ސިއްހަތު

ހިތުގެ ބަލިތަކަށް ފަރުވާ ދިނުމުގެ ތަމްރީނެއް ފަށައިފި


ހިތުގެ ބަލިތަކަށް ފަރުވާ ދިނުމުގައި ޢަމަލު ކުރަންވީ ގޮތުގެ ތަމްރީނާއި ތަޖުރިބާ ޙިއްސާކުރުމުގެ ޕްރޮގްރާމެއް އައި.ޖީ.އެމް.އެޗުން ފަށައިފިއެވެ.

މާލެއާއި އަތޮޅުތެރޭގައި ރައްޔިތުންނާއި އެންމެ ގާތުން ޞިއްޙީ ޚިދްމަތް ދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ޞިއްޙީ އެހީތެރިންނާއި، ޑޮކްޓަރުންނާއި، ނަރުހުންނަށް ޢަމާޒުކުރައްވައިގެން މިއަދު ފެއްޓެވި މި ޕްރޮގްރާމުގައި އައި.ޖީ.އެމް.އެޗާއި އަތޮޅުތެރޭގެ ހޮސްޕިޓަލްތައް ހިމެނޭ ގޮތަށް ފަސްދޮޅަހަށް ވުރެ ގިނަ ބޭފުޅުން ބައިވެރިވެފައިވެއެވެ. މިޕްރޮގްރާމްގެ ތެރެއިން މޭގައި ރިއްސައިގެން ޑޮކްޓަރަށް ދައްކާ މީހުންނާއި، އަދި ތަފާތު އެކި ޙާލަތްތަކުގައި ޑޮކްޓަރަށް ދައްކާ މީހާއަށް ފަރުވާދިނުމުގައި ގެންގުޅޭ މިންގަނޑުތަކާއި، އަދި ހިތުގެ ޚާއްޞަ ޑޮކްޓަރެއްގެ ޚިދުމަތް ބަލިމީހާއަށް ލިބިދިނުމާއި ހަމަޔަށް އިތުރު ފަރުވާ ދިނުމާއި، އަދި ބަލި މީހާއާއި އަޅާލާނެ ގޮތްތަކާއި ބެހޭ މައްލޫމާތު ބައިވެރިންނަށް ދެވޭނެކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ.

ޚާއްޞަކޮށް ޑޮކްޓަރުންނާއި ނަރުހުންނަށް ޢަމާޒުކޮށް ހިތުގެ ބަލިތަކާއި ބެހޭ އެންމެ ފަހުގެ ސައިންސްގެ ހޯދުންތަކާއި ދިރާސާތައް ހިއްސާކޮށް،އޭގެ އެހީގައި ހިތުގެ ބަލި މީހުންނަށް ފަރުވާދިނުމާއި، އެހެނިހެން ޚިދްމަތްތައް ދޭނެ ގޮތުގެ މަޢުލުމާތު ހިއްސާ ކުރެވޭނޭކަމަށްވެސް އައި.ޖީ.އެމް.އެޗުން ވިދާޅުވެއެވެ.

img:http://s2.psmnews.mv/images/660x400/14673704212809.jpg|އައިޖީއެމްއެޗް ހޮސްޕިޓަލްގެ ކެތް ލެބްގައި ޑޮކްޓަރުން ހަރަކާތްތެރިވަނީ - ފައިލް ފޮޓޯ: ޕީއެސްއެމް

މި ޕްރޮގްރާމްގައި މައްލޫމާތު ހިއްސާ ކުރައްވާނީ ބޭރުގެ ފަސް ޑޮކްޓަރުންނާއި ރާއްޖޭގޭ ތިން ޑޮކްޓަރުންނެވެ. މިއީ ހިތުގެ ޚާއްޞަ ޑޮކްޓަރުންނެވެ. މީގެ ތެރޭގައި ދުނިޔޭގެ ނަން މަޝްހޫރު ޑޮކްޓަރުންވެސް ހިމެނެއެވެ. މި ޕްރޮގްރާމާބެހޭ މައްލޫމާތު މީޑިއާއާއި ހިއްސާ ކުރައްވަމުން އައި.ޖީ.އެމް.އެޗުގެ ކެޑް އޮގް ކާޑިއޯލޮޖީ ޑިޕާޓްމެންޓް ޑރ.އަލީ ޝަފީޤް ވިދާޅުވީ، މި ފަދަ ތަމްރީން ޕްރޮގްރާމްތަކަކީ ރާއްޖެއިން ބޭރުގައި ފުރިހަމަ ކުރާނަމަ އެކަމަށް ބޮޑު ހޭދައެއްދާނޭ ކަމެއް ކަމަށާއި އަދި އެފަދަ ބޮޑު ޚަރަދެއް ކުރަން ޖެހޭ އިރު ޕްރޮގްރާމްތަކުގައި ބައިވެރި ކުރެވޭ މިންވަރުވެސް މަދުކަމަށެވެ. އެހެންކަމުން ރާއްޖޭގައި ހިތުގެ ބަލިތަކަށާއި އަދި ހިތުގެ ބަލިތަކަށް މަގުފަހިވާފަދަ ކަންކަމަށް ފަރުވާ ދިނުމުގެ މިފަދަ ތަމްރީނެއް ހިންގުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ދެކިވަޑައިގެންނަވާކަމަށް ޝަފީޤް ވިދާޅުވިއެވެ. އަދި އުއްމީދަކީ މީގެ އަލީގައި ،ހިތުގެ ބައްޔަށް އަވަހަށް ފަރުވާ ކުރެވި މިބަލިން މީހުން ސަލާމަތް ކުރުމުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުންކަމަށް އޭނާ ވިދާޅުވިއެވެ.

މި ޕްރޮގްރާމް ފެއްޓެވުމަށް މިއަދު އައި.ޖީ.އެމް.އެޗުގެ އޯކިޑު މާލަމުގައި ބޭއްވި ހަފްލާގައި ޕްރޮގްރާމް އިފްތިތާޙްކުރެއްވީ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް ،އިރުތިޝާމް އާދަމްއެވެ.