ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގައި ވ.އަތޮޅުގެ ފުރަތަމަ މެޗުގައި ފެލިދޫއާއި ފުލިދޫގެ ކުރިމަތިލުން އެއްވަރުވެގެން ނިމުނުއިރު، ހިންނަވަރާއި ނައިފަރު ފުރަތަމަ މެޗުން މޮޅުވެއްޖެއެވެ.
މުބާރާތުގައި ވ. އަތޮޅުން ބައިވެރިވީ ތިން ޓީމެވެ. އެއީ ފެލިދޫއާއި ފުލިދޫގެ އިތުރުން ކެޔޮދޫއެވެ.
މީގެތެރެއިން ފެލިދޫއާއި ފުލިދޫގެ މެޗު މިރޭ ކުޅުނުއިރު މި މެޗު އެއްވަރުވީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ދެ ޓީމުގެ ފަރާތުން ވެސް އާދައިގެ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފުލިދޫގެ ޝީވާން މަންސޫރެވެ. މި ގުރޫޕުން މި މަހުގެ 18 ވަނަ ދުވަހު ފުލިދޫއާއި ކެޔޮދޫ ކުރިމަތިލާން ޖެހޭއިރު ފެލިދޫއާއި ކެޔޮދޫ ވާދަކުރާނީ 20 ވަނަ ދުވަހުއެވެ.
މުބާރާތުގައި ޅ. އަތޮޅުގެ ފުރަތަމަ މެޗުތައް ވެސް މިރޭ ކުޅެފައިވާއިރު އެ ގުރޫޕުން ހިންނަވަރުން ވަނީ އޮޅުވެލިފުށީގެ މައްޗަށް 3-4 އިން ކުރިހޯދާފައެވެ. ހިންނަވަރުގެ ޒިއާން މުޙައްމަދުއާއި ހުސެއިން މުޙައްމަދު، ކޮންމެ ކުޅުންތެރިއަކު މެޗުގައި ދެ ދަނޑލު ޖެހިއިރު އޮޅުވެލިފުށީގެ ލަނޑުތައް ޖަހައިދިނީ މަފާޒް އަބްދުލް ޝަކޫރާއި މުޙައްމަދު ސުޙެއިލްގެ އިތުރުން އިޔާޒް އިލްޔާސްއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ހިންނަވަރުގެ ޒިއާން މުޙައްމަދުއެވެ.
މި ގުރޫޕުގައި ދެން ހިމެނޭ ނައިފަރުން ކުރެންދޫގެ މައްޗަށް ކުރިހޯދީ 0-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ނައިފަރުގެ ޙުސެއިން ފައިސަލްއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނައިފަރުގެ އިބްރާޙީމް ޝަރީފެވެ.
ފުރަތަމަ މެޗަށްފަހު ޅ. އަތޮޅުގެ ޕޮއިންޓް ތާވަލު އެތުރިފައިވާ ގޮތަށް ބަލާއިރު ތާވަލުގެ އެއްވަނައިގައި އޮތީ ތިން ޕޮއިންޓާއެކު ހިންނަވަރެވެ. ދެވަނައިގައި އޮތް ނައިފަރަށް ވެސް ތިން ޕޮއިންޓު ލިބިފައިވާއިރު ހިންނަވަރަށް ކުރި ލިބެނީ ފައިދާ ގޯލުން ވެސް ދެ ޓީމު އެއްވަރުވެފައިވާތީ ޖަހާފައިވާ ލަނޑަށް ބިނާކޮށެވެ. ތިންވަނައިގައި އޮޅުވެލިފުށި އޮތްއިރު ފުލުގައި އޮތީ ލަނޑެއް ޖެހިފައި ނުވާ ކުރެންދޫއެވެ.