ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑަށް ކުޅެމުންދިޔަ އިނގިރޭސި މިޑްފީލްޑަރ ކޮނޯ ގަލެގާ ޕްރިމިއާ ލީގުގެ ކްލަބް ޓޮޓްނަމް ހޮޓްސްޕަރ އަށް ބަދަލުވެއްޖެ އެވެ.
އުމުރުން 25 އަހަރުގެ ގަލެގާ އެތްލެޓިކޯ މެޑްރިޑް އާއި ގުޅިފައިވަނީ 2024 ވަނަ އަހަރު ޗެލްސީ އިންނެވެ. ނަމަވެސް މި ސީޒަނުގައި އޭނާއަށް އެތްލެޓިކޯގެ ފުރަތަމަ އެގާރައިން ފުރުސަތު ލިބިފައިވަނީ އެންމެ ހަތަރު މެޗުންނެވެ.
އިނގިރޭސި މީޑިޔާ ތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ގަލެގާ ހޯދުމަށް ޓޮޓްނަމް އިން ވަނީ 34.6 މިލިއަން ޕައުންޑް ހަރަދުކޮށްފަ އެވެ. ނަމަވެސް އޭނާ އެ ކްލަބަށް ބަދަލުވެފައިވަނީ ކިތަށް އަހަރަށް ކަމަށް ބުނެފައިނުވި ނަމަވެސް އެއީ ދިގު މުއްދަތުގެ އެއްބަސްވުމެއް ކަމަށް ވަނީ ރިޕޯޓް ކޮށްފަ އެވެ.
ޕްރިމިއާ ލީގުގެ 14 ވަނައިގައި މިވަގުތު އޮތް ޓޮޓްނަމް އިން ތޯމަސް ފްރޭންކްގެ އިރުޝާދުގެ ދަށުން އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އަދި ރަގަޅު ނަތީޖާތަކެއް އެ ޓީމަށް ހޯދިފައިނުވާތީ ތޯމަސް ފްރޭންކަށް ވަނީ ފާޑުކިއުންތައް އަމާޒުވެފަ އެވެ.
މިދިޔަ ހޮނިހިރު ދުވަހު އެފްއޭ ކަޕްގައި އެސްޓަން ވިލާ އާއި ދެކޮޅަށް ކުޅުނު މެޗުން ބަލިވެ ޓޮޓްނަމް ވަނީ އެ މުބާރާތުންވެސް ކަޓާފަ އެވެ.