ޚަބަރު

ޢީދަށް ފުރާނަމަ، މިކަންކަމަށް ސަމާލުކަންދެއްވާ !


އަޟްޙާ ޢީދުގެ ބަންދު ދުވަސްތަކަކަކީ ގިނައަދަދެއްގެ މީހުން ޗުއްޓީ ހޭދަކޮށްލުމަށްޓަކައި އެތަނުން އަނެއްތަނަށް ފުރައިގެންދާ ދުވަސް ވަރެއް. ކޮންމެ އަހަރެއްގެ މިދުވަސްތަކާއި ދިމާކޮށް ޢީދު ޗުއްޓީ ހޭދަކޮށްލުމަށްޓަކައި މާލެއިން ގިނަބަޔަކު އަތޮޅު ތަކަށާއި ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމުގެ އިތުރުން އަތޮޅުތަކުންވެސް މާލެއަށާއި އެހެނިހެން ސަރަޙައްދުތަކަށް ގިނަބަޔަކު ދަތުރުކުރަމުންގެންދެއެވެ. އެހެންކަމުން ޗުއްޓީ ހޭދަކޮށްލުމަށްޓަކައި ދަތުރުތަކުގައި ފުރައިގެންދާއިރު، ގޯތި ގެދޮރާއި މުދަލުގެ ރައްކާތެރިކަން ދެމެހެއްޓޭނެ ގޮތަކަށް ކަންކަން އިންތިޒާމު ކޮށްފައި ބެހެއްޓުމަކީ ކޮންމެހެންވެސް ކުރަން ޖެހޭނެ ކަމެކެވެ.

ގޯތިގެދޮރާއި މުދަލުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ރަށުން ފުރައިގެން ދިއުމުގެ ކުރިން ގޭތެރޭގެ ކަރަންޓުގެ ޙާލަތު ކަށަވަރު ކުރައްވައި އަލިފާނުގެ ޙާދިސާއެއް ނުހިނގާނެ ފަދަ ގޮތަކަށް ކަންކަން ހަމަޖައްސެވުމަށް ޙާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. އަދި ރަށުން ފުރައިގެންދާއިރު ނުވަތަ އެނޫން ވެސް ވަގުތުތަކުގައި، ބޭނުން ނުކުރާ ހުރިހާ ތަނެއް ކަރަންޓް ސްވިޗް އޮފްކޮށް ކަރަންޓުގެ ސަބަބުން ނުރައްކާތެރި ޙާލަތަކަށް ކަމެއް ދިއުން ހުއްޓުވުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަކީ ވެސް މުހިއްމުކަމެކެވެ.

img:http://s3.psmnews.mv/images/660x400/14733263335349.jpg|ފުލުހުން ހޯދާފައިވާ ވަގަށްނަގާފައިވާ އެއްޗެހިތަކެއް

މީގެ އިތުރުން ދެން ސަމާލުކަން ދެއްވަންވީ އަނެއްކަމަކީ ގޭގައި ގެންގުޅޭ އަގުބޮޑު މުދާ ރައްކާތެރިކުރުން. އެގޮތުން ޗުއްޓީގެ ދުވަސްތަކުގައި ރަށުން ބޭރަށް ފުރުމުގެކުރިން، ގޭގައި ހުންނަ އަގުބޮޑެތި މުދާލާއި ލެޕްޓޮޕާއި ރަނުގެ ގަހަނާއާއި އައިޕެޑް ފަދަ ތަކެތި ތަޅުލެވޭ ތަންތަނުގައި ރައްކާކުރުމަކީވެސް މުދަލުގެ ރައްކާތެރިކަމަށް އެޅޭނެ މުހިއްމު ފިޔަވަޅެކެވެ. އަދި ރަށުން ބޭރަށް ފުރުމުގެކުރިން ގެދޮރު ރަނގަޅަށް ތަޅުލައި ޒިންމާދާރު ކޮންމެވެސް މީހަކު ގެދޮރު ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖައްސާފައި ދިއުމަކީވެސް ގޯތި ގެދޮރުގެ ސަލާމަތަށް އެޅިދާނެ މުހިއްމު ފިޔަވަޅެކެވެ. މިދުވަސްވަރާއި ދިމާކޮށް ގޭގެއިން ވައްކަން ކުރުމާއި އަލިފާނުގެ ހާދިސާފަދަ ކަންތައްތަކުން ރައްކާތެރިވުމަށްޓަކައި މިދެންނެވި ކަންތައްތަކަށް ޙާއްސަ ސަމާލުކަން ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.