ދުނިޔެ

ނޯޓް 7 ފޯނު ފްލައިޓްތަކުގައި ބޭނުންނުކުރުމަށް އަންގައިފި


ސެމްސަންގް ގެލެކްސީ ނޯޓް 7 ފޯނުތަކުގެ ބެޓެރީގައި އަލިފާންރޯވުމުގެ މައްސަލަތަކެއް ކުރިމަތިވަމުންދާތީ، ނޯޓް 7 ގެ ފޯނުތައް މަތިންދާބޯޓުތަކުގައި ބޭނުން ނުކުރުމަށް ބައެއް އެއަރލައިންތަކުން ދަތުރުވެރިންނަށް އަންގަން ފަށައިފިއެވެ.

އެމެރިކާގެ ވައިގެ އުދުހުންތަކާބެހޭ މައި އިދާރާ، އެފް.އޭ.އޭއިން ބުނީ ފްލައިޓްމަތީގައި ސެމްސަންގް ގެލެކްސީ ނޯޓް 7 ފޯނުތައް ބޭނުން ނުކުރުމަށާއި، އަދި ފޯނު ޗާޖުވެސް ނުކުރުމަށް ވަރަށް ބޮޑަށް އެދޭކަމަށެވެ. އަދި ލަގެޖްގެ ގޮތުގައި ދޫކޮށްލާ އެއްޗަކަށްވެސް ފޯނު ނުލުމަށް އެފްއޭއޭއިން އިލްތިމާސްކުރެއެވެ.

އެމެރިކާގެ ވައިގެ އުދުހުންތަކާބެހޭ މައި އިދާރާއިން ބުނެފައިވަނީ ފޯނުތަކުގެ ބެޓެރީގައި ހިފާ އަލިފާނަކީ ފްލައިޓް މަތީގައި ކޮންޓްރޯލްކޮށް ނިއްވާލަން އުނދަގޫ އެއްޗެއްކަމަށެވެ.

img:http://s4.psmnews.mv/images/660x400/14734047320453.jpg|ބެޓެރި ގޮވާފައިވާ ނޯޓް 7 ފޯނެއް / މިފޯނުތައް ފްލައިޓް މަތީގައި ބޭނުންނުކުރުމަށް ބައެއް އެއަރލައިންތަކުން ވަނީ އަންގާފައި

އެފްއޭއޭއިން ނޯޓް 7ގެ ފޯނުތައް ފްލައިޓްމަތީގައި ބޭނުން ނުކުރުމަށް އެދިފައި މިވަނީ، ސެމްސަންގް ގެލެކްސީ ނޯޓް 7 ފޯނުތައް ޗާޖަށް ޖެހުމުން ބެޓަރި ގޮވާ، ފޯނުގައި އަލިފާން ހިފުމުގެ ހާދިސާތަކެއް ކުރިމަތިވެ، އެތައް މިލިއަން ފޯނެއް އަނބުރާ ހަވާލުކުރަން ސެމްސަންގުން އެދިފައިވަނިކޮށެވެ.

ބައެއް އެއަރލައިންތަކުން ދަނީ ދަތުރުމަތީގައި އެއްގޮތަކަށްވެސް ނޯޓް 7 ފޯނު ބޭނުން ނުކުރުމަށް އަންގަމުންނެވެ. އެގޮތުން ސިންގަޕޯރ އެއަރލައިން، ކުއަންޓަސް އެއަރލައިންއާއި ވަރޖިން އޮސްޓްރޭލިއާއިން ވަނީ ދަތުރުމަތީގައި އެއްގޮތަކަށްވެސް ފޯނު ނުހުޅުވުމަށާއި، ފޯނު ޗާޖު ނުކުރުމަށް ދަތުރުވެރިންނަށް އަންގާފައެވެ. ނަމަވެސް ބައެއް އެއަރލައިންތަކުން އަދި މިކަމާ ގުޅޭގޮތުން ވަކި ގޮތެއް ނުނިންމައެވެ. އަދި ސެމްސަންގުންވެސް ފްލައިޓްތަކުގައި ފޯނު ބޭނުންކުރުމާ ގުޅޭގޮތުން ވަކި އެއްޗެއް އަދި ނުބުނެއެވެ.