އެފްރިކާ ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް މޮރޮކޯ ދަތުރު ކުރުމަކީ އަމިއްލަ ގައުމުގައި ކުޅޭ މުބާރާތުގައި އެ ގައުމުގެ ރައްޔިތުންނަށް ދެވުނު ބޮޑު ހަދިޔާއެއް ކަމަށް މޮރޮކޯގެ ކޯޗު ވަލީދު ރެގްރާގީ ބުނެފި އެވެ.
މޮރޮކޯ ފައިނަލަށް ދަތުރު ކުރީ ޕެނަލްޓީ ޖަހައިގެން ސެމީ ފައިނަލުގައި ނައިޖީރިއާ 4-2އިން ބަލިކޮށްފަ އެވެ.
މެޗަށް ފަހު ކޯޗު ބުނީ ސެމީ ފައިނަލަށް ނުކުތްއިރު ލިބުނު އެންމެ ބޮޑު ހިތްހަމަ ޖެހުމަކަށްވީ ވެސް ސަޕޯޓަރުން ކަމަށެވެ.
"އަހަރުމެންނަށް ސަޕޯޓް ކުރި އެންމެނަށް ޝުކުރު އަދާކުރަން. އެ މީހުންނަކީ ޓީމު ކުރިއަށް ދިއުމުގެ ވަރަށް ބޮޑު ސަބަބެއް. ކުޅުންތެރިންނަށް ވެސް ޝުކުރިއްޔާ. އެފްރިކާ ކަޕް ފައިނަލަށް ދެވުމަކީ ސަޕޯޓަރުންނަށް ދެވުނު ވަރަށް ބޮޑު ހަދިޔާއެއް،" ކޯޗު ބުންޏެވެ.
އެންމެ ފަހުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ވެސް ޓީމު ގެންގޮސްދިން ކޯޗު ބުނީ ނައިޖީރިއާ މި މެޗުގައި ވަރަށް ހިތްވަރު ކުރި ކަމަށެވެ. އަދި އެ ގައުމުން ދެއްކި ވާދަވެރި ކަމަށްޓަކައި ކޯޗު އެރިކް ޗެއްލޭ އަށް މަރުހަބާ ކިޔާ ކަމަށެވެ.
"އޭނާ ވަރަށް ރަނގަޅަށް ނައިޖީރިއާ ޓީމު ތައްޔާރު ކޮށްދީފައިވަނީ. އޭގެ ސަބަބުން މި މެޗު ވަރަށް އުނދަގޫވި. މިހާރު އަހަރުމެންނަށް އޮތީ ފައިނަލަށް ތައްޔާރު ވުމަށް ފުރަތަމަ އަރާމު ކުރުން. މި މެޗުގައި އިތުރު ވަގުތު ކުޅުމާއެކު ކުޅުންތެރިން ވަނީ ވަރަށް ވަރުބަލިވެފައި. ފައިނަލާ ދެމެދު އޮތް އެންމެ ބޮޑު ޗެލެންޖަކީ ވެސް އެއީ،" ކޯޗު ބުންޏެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މޮރޮކޯގެ ކީޕަރު ޔާސީން ބޫނޫ އެވެ. އޭނާ ވެސް ބުނީ ފައިނަލުގެ ކުރިން ވަރަށް ރަނގަޅަށް އަރާމު ކުރަން ޖެހޭ ކަމަށެވެ.
"ސަޕޯޓަރުން އަހަރުމެންނަށް އިތުބާރު ކުރީތީވެ ޝުކުރު އަދާ ކުރަން. އަހަރުމެން މި ވަގުތު ފޯކަސް މި ކުރަނީ އަރާމު ކުރަން. އެއަށް ފަހު ފައިނަލަށް ތައްޔާރުވާނީ. ސަޕޯޓަރުންނަށް މި ތަށި ހައްގުވޭ. އެކަން ކޮށްދޭން އަހަރުމެން މަސައްކަތް ކުރާނަން،" ކީޕަރު ބުންޏެވެ.
މިއީ 2004 ގެ ފަހުން މޮރޮކޯ މި މުބާރާތުގެ ފައިނަލަށް ދިޔަ ފުރަތަމަ ފަހަރެވެ.