ސިޔާސީ

އަލްޖަޒީރާގެ ތުހުމަތު ދޮގު- ނަޝީދު/މައުމޫން


މުޅި ދިވެހި ދައުލަތް ބަދުނާމުވާގޮތަށް ޒިންމާދާރުކަން ކުޑަގޮތަކަށް، ސަރުކާރާއި ދައުލަތުގެ އިސްވެރިންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށް އަލްޖަޒީރާއިން ޢާންމުކޮށްފައިވާ ޑޮކިއުމެންޓްރީއާއި، އެއާގުޅިގެން ޝާއިޢުކޮށްފައިވާ ލިޔުންތަކުގައިވާ ކަންކަން ސަރުކާރާ އިދިކޮޅު ފަރާތްތަކާއި، ސަރުކާރު ހިންގާ ޕާޓީގެ ލީޑަރުން ގެންދަވަނީ ދޮގުކުރައްވަމުންނެވެ. މީގެތެރޭގައި ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމާއި، ރައީސް މުޙައްމަދު ނަޝީދުވެސް ހިމެނިވަޑައިގަންނަވައެވެ.

އަލްޖަޒީރާއިން "ސްޓީލިންގ ޕެރެޑައިސް"ގެ ނަމުގައި ޢާންމުކުރި ޑޮކިއުމެންޓްރީ ޢާންމުކުރިތާ މާގިނައިރެއް ނުވެ، ރައީސް ޔާމީންގެ މައްޗަށް ތުހުމަތުތަކެއްކޮށްފައިވާ އެޑޮކިއުމެންޓްރީގައި ހިމަނާފައިވާ ކަންކަން ސަރުކާރުން ވަނީ ދޮގުކުރައްވާފައެވެ.

ބައިނަލްއަޤްވާމީ މަޝްހޫރު ނޫސް އެޖެންސީ، އަލްޖަޒީރާގެ ތަޙްޤީޤީ ނޫސްވެރިކަމާބެހޭ އިދާރާއިން ތައްޔާރުކޮށް ޢާންމުކުރި 45 މިނެޓްގެ ޑޮކިއުމެންޓްރީގައި ދިވެހި ދައުލަތާއި، ދައުލަތުގެ އިސްވެރިންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށް، މުޅި ދިވެހި ދައުލަތުގެ ޢިއްޒަތާއި ކަރާމާތަށް އުނިކަން އަންނަގޮތަށް ޢިބާރާތްކޮށް، ވާހަކަތައް ހިމަނާފައިވެއެވެ. މީގެތެރޭގައި ސީދާ ރައީސުލްޖުމްހޫރިއްޔާއަށް އަމާޒުކޮށްވެސް ސާބިތު ނުހިފޭ ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެއެވެ. ސަރުކާރުން ވަނީ މިތުހުމަތުތައް ދޮގުކުރައްވައި، މި ޑޮކިއުމެންޓްރީ ނޫސްވެރިކަމުގެ ޢާންމު މިންގަނޑާ ޚިލާފުވާކަމަށް ވިދާޅުވެ، އެކަމާ ހިތާމަކުރައްވާކަމަށް ވިދާޅުވެފައެވެ.

މީގެއިތުރުން ދިވެހި ދައުލަތަށް ޚިޔާނާތްތެރިވުމުގެ މައްސަލަތަކެއްގައި ފުލުހުންގެ ތަޙްޤީޤަށް ހޯއްދަވަމުންދާ މީހުން މައުސޫމް ބައެއްގެ ގޮތުގައި ދެއްކުމަށް އަލްޖަޒީރާއިން މަސައްކަތްކޮށްފައިވާކަން ސަރުކާރުން ފާހަގަކުރައްވައެވެ. އެގޮތުން ދިވެހި ޤައުމަށް ޣައްދާރުވުމުގެ ތުހުމަތުގައި އިންޓަރޕޯލުން ރެޑްނޯޓިސް ނެރެފައިވާ މީހުންގެ ވާހަކަތަކުގެ މައްޗަށް މިޑޮކިއުމެންޓްރީ ބިނާކޮށްފައިވާކަން ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ. ސަރުކާރާއި ދައުލަތުގެ ބާރުތަކުގެ އިސްވެރިންގެ މައްޗަށް ކުށުގެ ބޮޑެތި ތުހުމަތުތަކެއްކޮށް ވާހަކަތައް ހިމަނާފައިވާއިރު އެއްވެސް ފަރާތަކުން އެއަށް ރައްދުދިނުމުގެ އެކަށީގެންވާ ފުތުޞަތުވެސް ދީފައި ނުވާކަން ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

މިޑޮކިއުމެންޓްރީއާ ގުޅިގެން އަލްޖަޒީރާއިން ޝާއިޢުކުރި ލިޔެކިއުންތަކުގައި އިދިކޮޅު ފަރާތްތަކާ ގުޅުމަށް ރައީސް ނަޝީދު ރައީސް މައުމޫނަށް ޑޮލަރުތަކެއް ދެއްވިކަމަށް ބުނެ ޚަބަރު ފަތުރާފައިވެއެވެ.

tw:https://twitter.com/MohamedNasheed/status/773565147541569536

މިޑޮކިއުމެންޓްރީއަކީ ސަރުކާރަށް ބޮޑު ގޮންޖެހުމަކަށް ވާނެކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން ވާހަކަދައްކަވަމުން ދިޔައިރު އިދިކޮޅު މައި ލީޑަރ ރައީސް މުޙައްމަދު ނަޝީދަށްވެސް ޖެހިވަޑައިގަތީ އަލްޖަޒީރާއިން އެމަނިކުފާނުގެ މައްޗަށް ކުރައްވާފައިވާ ތުހުމަތުތައް ދޮގުކުރެއްވުމަށެވެ. އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް މައުމޫނާއެކު ފައިސާގެ އެއްވެސް މުޢާމަލާތެއް ހިންގާފައި ނުވާނެކަމަށާއި، ދެރައީސުންގެ ދެމެދުގައި އަބަދުވެސް ދެކެވެނީ ޑިމޮކްރަސީގެ ވާހަކަތައްކަމަށެވެ.

އަދި ވެރިކަންކުރާ ޕްރޮގްރެސިވް ޕާޓީގެ ލީޑަރ ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމްވެސް ވަނީ އެމަނިކުފާނުގެ މައްޗަށް ތުހުމަތުކޮށް އަލްޖަޒީރާއިން ފަތުރާފައިވާ ޚަބަރުތައް ދޮގުކުރައްވާފައެވެ. އަދި އެފަދަ ޤާނޫނާ ޚިލާފު އެއްވެސް ކަމެއްގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންފައި ނުވާނެކަމަށާއި، ސަރުކާރާ އިދިކޮޅު ފަރާތަކާ ގުޅިވަޑައިގަތުމަށް އެއްވެސް ފަރާތަކުން ފައިސާ ނަންގަވައި ނުވަތަ އެއްވެސް ފަރާތަކާ އެފަދަ މަޝްވަރާއެއްވެސް ކުރައްވާފައި ނުވާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

tw:https://twitter.com/maumoonagayoom/status/773557267262124032

އަލްޖަޒީރާގެ ޑޮކިއުމެންޓްރީގައި ރާއްޖޭގެ ސިޔާސީ ފަރާތްތަކުގެ މެދުގައި ދައުރުކުރުވިކަމަށް ބުނާ ކަޅުފައިސާ ރައީސް މައުމޫންގެ ފިރިހެން ދަރިކަލުން ބޭނުންކުރެއްވިކަމަށް ބުނާ ވާހަކަތައްވެސް ވަނީ ދޮގުކުރައްވާފައެވެ. ޕީޕީއެމުން ނެރުއްވި ބަޔާނުގައި ވަނީ އެޕާޓީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް އަބަދުވެސް ކަންކަން ކުރައްވާނީ ޤާނޫނީ ތަރަހައިގެ ތެރޭގައިކަމަށެވެ.

މިކަން މިހެން އޮތުމުން އަލްޖަޒީރާގެ ޑޮކިއުމެންޓްރީގައި ހިމަނާފައިވާ ވާހަކަތަކުގެ ޞައްޙަ ކަމާމެދު ސުވާލު އުފެއްދުމުމުގެ ފުރުޞަތު އެބައޮތެވެ. އަދި ސީދާ ދިވެހި މުޅި ދައުލަތުގެ އެންމެހައި ބާރުތައް ބަދުނާމުކޮށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތައް ހިމަނައި، ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަމަށް ގޮންޖަހައި، ބަދުނާމު ކުރާފަދަ ގޮތަކަށް މުޅި ޑޮކިއުމެންޓްރީ އަތުރާލައި އެފަދައިން އިބާރާތްކޮށްފައިވާތީ މިމުޅި ޑޮކިއުމެންޓްރީގެ މަޤްޞަދާމެދުވެސް ސުވާލުއުފެދެއެވެ.

ޝަރުޢީ ދާއިރާގެ ނަޒާހާތްތެރިކަންގެއްލި، ސަލާމަތީ ބާރުތަކުގެ ކަންކަން ސިޔާސީ ވެފައިވާކަމަށާއި، ދައުލަތުގެ މިނިވަން މުއައްސަސާތަކުގެ މުސްތަޤިއްލުކަން ގެއްލިފައިވާކަމަށް ބުނާ ވާހަކަތަކެއް ހިމަނައިގެން ސާބިތު ނުހިފޭ، ޞައްޙަނޫން ވާހަކަތަކެއް ހިމަނައިގެގެން ގެނެސްދިން މިޑޮކިއުމެންޓްރީއަކީ ދިވެހިރައްޔިތުންގެ މެދުގައި ފިތުނަ ފަޞާދަ އުފައްދައި، ރާއްޖޭގެ ޤާނޫނީ ވެރިކަމާއި، އިޤްތިޞާދާއި އިޖްތިމާއީ ނިޒާމު ބަލިކަށިކޮށްލުމަށް ހިންގިކަމެއް ކަމެއްކަމަށް ބެލުމުގެ ފުރުޞަތު އެބައޮތެވެ.

ބައިނަލްއަޤުވާމީ ނޫސްވެރިކަމުގެ ބެސްޓް ޕޮރެކްޓިސްއާ ކަނޑައެޅިގެން ޚިލާފަށް ސީރިއަސް ކުށްތަކެއްގެ ތުހުމަތު ކުރެވޭ ފަރާތްތަކާއި، ނުރައްކާތެރިކުށްތައް ސާބިތުވެފައިވާ މީހުން ދެއްކި ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ޑޮކިއުމެންޓްރީގައި ދިވެހިދައުލަތުގެ އެންމެ މަތީ ތިންބާރުކަމުގައިވާ ރައީސުލްޖުމްހޫރިއްޔާއާއި، ރައްޔިތުންގެ މަޖިލީހާއި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓްގެ ޙުރުމަތް ކަނޑާލައި މުޅިދިވެހި ދައުލަތް ބަދުނާމުކޮށްފައިވާ ވާހަކަތަކެއް ހިމަނާފައިވާއިރު، މިވާހަތަކުގެ ރައްދު އަލްޖަޒީރާއިން ދައްކާފައިވާ މިޑޮކިއުމެންޓްރީގައި ހިމެނާފައެއް ނުވެއެވެ.