މެންޗަސްޓަރ ޔުނައިޓެޑްގެ ވަގުތީ ކޯޗެއްގެ ގޮތުގައި މައިކަލް ކެރިކް ހަމަޖައްސައިފިއެވެ.
އޭނާއާ އެ ކުލަބުގެ ކޯޗުކަން ހަވާލުކޮށްފައި ވަނީ މިހާރު ކުޅެމުންދާ ސީޒަނުގެ ނިޔަލަށެވެ.
މި މުއްދަތުގައި ކެރިކްގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވާނީ، އިނގިރޭސި ޤައުމީ ޓީމުގެ ވެސް އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވި ސްޓީވް ހޮލެންޑެވެ. މީގެއިތުރުން، ޖޮނަތަން ވުޑްގޭޓް، އެ ޓީމުގެ ކުރީގެ ޑިފެންޑަރު ޖޮނީ އެވަންސް އަދި ޓްރެވިސް ބިނިއޮން ވެސް ކެރިކްގެ ކޯޗިން ޓީމުގައި ހިމެނެއެވެ.
ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު، އުމުރުން 44 އަހަރުގެ ކެރިކް ވަނީ މީގެކުރިން ވެސް ޔުނައިޓެޑްގެ ކޯޗުކަމާ ވަގުތީ ގޮތުން ހަވާލުވެފައެވެ. އެއީ 2021 ވަނަ އަހަރު، ޓީމުގެ ކޯޗުކަމުން އޮލޭގަނަ ސޯލްޝަޔާ ވަކިކުރުމުން، ތިން މެޗަށެވެ. އޭގެ ފަހުން ކެރިކް ފެނުނީ މިޑްލްސްބަރާއިންނެވެ. އެ ޓީމުގައި ފުރަތަމަ ސީޒަނުގައި ރެލިގޭޝަން ޒޯނުން ޓީމު ވަނީ ޕްލޭއޯފަށް ކޮލިފައިކޮށްދީފަ އެވެ.
ކެރިކްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑުން ކުޅޭ ފުރަތަމަ މެޗުގައި ވާދަކުރާނީ މެންޗަސްޓަރ ސިޓީއާ، މި މަހުގެ 17 ވަނަ ދުވަހުއެވެ.
ޔުނައިޓެޑްގެ ކޯޗުކަމާ ވަގުތީ ގޮތުން ކެރިކް ހަވާލުވެފައި މިވަނީ، އެ ޓީމުގެ ކޯޗުކަމުން ރުބެން އަމޯރިމް, މި މަހުގެ ފަސްވަނަ ދުވަހު ވަކިކުރުމާ ގުޅިގެންނެވެ. އެ ދުވަހުން ފެށިގެން ކެރިކް ޓީމާ ހަވާލުވުމާ ހަމައަށް ވަގުތީ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވީ ޑެރެން ފްލެޗަރއެވެ.
ކެރިކަކީ ޔުނައިޓެޑްގައި އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރި ކުޅުންތެރިއެކެވެ. 2018 ވަނަ އަހަރު ކުޅުން ހުއްޓާލުމުގެ ކުރިން އޭނާ ވަނީ ޔުނައިޓެޑަށް 2006 އިން ފެށިގެން ކުޅެދީފައެވެ. މި މުއްދަތުގައި އެލެކްސް ފާގަސަންގެ ކޯޗުކަމުގައި ޕްރެމިއާ ލީގު ފަސް ފަހަރު އަދި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރިއެވެ.