ޚަބަރު

ފަހަތުން އަރައި ގައްދޫ ކަޓުވާލައި ވާދޫ ސެމީއަށް، މަޑަވެލި، ހޯނޑެއްދޫ އަދި ފިޔޯރީވެސް ސެމީގައި


ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ގދ. އަތޮޅުގެ ސެމީ ފައިނަލުގެ ޖާގަތައް ވާދޫ، މަޑަވެލި، ހޯނޑެއްދޫ އަދި ފިޔޯރިން ހޯދައިފިއެވެ.

ގދ. އަތޮޅުން މި މުބާރާތުގައި ޖުމްލަ ހަ ޓީމެއް ވާދަކޮށްފައިވެއެވެ.

އެ ހަޓީމު ދެ ގުރޫޕަކަށް ބަހާލާފައިވާރު ކޮންމެ ގުރޫޕެއްގައި ތިން ޓީމު ހިމެނެއެވެ.

މީގެއިން ގްރޫޕް އޭގައި ވާދޫއިން އެއްވަނައިގެ ގޮތުގައި ސެމީއަށް ދަތުރުކުރީ މިރޭ ފަހަތުން އަރައި ގައްދޫގެ މައްޗަށް ހޯދި މޮޅާއެކުއެވެ.

މެޗު ފަށައިގެން ގައްދޫއިން ރަނގަޅު ކުޅުމެއް ދެއްކި މި މެޗުގައި ކުޅުން ރަނގަޅުކޮށް ވާދޫއިން މެޗު ކާމިޔާބުކުރީ 1-4 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ގައްދޫއަށް އަޙްމަދު ރިފްޝާން ލަނޑެއްޖަހައިދީ ލީޑުނަގައިދީފައި ވަނިކޮށް، މުޙައްމަދު ނާއިލް (އެއްޑާ) ވަނީ ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ތެރެއަށް ވައްދާލައިގެން ވާދޫއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. ވާދޫގެ ބާކީ ތިން ލަނޑު ކާމިޔާބުކޮށްދީ މުޙައްމަދު އިޔާދު ވަނީ މެޗުގައި ހެޓްރިކް ފުރިހަމަކޮށްފައެވެ. މީގެތެރެއިން ދެ ލަނޑަކީ ގައްދޫގެ ކީޕަރު ކުރިއަށް އަރާ ހުރި ވަގުތު ލިބުނު ފުރުސަތެއްގައި، މުޅިން ހުސް ގޯލެއްގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން އިޔާދު ކާމިޔާބުކުރި ދެ ލަނޑެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް އިޔާދުއެވެ.

މި މޮޅާއެކު ވާދޫއިން ހަ ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި އޮތްއިރު ދެވަނައިގައި އޮތް މަޑަވެއްޔަށް ތިން ޕޮއިންޓު ލިބިފައިވެއެވެ. އަދި ވާދޫ އަތުން ބަލިވި ގައްދޫއަށް މުބާރާތުގައި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މި އަތޮޅުގެ ގުރޫޕު ބީގައި މިރޭ ހޯނޑެއްދޫއާއި ފިޔޯރީ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ފިޔޯރީގެ ލަނޑު އަބްދުﷲ މަހީލް މުއްޠަލިބް ކާމިޔާބުކޮށްދިން އިރު ހޯނޑެއްދޫގެ ލަނޑު ޖަހައިދިނީ އިސްމާޢީލް މަމްދޫހުއެވެ. މެުގެ މޮޅު ކުޅުންތެރިއަކީ ހޯނޑެއްދޫގެ ސައިން އަސްލަމް އެވެ.

މެޗަށް ނުކުތްއިރު ވެސް ހޯނޑެއްދޫއަށް ވަނީ ސެމީ ޔަގީންވެފައެވެ.

މި ގުރޫޕުގެ ޕޮއިންޓް ތާވަލު އެތުރިފައިވާ ގޮތަށް ބަލާއިރު އެއްވަނައިގައި ހޯނޑެއްދޫ އޮތީ ދެ މެޗުން ހަތަރު ޕޮއިންޓާއެކުއެވެ. ދެވަނައިގައި ފިޔޯރީ އޮތީ ދެ ޕޮއިންޓާއެކުއެވެ. ފުލުގައި އޮތް ރަތަފަންދޫއަށް ވެސް ޕޮއިންޓެއް ލިބިފައިވެއެވެ.