ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގައި އައްޑޫ އަތޮޅުގެ ދެ ގުރޫޕުގެ މެޗުތައް ވެސް ނިމިފައިވާއިރު އެ ގުރޫޕުތަކުން އެ އަތޮޅުގެ ސެމީގެ ޖާގަތައް މަރަދޫ، ފޭދޫ، ހިތަދޫ އަދި މިީދޫއިން ހޯދައިފިއެވެ.
މުބާރާތުގައި އެ އަތޮޅުން ވާދަކުރަނީ ހަ ޓީމެވެ. އެ ހަޓީމު ބަހާލާފައި އޮތީ ތިން ޓީމުގެ ދެ ގުރޫޕަށެވެ. އެހެންކަމުން ކޮންމެ ޓީމަކުން ގްރޫޕް ސްޓޭޖުގައި ކުޅެން ޖެހުނީ ދެ މެޗެވެ.
އައްޑޫ ގްރޫޕް އޭގައި މިރޭ މަރަދޫއާއި ފޭދޫއިން މެޗަށް ނުކުތްއިރު ވެސް ސެމީގެ ޖާގަ ވަނީ ކަށަވަރުވެފައެވެ. އެއީ މި ދެ ޓީމުން ވެސް ފުރަތަމަ މެޗުގައި ވާދަކުރީ މަރަދޫ ފޭދޫއާ ކަމަށްވާއިރު ދެ ޓީމު ވެސް އެ މެޗުތަކުން މޮޅުވެފައި އޮތީމައެވެ. އެހެންކަމުން މި މެޗު ވެގެންދިޔައީ ގުރޫޕުގެ އެއްވަނަ ކަނޑައެޅުމަށް ކުޅުނު މެޗަކަށެވެ. މި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.
މެޗުގައި މަރަދޫގެ ލަނޑުތައް ޖަހައިދިނީ ޙަސަން ޝިއުސްއާއި ޙަސަން ނޫރިޝްއެވެ. ފޭދޫގެ ދެ ލަނޑު ވެސް ޖަހައިދިނީ މުޙައްމަދު ސަޔަމް ސައީދެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް ސަޔަމްއެވެ.
މި ނަތީޖާއާއެކު ގްރޫޕް އޭގެ އެއްވަނައިގެ ގޮތުގައި ސެމީއަށް ދަތުރުކުރި މަރަދޫއަށާއި ދެވަނައިގެ ގޮތުގައި ދަތުރުކުރި ފޭދޫއަށް ވެސް ހަތަރު ޕޮއިންޓު ލިބިފައިވާއިރު މަރަދޫއަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ. މަރަދޫފޭދޫއަށް ޕޮއިންޓެއް ލިބިފައި ނުވާއިރު ބައިކޮޅަށް ހަތް ލަނޑު ވަދެފައިވެއެވެ. މަރަދޫފޭދޫއަށް ދެ މެޗުން ކާމިޔާބުކުރެވުނީ އެންމެ ލަނޑެކެވެ.
އައްޑޫގެ ގްރޫޕް ބީގެ އެއްވަނައިގެ ގޮތުގައި ހިތަދޫއިން ސެމީއަށް ދަތުރުކުރިއިރު، ދެވަނައިގައި އޮތް މީދޫއާ ދެކޮޅަށް މިރޭ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މެޗުގައި ހިތަދޫގެ ލަނޑު ޖަހައިދިނީ އީމާން ނަޒީރެވެ. އަދި މީދޫގެ ލަނޑަކީ ހިތަދޫގެ މުޙައްމަދު ސަބާޙް މަންސޫރު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ސެމީގެ ޖާގަ މި ގުރޫޕުން އެއްވަނައިގެ ގޮތުގައި ހިތަދޫއަށް ލިބުނީ ހަތަރު ޕޮއިންޓާއެކުއެވެ. ހިތަދޫއިން ހުޅުދޫއާ ދެކޮޅަށް މި މަހުގެ ހަތަރުވަނަ ދުވަހު ކުޅުނު މެޗުން 0-2 އިން ވަނީ މޮޅުވެފައެވެ. ދެވަނައިގެ ގޮތުގައި ދެ މެޗުން ދެ ޕޮއިންޓު ހޯދައިގެން ދަތުރުކުރި މީދޫ ވަނީ ފުރަތަމަ މެޗުގައި މީދޫއާ 1-1 އިން އެއްވަރުވެފައެވެ.
އެހެންކަމުން ހިތަދޫއިން މީދޫއާ ދެކޮޅަށް މިރޭ ނުކުތްއިރު ވެސް ވަނީ ސެމީގެ ޖާގައެއް ކަށަވަރުވެފައެވެ. ހިތަދޫއާ ޖެހުނީ ޕޮއިންޓެއް ހޯދާލައިގެން ވިޔަސް ތާވަލުގެ އެއްވަނަ ކަށަވަރުކޮށްލާށެވެ.
މި މެޗުތަކާއެކު އައްޑޫއަށް ނިސްބަތްވާ ހުރިހާ ޓީމުތަކެއްގެ މެޗުތައް ވެސް މިވަނީ ނިމިފައެވެ.