވާލާފައިވަނީ މެޗުގެ 66 ވަނަ މިނިޓުގައި ފެރާން ޓޮރޭޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިންޖަރީ ވަގުތުގެ ކުޅުމުގައި ލަމީން ޔަމާލް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ.
ދެވަނަ ޑިވިޝަނުގެ ތާވަލުގެ ކުރީގައި މިވަގުތު އޮތް ސަންޓަންޑަރ އިން މަސައްކަތް ކުރަމުންދަނީ އަންނަ ސީޒަނުގައި ލަލީގާއިން ފުރުސަތު ހޯދުމަށެވެ. އެ ޓީމުން އެންމެ ފަހުން ލަލީގާގައި ކުޅެފައިވަނީ 2012 ވަނަ އަހަރު އެވެ.
ކޮޕާ ޑެލްރޭގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ބާސެލޯނާ އިން ހޯދާފައިވާއިރު ވާދަވެރި ރެއާލް މެޑްރިޑް ވަނީ ދެވަނަ ޑިވިޝަނުގެ އަލްބަސޭޓޭ އަތުން ބަލިވެ މި މުބާރާތުގެ ދެވަނަ ބުރުން ކަޓާފަ އެވެ.