ކުޅިވަރު

ޓީމެއްގެ ގޮތުގައި މޮރޮކޯ ވަރުގަދަ ވިޔަސް ބަލިފައިތައް މަދެއްނޫން: ނައިޖީރިއާ ކޯޗު


މޮރޮކޯ އަކީ ޓީމެއްގެ ގޮތުގައި ވަރުގަދަ ނަމަވެސް ބަލިފައިތަކެއް ހުރި ޓީމެއް ކަމަށް ނައިޖީރިއާގެ ކޯޗު އެރިކް ޗެއްލޭ ބުނެފި އެވެ.

އޭނާ މިހެން ބުނީ މިރޭ ދަންވަރު އެފްރިކާ ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި މި ދެ ގައުމު ކުޅޭ މެޗަށް އިޝާރާތް ކޮށެވެ.

އަމިއްލަ ގައުމުގައި މޮރޮކޯ ޗެމްޕިއަންކަން ހޯދަން މަސައްކަތްކުރާއިރު ނައިޖީރިއާ ޓީމުން ބުނީ ފައިނަލަށް ދިއުމުގެ އުއްމީދު ބޮޑު ކަމަށެވެ.

"މުބާރާތުގެ މި ސްޓޭޖުގައި ކަންކަން ކުރަންވާނީ ވަރަށް ކެރިގެން އަދި ވަރަށް ސާބިތުކަމާއެކު. އަހަރެންގެ ނަސީބު ވަރަށް ރަނގަޅު ނައިޖީރިއާގައި ތަޖުރިބާކާރު އަދި ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިން ތަކަކާއެކު މަސައްކަތް ކުރަން ލިބުމުން. ހާއްސަކޮށް ޓީމުގައި އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ކުޅުންތެރިއަކު ހުރުމަކީ ފަސޭހަ ކަމެއް ވެސް ނޫން. އަހަރުމެންގެ ވަރުގަދަކަން ފެނިގެންދަނީ މިފަދަ ކަންކަމާއެކު. ސަބަބަކީ އެންމެންގެ ވެސް އެންމެ މުހިންމު ކަމަކީ އަދި އެންމެ އިސް ކަމަކަށް އޮތީ ގައުމީ ޓީމު ކަމަށްވުމުން،" ކޯޗު ބުންޏެވެ.

އޭނާ މިހެން ބުނީ ނައިޖީރިއާ ޓީމުތެރޭގައި ބޯނަސްގެ މައްސަލަތަކާއި ވަކިވަކި ކުޅުންތެރިންގެ ވާދަވެރިކަން އޮތުމުން ކަމަށް ބެލެވެ އެވެ. ހާއްސަކޮށް އެންމެ މުހިންމު ދެ ފޯވަޑުން ކަމަށްވާ ވިކްޓަރ އޮސިމްހެން އާއި ލޫކްމަން ކުރެ ދެ ކުޅުންތެރިންގެ ވާދަވެރިކަން ބޮޑެވެ. މުބާރާތުގެ ގްރޫޕް ފިޔަވަހީގައި އޮސިމްހެން ހެޓްރިކް ހަދަން ފުރުސަތު ނުދީ ލޫކްމަން އަމިއްލަ އަށް ގޯލު ޖަހަން އުޅުމުން ދެ ކުޅުންތެރިން ތަޅައިގަތް ކަމަށް ދެކެވޭ ވާހަކަ ކޯޗު ދޮގު ކުރެ އެވެ.
ނައިޖީރިއާގެ ފޯވަޑް އެލެކްސް އިވޯބީ މެޗުގެ ކުރިން ބުނީ މުޅި ޓީމުގައި މިވަގުތު އޮތީ މެޗުން މޮޅުވެ ފައިނަލަށް ދިއުމުގެ ވިސްނުމާއި ފޯރި ކަމަށެވެ.

"މިއީ ވަރަށް ހާއްސަ ކަމެއް. މިވަގުތު އެންމެން ވެސް ވިސްނަނީ ފައިނަލަށް ދާން. އެންމެން ވެސް ތިބީ އާއިލާއެއް ފަދައިން. އަހަރުމެން އަބަދުވެސް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން މޮޅުވާން ކޮންމެ މުބާރާތެއްގައި ވެސް. އަހަރުމެންގެ މި ވިސްނުމަކަށް ބަދަލެއް ނާދޭ. ކަންކަމުގައި އުނދަގޫ ވަގުތުތަކުގައި އަހަރުމެން ގައުމާއި ސަޕޯޓަރުންނާއި އަހަރުމެންގެ އާއިލާތަކަށްޓަކައި އިތުރަށް ހިތްވަރު ކުރަން،" އިވޯބީ ބުންޏެވެ.

މިރޭގެ މެޗަކީ މި މުބާރާތުގެ ތާރީހުގައި މި ދެ ޓީމު ބައްދަލުކުރާ ހަ ވަނަ ފަހަރެވެ. ނަމަވެސް މިއީ ފާއިތުވެދިޔަ 22 އަހަރު ތެރޭގައި މި ދެ ގައުމު ކުޅޭ ފުރަތަމަ މެޗު ކަމުން ދެ ޓީމުގެ ކުޅުންތެރިން ވެސް ތިބީ ވަރަށް ހާއްސަ މެޗެއްގެ ގޮތުގައި ދެކިގެންނެވެ. މިއީ ސެމީ ފައިނަލެއްގައި މި ދެ ގައުމު ކުޅޭ ދެ ވަނަ ފަހަރެވެ. މީގެ ކުރިން ސެމީ ފައިނަލްގައި ބައްދަލު ކުރީ 1980 ވަނަ އަހަރު އެވެ. އެ ފަހަރު 1-0އިން މޮޅުވީ ނައިޖީރިއާ އެވެ.