ޚަބަރު

އަލިފާނުގެ ހާދިސާއާ ގުޅިގެން 17 މީހަކު ދައުލަތުގެ އެހީތެރިކަން


މާލޭގައި ރޭ ހިނގި އަލިފާނުގެ ޙާދިސާއާ ގުޅިގެން، 17 މީހަކު ދައުލަތުގެ އެހިތެރިކަމުގެ ދަށަށް ގެންނަވައި، އެ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަމާއި، އެހީތެރިކަން ފޯރުކޮށްދެމުން ގެންދަވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވިދާޅުވެއްޖެއެވެ.

ރޭ ހިނގި އަލިފާނުގެ ހާދިސާގައި ގ.އެސްބަރި ގޭގެ 2 ވަނަ އަދި 3 ވަނަ ފަންގިފިލާއާއި، ގ.މެމޮރީވިލާ ތިންވަނަ ފަންގިފިލާއާއި، ގ.އަސޭނާގެ އެއްވަނަ އަދި ދެވަނަ ފަންގިފިލާއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވިދާޅުވީ މި ގެތަކުގައި ދިރިއުޅެމުން އައި ތިން ޢާއިލާއެއްގެ 17 މީހަކަށް ދައުލަތުން އެހީތެރިކަން ފޯރުކޮށްދެމުންދަނީ އެމީހުން ދިރިއުޅެމުންދިޔަ އެޕާރޓްމެންޓްތަކުގައި ދިރި ނޫޅެވޭ ވަރަށް ގެއްލުން ވެފައިވާތީކަމަށެވެ. އަދި މިފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެމުން ދަނީ މާލޭގެ ގެސްޓްހައުސްތަކުންކަމަށް އެސެންޓަރުން މަޢުލޫމާތުދެއްވައެވެ. އަދި ބޯހިޔާވަހިކަމުގެ އިތުރުން މި ތިން އާއިލާއަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި ބޭނުންވާ ތަކެއްޗާއި އަންނައުނާއި ކެއުމުގެ އިންތިޒާމްވެސް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުން ގެންދަވަނީ ހަމަޖައްސަވަމުންނެވެ.

img:http://s1.psmnews.mv/images/660x400/14733251863988.jpg|އެސްބަރިގޭގައި ރޯވި އަލިފާން ނިއްވާލުމަށް އެމްއެންޑީއެފުން ހަރަކާތްތެރިވަނީ

މިހާދިސާގައި ގެއްލުން ލިބުނު ތަންތަނުގެ އެސެސްމަންޓް ހެދުމަށް ތައްޔާރުވަމުންދާކަމަށް ވެސް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވިދާޅުވެއެވެ. މި އެސެސްޓްމަންޓް ހެދުމަށްޓަކައި ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރގެ އެމަރޖެންސީ ރެސްޕޮންސް ޓީމާއި މޯލްޑިވެސް ނޭޝަނަލް ޑިފެންސް ފޯސްގެ އިންޖިނިއަރުން ބައިވެރިވާނެކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރއިން މަޢުލޫމާތުދެއްވައެވެ. މި އަލިފާނުގެ ހާދިސާއާއި ގުޅިގެން ލިބުނު ގެއްލުންތަކުގެ ފުރިހަމަ ތަފްޞީލު ލިބިގެންދާނީ އެތަނުގެ އެސެސްމަންޓް ހަދާ ނިމުމުންކަމަށް ވެސް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރއިން މަޢުލޫމާތުދެއްވައެވެ. ރޭގައި ހިނގި އަލިފާނުގެ ހާދިސާ ހިނގި ވަގުތުން ފެށިގެން އެ ސެންޓަރ ގެ މަސައްކަތްތައް ކުއްލިހާލަތަކަށް ގެނެވިފައިވާކަމަށްވެސް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރއިން މަޢުލޫމާތުދެއެވެ.

ރޭގަ ދިހައެއް ޖަހާކަށް ހާއިރު ހިނގި މި އަލިފާނުގެ ހާދިސާގައި ގ.އެސްބަރި ގޭގެ އިތުރުން، އެގެއާއި އިންވެގެން ހުރި އިތުރު ދެ ގެއަކަށްވެސް އެކިވަރުގެ ގެއްލުންތައް ވެފައިވާ ކަމަށް އެމް.އެން.ޑީ.އެފުން މަޢުލޫމާތުދެއްވައެވެ. މި ހާދިސާގައި އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުން ލިބިފައެއް ނުވެއެވެ. އަލިފާނުގެ ހާދިސާގައި ގ.އެސްބަރި ގޭގެ 2 ވަނަ އަދި 3 ވަނަ ފަންގިފިލާއާއި، ގ.މެމޮރީވިލާ ތިންވަނަ ފަންގިފިލާއާއި، ގ.އަސޭނާގެ އެއްވަނަ އަދި ދެވަނަ ފަންގިފިލާއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. ސިފައިންނާއި، ފުލުހުން ކުރެއްވި މަސައްކަތުން އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވަނީ ރޭ އެގާރަ ގަޑި ފަނަރަ ހާއިރުއެވެ.