ޚަބަރު

އެފްއޭ ކަޕް: އާސެނަލް މޮޅުވިއިރު ބްރައިޓަން އަތްދަށުވެ ޔުނައިޓެޑް ކަޓައިފި


އިނގިރޭސި އެފްއޭ ކަޕުގައި އިނގިރޭސި ލީގު ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލް، ޕޯޓްސްމަތު އަތުން މޮޅުވިއިރު، ގޮންޖެހުންތަކަކާ ކުރިމަތިލަމުން އަންނަ މެންޗަސްޓަރ ޔުނައިޓެޑް، ބްރައިޓަން އަތްދަށުވެ މުބާރާތުން ކަޓައިފިއެވެ. އާސެނަލް މެޗު ކާމިޔާބުކުރީ 4-1 އިންނެވެ.

ޕޯޓްސްމަތުގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން ވަނީ މެޗުގެ ތިންވަނަ މިނެޓުގައި ލަނޑެއް ޖަހައި ލީޑުނަގާފައެވެ. މިއީ އޭރިއާ ތެރޭގައި، ޑީ އޭރިއާ ކައިރީ ހުރެ ކޮނޯ ޗެޕްލިން ފޮނުވާލި ބޯޅަ، އާސެނަލްގެ ކީޕަރުގެ އަތުގައި ޖެހި ރިބައުންސް ވެގެން އައުމުން، އޭރިއާ ތެރޭގައި ހުރެފައި ފަސޭހަކަމާއެކު ކޮލްބީ ބިޝޮޕް ކާމިޔާބުކޮށްދިން ލަނޑެކެވެ.

ޕޯޓްސްމަތަށް ލީޑުގައި މާ ގިނަވަގުތު އޮވެވޭގޮތެއް ނުވިއެވެ. ލަނޑެއް ޖަހައި ލީޑުނެގިތާ ފަސް މިނެޓުފަހުން، އެ ޓީމުގެ އަންދްރޭ ޑޮޒެލް އަތުން ބައިކޮޅަށް ވަން ލަނޑާއެކު އާސެނަލް އިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މިއީ އާސެނަލް އަށް ލިބުނު ކޯނަރެއްގައި ތަނަވަސްކުރި ފުރުސަތެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި އެކަން ނުކުރެވި ބައިކޮޅަށް ވަން ލަނޑެކެވެ.

މި ލަނޑަށްފަހު އާސެނަލްގެ ކުޅުންތެރިން އިތުރު ހިތްވަރެއްލައި ކުޅުން ވަރުގަދަކުރިއިރު، ލިބުނު އިތުރު ކޯނަރެއްގައި، އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ބޮލުން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ގެބްރިއެލް މާޓިނެލީ ވަނީ 25 ވަނަ މިނެޓުގައި އާސެނަލްއަށް ލީޑުނަގައިދީފައެވެ. އާސެނަލްގެ ބާކީ ލަނޑުައް ފެނިގެންދިޔައީ ދެވަނަ ހާފުގައެވެ.

އެހެންނަމަވެސް ފުރަތަމަ ހާފުގައި ވެސް އާސެނަލް އަށް ވަނީ ލަނޑުޖަހާނެ އިތުރު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އޭގެ ތެރޭގައި މުޅިން ހުސް ގޯލެއްގެ ތެރެއަށް ބޯލަ ފޮނުވާލަން މާޓިނެލީއަށް ލިބުނު ފުރުސަތުގައި އަރިމަތީ ދަނޑިއަށް އޭނާ ފޮނުވާލި ބޯޅަ އެރިއިރު ލިބުނު ޕެނަލްޓީއެއްގައި މަޑުއެކޭ ޖެހި ބޯޯޅަ ދިޔައީ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

ދެވަނަ ހާފު ފަށައިގެން ހަވަނަ މިނެޓުގެ ތެރޭގައި އާސެނަލްގެ ތިންވަނަ ލަނޑު ވެސް ޖަހައިދިނީ މާޓިނެލީއެވެ. މިއީ ގެބްރިއެލް ޖެސޫސް ގޯލު ކުރިއްޗަށް ހުރަސްކޮށްލި ބޯޅައަކަށް ވަރަށް ރަނގަޅަށް އެރުމަށްފަހު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މެޗުގައި އާސެނަލްގެ ހަތަރުވަނަ ލަނޑު ޖަހައިދީ މާޓިނެލީ އޭނާގެ ހެޓްރިކް ފުރިހަމަކުރީ 72 ވަނަ މިނެޓުގައެވެ. މިއީ ވެސް މަޑުއެކޭ ނަގައިދިން ކޯނަރެއްގައި ލިބުނު ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މާޓިނެލީ ޖެހި ލަނޑެކެވެ. މިއީ ސީނިއަރ ކެރިއަރުގައި މާޓިނެލީ ފުރިހަމަކުރި ފުރަތަމަ ހެޓްރިކެވެ.

ޕޯޓްސްމަތު އަތުން އާސެނަލް މޮޅުވި ނަމަވެސް އެފްއޭ ކަޕުގައި ޕްރިމިއަރ ލީގުގެ "ގަދަބާރެއް" ގެ ގޮތުގައި ނިސްބަތްކުރޭ މެންޗަސްޓަރ ޔުނައިޓެޑް ވަނީ ބްރައިޓަން އަތުން ބަލިވެ މުބާރާތުން ކަޓާފައެވެ.

އަމިއްލަ ދަނޑުގައި ޔުނައިޓެޑުން، ދާއިމީ ކޯޗަކާ ނުލާ ކުޅުނު މި މެޗުން އެ ޓީމު ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑުނެގީ ބްރައިޓަންއެވެ. ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރަހްނ ގްރޫޑާއެވެ. ލީޑުގައި އޮވެ ދެވަނަ ހާފު ފަށައި، ދެވަނަ ހާފުގައި، މެޗުގެ 64 ވަނަ މިނެޓުގައި ބްރައިޓަން އިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑެނީ ވެލްބެކްއެވެ.

މެޗުގައި ޔުނައިޓެޑުން ޖެހި ހަމައެކަނި ލަނޑަކީ މެޗުގެ ފުރިހަމަވަގުތު ހަމަވާން ފަސް މިނެޓަށް ވެފައިވަނިކޮށް ބެންޖަމިން ސެސްކޯ ޖަހައިދިން ލަނޑެކެވެ.

މެޗުގެ ފުރިހަމަވަގުތުގެ އެންމެ ފަހު މިނެޓުގައި ޔުނައިޓެޑުގެ ޝެއާ ލޭސީއަށް ރަތްކާޑެއް ވެސް ދައްކާފައިވެއެވެ.

ބްރައިޓަން އަތުން ބަލިވެ ޔުނައިޓެޑަށް އެފްއޭ ކަޕް ނިމުނުއިރު، މި މެޗުގެ ކުރިން އެންމެފަހުން ކުޅުނު ތިން މެޗުގައި ވެސް ޔުނައިޓެޑަށް މޮޅެއް ހޯދިފައި ނުވާކަން ފާހަގަކޮށްލެވެއެވެ. އެ ތިން މެޗުން ވެސް ޔުނައިޓެޑް ވީ އެއްވަރެވެ. ޔުނައިޓެޑް އެންމެފަހުން މެޗަކުން މޮޅުވެފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު، ލީގުގައި ނިއުކާސަލްއާ ދެކޮޅަށް ކުޅުނު މެޗުގައެވެ.